އެޕަލްގެ މިހާރުގެ ސީއީއޯ ޓިމް ކުކް (ކ) އަދި 1 ސެޕްޓެމްބަރުން ފެށިގެން އެ މަގާމާ ހަވާލުވެވަޑައިގަންނަވާ ޖޯން ޓާނަސް. (ފޮޓޯ/އެޕަލް)

އެޕަލް

އެޕަލްގެ އާ ސީއީއޯއަކަށް ޖޯން ޓާނަސް؛ ޓިމް ކުކް ޗެއާމަނަކަށް

2001ގައި އެޕަލްއާ ގުޅުނު ޓާނަސްއަކީ މެކް، އައިޕެޑް އަދި އެއާޕޮޑްސް ފަދަ އެ ކުންފުނީގެ މުހިންމު އުފެއްދުންތައް ތަރައްގީކުރުމުގައި ވަރަށް އިސް ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެއް
21 އޭޕްރީލު 2026

އެޕަލް ކުންފުނީގެ ހާޑްވެއާ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ އިސްވެރިޔާ ޖޯން ޓާނަސް، އެ ކުންފުނީގެ އާ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމަށް އައްޔަންކޮށްފި އެވެ. މި ބަދަލާ އެކު، މިހާރުގެ ސީއީއޯ ޓިމް ކުކް އަންނަ 1 ސެޕްޓެމްބަރުން ފެށިގެން ބަދަލުވާނީ ކުންފުނީގެ އެގްޒެކެޓިވް ޗެއާމަންގެ މަގާމަށެވެ.

އެ ކުންފުނިން ހާމަކުރި ގޮތުގައި، 2001ގައި އެޕަލްއާ ގުޅުނު ޓާނަސްއަކީ މެކް، އައިޕެޑް އަދި އެއާޕޮޑްސް ފަދަ އެ ކުންފުނީގެ މުހިންމު އުފެއްދުންތައް ތަރައްގީކުރުމުގައި ވަރަށް އިސް ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މި މަގާމަށް އައްޔަންކުރެވުނީ، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ދާއިރާގައި އެޕަލްގެ މަގާމު ވަރުގަދަކުރުމަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ މުހިންމު ދަނޑިވަޅެއްގަ އެވެ.

އެޕަލްގެ ބާނީ ސްޓީވް ޖޮބްސް އަވަހާރަވުމުގެ ދުވަސްކޮޅެއް ކުރިން އޭނާގެ ސިއްހީ ހާލަތާ ގުޅިގެން އެޕަލްގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތް ޓިމް ކުކް ވަނީ ވޭތުވެދިޔަ 15 އަހަރު އެ ކުންފުނީގެ ބާޒާރުގެ އަގު 3.6 ޓްރިލިއަން ޑޮލަރަށް އިތުރުކޮށްދެއްވާފަ އެވެ. އިއްޔެ އިއުލާނުކުރި ބަދަލާ އެކު ވެސް ކުންފުނީގެ ބޮޑެތި ނިންމުންތަކުގައި އޭނާ ދެމިހުންނަވާނެ އެވެ. ކުކްގެ ދައުރުގައި އެޕަލް ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ލިސްޓުގެ ކުރިއަށް އެރި ނަމަވެސް، ފަހަކަށް އައިސް އޭއައިއަށް ބޮޑު ސަމާލުކަމެއްދޭ ވާދަވެރި ކުންފުނިތަކުގެ ސަބަބުން އެ މަގާމަށް ވަނީ ލޮޅުން އަރާފަ އެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި، ޓާނަސްއަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ އެޕަލްގެ އޭއައި ގާބިލިއްޔަތުކަން ކުރިއެރުވުމެވެ. ޓެކްނަލިސިސް ރިސާޗުގެ ބޮބް އޯޑޮނެލް ވިދާޅުވި ގޮތުގައި، ޓާނަސްގެ އެންމެ އިސް މަސައްކަތަކަށް ވާނީ އޭއައިގެ ދާއިރާއިން އެޕަލްއަށް އިތުރު ކުރިއެރުންތަކެއް ހޯދައިދިނުމެވެ.

މި ދާއިރާގައި ހުރި ހުސްކަން ފޫބެއްދުމަށްޓަކައި، ގޫގުލްގެ 'ޖެމިނައި' އޭއައި ސިރީއަށް ތައާރަފުކުރުމަށް އެޕަލްއިން ވަނީ މިހާރު ވެސް މަސައްކަތް ފަށާފަ އެވެ. ނަމަވެސް، އޯޕަން އޭއައި ފަދަ ކުންފުނިތަކުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނައިރު، އެޕަލްއިން އަދި އޭއައިއަށް ބިނާވެފައިވާ ވަރުގަދަ އުފެއްދުމެއް މާކެޓަށް ނެރެފައެއް ނުވެ އެވެ.

ހިންގުމަށް މި ގެނައި ބަދަލާ އެކު، ހާޑްވެއާ އީޖާދުތަކަށް އެޕަލްއިން ދޭ ސަމާލުކަން އަލުން އިތުރުވެގެންދާނެ އެވެ. މީގެ ތެރޭގައި އޯގްމެންޓެޑް ރިއަލިޓީ، ގައިގައި އަޅައިގެން އުޅޭ އިލެކްޓްރޯނިކް އާލާތްތައް އަދި އޭއައި ހިމެނޭ އުފެއްދުންތައް ތަރައްގީކުރުން ހިމެނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް