ސެމްސަންގް އިލެކްޓްރޯނިކްސްގެ އެގްޒެކެޓިވް ޗެއާމަން ލީ ޖޭ-ޔޮންގް

ސެމްސަންގް

ސެމްސަންގް އާއިލާއިން 8 ބިލިއަން ޑޮލަރުގެ ވާރުތަ ޓެކްސް ދައްކައިފި

މިއީ އެ ގައުމުގެ ތާރީހުގައި ވެސް ހެދި މިފަދަ އެންމެ ބޮޑު ސެޓްލްމެންޓް
4 މޭ 2026

ދެކުނު ކޮރެއާގެ ސެމްސަންގު ކުންފުނިން 8 ބިލިއަން ޑޮލަރުގެ ވާރުތަ ޓެކްސް ބިލް ދައްކައިފި އެވެ.

މިއީ އެ ގައުމުގެ ތާރީހުގައި ވެސް ހެދި މިފަދަ އެންމެ ބޮޑު ސެޓްލްމެންޓެވެ.

ޗެއާމަން ލީ ޖައި-ޔޮންގް އާއި އާއިލާގެ އެހެން މެމްބަރުން ވެގެން ވަނީ ފާއިތުވި ފަސް އަހަރުދުވަހުގެ ތެރޭގައި ހަ އިންސްޓޯލްމަންޓަކަށް ބަހާލައިގެން އެ ފައިސާ ދައްކައިފަ އެވެ. އޭގެ ތެރޭގައި ޗެއާމަން ލީ ޖައި-ޔޮންގްގެ މަންމަ ހޮންގް ރާ-ހީ އާއި އެއްބަނޑު އެއްބަފާ ދެބެން ކަމަށްވާ ލީ ބޫ-ޖިން އާއި ލީ ސިއޯ-ހިއުން ހިމެނެ އެވެ.

އެ ބިލަކީ އޮކްޓޯބަރު 2020ގައި އަވަހާރަވި އެ ކުންފުނީގެ ކުރީގެ ޗެއާމަން ލީ ކުން-ހީ ދޫކުރައްވާފައިވާ އެސްޓޭޓާ ގުޅިފައިވާ ބިލެކެވެ.

ސެމްސަންގަކީ ދެކުނު ކޮރެއާގެ އެންމެ ބޮޑު އާއިލީ ވިޔަފާރި އެވެ. އެ ކުންފުނިން އިލެކްޓްރޯނިކްސް، ހެވީ އިންޑަސްޓްރީ، ކޮންސްޓްރަކްޝަން އަދި ފައިނޭންޝަލް ސާވިސަސް ފަދަ ވިޔަފާރިތައް ކުރުން ހިމެނެ އެވެ.

ލީ ކުން-ހީ ވަނީ 26 ޓްރިލިއަންގެ މުއްސަނދިކަން ދޫކޮށްފަ އެވެ. އޭގެ ތެރޭގައި ހިއްސާ އާއި ޕްރޮޕަޓީ އަދި އާޓް ކަލެކްޝަން ފަދަ ތަކެތި ހިމެނެ އެވެ.

އެ އާއިލާއިން ބުނީ ޓެކްސް ދެއްކުމަކީ ރައްޔިތުންގެ ވާޖިބެއް ކަމަށެވެ.

ބްލޫމްބާގް ބިލިއަނަރުންގެ އިންޑެކްސް އިން ދައްކާ ގޮތުގައި، ލީ އާއިލާގެ މިލްކިއްޔާތު 45 ބިލިއަން ޑޮލަރަށް ވުރެ ގިނަ އެވެ.

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ދާއިރާގެ ޗިޕްތަކަށް އޮތް ޑިމާންޑުގެ ސަބަބުން ސެމްސަންގް އިލެކްޓްރޯނިކްސްގެ ހިއްސާގެ ބާޒާރުގައި އަގު އުފުލިގެން ދިއުމުގެ ސަބަބުން އެ ކުންފުނީގެ މުއްސަނދިކަން މިދިޔަ އަހަރު ދެ ގުނައަށް އިތުރުވި އެވެ.

ކޮމްޕިއުޓަރު ޗިޕް އުފެއްދުމުގެ އިތުރުން ސެމްސަންގް ޓެކްނޮލޮޖީ އޮޕަރޭޝަންތަކުގެ ތެރޭގައި ދުނިޔޭގެ އެންމެ ބޮޑު ސްމާޓްފޯން އުފައްދާ އެއް ކުންފުނި ހިމެނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް