ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާކް ރޫޓާ. (ފޮޓޯ/ރޮއިޓާސް)

އީރާނުގެ ބަނދަރުތައް ބަންދުކުރުމަށް އެމެރިކާއާ ބައިވެރިވާން ނޭޓޯއިން ދެކޮޅުހަދައިފި

މީގެ ބަދަލުގައި ޔޫރަޕްގެ ލީޑަރުން ހުށަހެޅުއްވީ، ހަނގުރާމަ ނިމުމުން ހޮރްމޫޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބައިނަލްއަގުވާމީ މިޝަނެއް އެކުލަވާލުމަށް
14 އޭޕްރީލު 2026

މެދުއިރުމަތީގެ މަޝްރަހު ގޯސްވަމުންދާ ދަނޑިވަޅެއްގައި، އީރާނުގެ ބަނދަރުތައް ހިސާރުކޮށް ބަންދުކުރުމަށް އެމެރިކާއިން އިއްޔެ އެޅި ފިޔަވަޅަށް އެއްބާރުލުން ނުދޭނެ ކަމަށް ނޭޓޯގެ ގައުމުތަކުން ބުނެފި އެވެ.

މިއީ މި އިއްތިހާދުގެ ތެރޭގައި އުފެދިފައިވާ ބޮޑެތި ހިޔާލުތަފާތުވުންތައް ހާމަވެގެންދިޔަ ކަމެކެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނު ކުރެއްވި ގޮތުގައި، މި ފިޔަވަޅުގެ އަމާޒަކީ އީރާނުގެ ބަނދަރުތަކާ ގުޅުންހުރި އުޅަނދުފަހަރެވެ. އަދި އީރާނުގެ އެއްވެސް އުޅަނދެއް އެ ސަރަހައްދާ ގާތްވެއްޖެ ނަމަ އެ އެއްޗެއް ނައްތާލާނެކަމުގެ އިންޒާރު ވެސް އޭނާ ވަނީ ދެއްވާފަ އެވެ.

ނަމަވެސް، އިނގިރޭސިވިލާތާއި ފްރާންސް ފަދަ އެމެރިކާގެ މުހިންމު ބައިވެރިން ވަނީ މިކަމުގައި ބައިވެރިނުވާނެ ކަމަށް ބުނެފަ އެވެ.

އިނގިރޭސި ބޮޑުވަޒީރު ކީރު ސްޓާމާ ވިދާޅުވީ، އިނގިރޭސިވިލާތުން އެ ފިޔަވަޅަށް ތާއީދު ނުކުރާ ކަމަށެވެ. އަދި އެމެރިކާގެ ފަރާތުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިވި ނަމަވެސް، އިނގިރޭސިވިލާތް މި ހަނގުރާމައިގެ ތެރެއަށް ނުވަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ބަދަލުގައި ޔޫރަޕްގެ ލީޑަރުން ހުށަހެޅުއްވީ، ހަނގުރާމަ ނިމުމުން ހޮރްމޫޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބައިނަލްއަގުވާމީ މިޝަނެއް އެކުލަވާލުމަށެވެ. ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން ވިދާޅުވި ގޮތުގައި، މިއީ ހަމައެކަނި ދިފާއީ މަގުސަދެއްގައި، މަޝްރަހު ތަންދޭ މިންވަރަކުން ކުރިއަށް ގެންދާނެ މަސައްކަތެކެވެ.

މި ނިންމުމުގެ ސަބަބުން ވޮޝިންޓަނާ އެކު އޮތް ގުޅުމަށް އިތުރު ބުރޫތަކެއް އަރާފައިވާއިރު، މީގެ ކުރިން ޓްރަމްޕް ވަނީ މި ފިޔަވަޅުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ ބައިވެރިވުން ބޮޑުކުރުމަށް އެދިވަޑައިގެންފަ އެވެ.

ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާކް ރޫޓާ ވަނީ ކަނޑުއޮޅީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މުސްތަގުބަލުގައި ކުރެވިދާނެ ކަންކަމާ މެދު ވިސްނުމަށް މެންބަރު ގައުމުތަކަށް ބާރުއަޅުއްވާފަ އެވެ. ނަމަވެސް، މިކަމުގައި އަދި އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ.

ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހޮރްމޫޒް ކަނޑުއޮޅިއަކީ މި މައްސަލައިގެ މައިގަނޑު މަރުކަޒެވެ. ޔޫރަޕްގެ ގައުމުތަކުން ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެހީތެރިވާން ތައްޔާރަށް ތިބި ނަމަވެސް، އެ ގައުމުތަކުން ބާރުއަޅަނީ އެއްވެސް ފިޔަވަޅެއް އަޅަންވާނީ ހަނގުރާމަ ހުއްޓާލައި، ސިޔާސީ އެއްބަސްވުމަކަށް އައުމަށް ފަހު ކަމަށެވެ.

މީގެ އިތުރުން ތުރުކީން ވެސް ވަނީ މިކަމަށް ސިޔާސީ ހައްލެއް ހޯދުމަށް ގޮވާލާފަ އެވެ. ތުރުކީގެ ހާރިޖީ ވަޒީރު ހާކާން ފިދާން ވިދާޅުވީ، އަސްކަރީ ފިޔަވަޅު އެޅުމުގެ ބަދަލުގައި މަޝްވަރާގެ މޭޒުން ކަނޑުއޮޅި ހުޅުވާލުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް