ރަޝިއާ އިން ޔޫކްރެއިނަށް ދިން ހަމަލާއެއް. (ފޮޓޯ/ރޮއިޓާސް)

ޔޫކްރެއިން ހަނގުރާމަ ނިމުމަކާ ގާތްވެއްޖެ: ޕޫޓިން

ޔޫރަޕްގެ ސަލާމަތީ ކަންކަމާ ގުޅޭ އާ އިންތިޒާމުތަކާ މެދު މަޝްވަރާކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ޕޫޓިން ވިދާޅުވި
10 މޭ 2026

ހަތަރު އަހަރަށް ވުރެ ގިނަ ދުވަހަށް ދެމިގެންގޮސްފައިވާ ޔޫކްރެއިން ހަނގުރާމަ ނިމުމަކާ ގާތްވަމުންދާ ކަމަށް ގަބޫލުކުރައްވާ ކަމަށް ރަޝިއާގެ ރައީސް ވްލަޑިމިއަ ޕޫޓިން އިއްޔެ ވިދާޅުވެއްޖެ އެވެ.

މިއީ ސުލްހައިގެ މަޝްވަރާތަކަށް މަގުފަހިވެދާނެ ކަމުގެ އިޝާރާތެއް ކަމަށް ބެލެވެ އެވެ.

މޮސްކޯގައި ބޭއްވި 'ވިކްޓަރީ ޑޭ' ނުވަތަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި، ޔޫކްރެއިންގައި ރަޝިއާ ކާމިޔާބީ ހޯދާނެ ކަމަށް ވައުދުވެވަޑައިގަތުމަށް ފަހު، ކްރެމްލިންގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕޫޓިން ވިދާޅުވީ، މި ހަނގުރާމަ ނިމުމަކާ ގާތްވަމުންދާ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ޔޫރަޕްގެ ސަލާމަތީ ކަންކަމާ ގުޅޭ އާ އިންތިޒާމުތަކާ މެދު މަޝްވަރާކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ޕޫޓިން ވިދާޅުވި އެވެ. އަދި މަޝްވަރާތަކުގައި ބައިވެރިވުމަށް އެންމެ ބޭނުންފުޅުވާ ބޭފުޅަކީ ޖަރުމަނުގެ ކުރީގެ ޗާންސެލަރު ގާހާޑް ޝްރޯޑާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ޕޫޓިން މިހެން ވިދާޅުވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މެދުވެރިވުމާ އެކު އިއްޔެ އިން ފެށިގެން މާދަމާގެ ނިޔަލަށް ހަނގުރާމަ މެދުކަނޑާލުމަށް އިއުލާނުކޮށްފައިވާ އެއްބަސްވުމަކާ ގުޅިގެންނެވެ. މީގެ އިތުރުން، ރަޝިއާ އާއި ޔޫކްރެއިނުން ވަނީ 1,000 އަސީރުން ބަދަލުކުރުމަށް ވެސް އެއްބަސްވެފަ އެވެ.

މި ހަނގުރާމައަކީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު އިންސާނީ ފުރާނައަށް އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވި ހާދިސާ ކަމަށް ސިފަކުރައްވަމުން، ޓްރަމްޕް ވިދާޅުވީ މި ހަނގުރާމަ ހުއްޓުމަކަށް އައުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ނޭޓޯ ފުޅާކުރުމާއި ޔޫކްރެއިނަށް އެހީތެރިކަން ފޯރުކޮށްދީގެން ހުޅަނގުގެ ބާރުތަކުން މި ހަނގުރާމަ ފެށުމަށް މަގުފަހިކުރި ކަމަށް ބުނެ ޕޫޓިން ކުރައްވާ ތުހުމަތުތައް އިއްޔެ އޭނާ އަނެއްކާވެސް ތަކުރާރުކުރެއްވި އެވެ. އަނެއްކޮޅުން، ޔޫރަޕްގެ ލީޑަރުން ބުނަމުންދަނީ ރަޝިއާ ބަލިކުރަންޖެހޭ ކަމަށާއި މޮސްކޯއިން ޔޫރަޕްގެ ސަލާމަތީ މަސްލަހަތު ނަގާލަމުންދާ ކަމަށެވެ.

އެމެރިކާގެ އެހީތެރިކަމާ އެކު ކުރިއަށްދާ ސުލްހައިގެ މަޝްވަރާތައް މިވަގުތަށް މެދުކަނޑާލާފައިވާ ކަމަށް ކްރެމްލިންއިން ބުނި ނަމަވެސް، ހަފުތާ ބަންދުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފު ބޮޑު އެއްވެސް އަމަލެއް ދެ ފަރާތުން ވެސް ރިޕޯޓްކޮށްފައެއް ނުވެ އެވެ.

ޕޫޓިން އިތުރަށް ވިދާޅުވީ، ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަ ޒެލެންސްކީއާ ބައްދަލުކުރެއްވޭނީ ދާއިމީ ސުލްހައިގެ އެއްބަސްވުމަކަށް އާދެވުމުން ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް