އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ. (ފޮޓޯ/ރޮއިޓާސް)

އިންޑިއާ

ރިޒާވް ދެމެހެއްޓުމަށް ތެލާއި ދަތުރުތައް މަދުކުރަން މޯދީ ގޮވާލައްވައިފި

މީގެ އިތުރުން، އާންމު ދަތުރުފަތުރުގެ ނިޒާމާއި މެޓްރޯގެ ހިދުމަތް ބޭނުންކުރުމަށާއި އެކަކަށް ވުރެ ގިނަ މީހުން އެއް އުޅަނދެއްގައި ދަތުރުކުރުމަށް އޭނާ ބާރުއެޅުއްވި
11 މޭ 2026

ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް އުފުލުމާ ގުޅިގެން އިންޑިއާގެ ބޭރު ފައިސާގެ ރިޒާވަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ތެޔޮ އިގްތިސާދު ކުރުމަށާއި ކޮންމެހެން ކުރަންޖެހޭ ހޭދަތައް ފިޔަވައި އެހެން ހޭދަތައް މަދުކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެ ގައުމުގެ ރައްޔިތުންނަށް އިއްޔެ ގޮވާލައްވައިފި އެވެ.

މޯދީ ވިދާޅުވީ، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ތައާރަފްކުރި ގޭގައި ތިބެގެން މަސައްކަތްކުރުމާއި އޮންލައިންކޮށް ބައްދަލުވުންތައް ބޭއްވުމުގެ އާދަ އަލުން އިއާދަކުރުމަކީ ތެލަށް ކުރާ ހޭދަ ކުޑަކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށެވެ.

"މިހާލަތުގައި އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ ބޭރު ފައިސާ ރައްކާތެރިކުރުމަށް،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، އާންމު ދަތުރުފަތުރުގެ ނިޒާމާއި މެޓްރޯގެ ހިދުމަތް ބޭނުންކުރުމަށާއި އެކަކަށް ވުރެ ގިނަ މީހުން އެއް އުޅަނދެއްގައި ދަތުރުކުރުމަށް އޭނާ ބާރުއެޅުއްވި އެވެ.

ދުނިޔޭގައި ތިންވަނައަށް އެންމެ ގިނައިން ތެޔޮ އެތެރެކޮށް ބޭނުންކުރާ އިންޑިއާއިން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނު ނަމަވެސް، މިހާތަނަށް އެ ގައުމުގެ އެތެރޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުނުކޮށް ވަނީ ހިފަހައްޓާފަ އެވެ.

ރަން ގަތުން މަދުކުރުމަށާއި ކުރިއަށް އޮތް އެއް އަހަރުދުވަހު ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ގައުމުން ބޭރަށް ނުކުރުމަށް ވެސް މޯދީ އިލްތިމާސްކުރެއްވި އެވެ. އަދި ކައްކާ ތެޔޮ ބޭނުންކުރާ މިންވަރު މަދުކުރުމަކީ ސިއްހަތަށް ފައިދާހުރި އަދި ގައުމީ ލޯބި އިސްކުރުން ކަމުގައި ވެސް އޭނާ ސިފަކުރެއްވި އެވެ.

ދަނޑުވެރިން ބޭނުންކުރާ ކެމިކަލް ގަސްކާނާގެ މިންވަރު ދެބައިކުޅަ އެއްބަޔަށް މަދުކުރުމަށް ވެސް ބޮޑުވަޒީރު ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް