ޗާގޯސް އައިލެންޑްސް.
ޗާގޯސްގެ އެއްބަސްވުން އިނގިރޭސިވިލާތުން މަޑުޖައްސާލައިފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އޮތް ގުޅުން ގޯސްވަމުންދާ ދަނޑިވަޅެއްގައި، އެމެރިކާގެ ރަސްމީ ހުއްދަ ނުލިބުމުގެ ސަބަބުން، ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލުމަށް އިނގިރޭސިވިލާތުން މޮރިޝަސްއާ އެކު ވެފައިވާ އެއްބަސްވުމަށް އަމަލުކުރުން އެ ގައުމުން މަޑުޖައްސާލައިފި އެވެ.
މޭ 2025ގައި ސޮއިކުރި މި އެއްބަސްވުމުގެ ދަށުން، އެ ސަރަހައްދުގެ ކޮންޓްރޯލް މޮރިޝަސްއާ ހަވާލުކުރުމަށް ފަހު، އަހަރަކު އެވްރެޖްކޮށް 101 މިލިއަން ޕައުންޑްގެ ކުއްޔަކަށް ޑިއޭގޯ ގާސިއާ އަސްކަރީ މަރުކަޒު އިނގިރޭސިވިލާތުން އަނބުރާ ކުއްޔަށް ހިފުމަށް އޮތީ ހަމަޖެހިފަ އެވެ.
ނަމަވެސް، ގާނޫނު ހަދާ މަޖިލީހުގެ މި ދައުރު ނިމުމުގެ ކުރިން ބޭނުންވާ ގާނޫނުތައް ފާސްކުރުމަށް ވަގުތު ނެތް ކަމަށާއި ކުރިއަށް އޮތް ރަސްގެފާނުގެ ތަގުރީރުގައި މި އެއްބަސްވުމުގެ ވާހަކަ ހިމެނުމަކީ ނާދިރު ކަމެއް ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.
ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ އިނގިރޭސިވިލާތުން މިކަމައިގެން ކުރިއަށްދާނީ އެމެރިކާގެ ތާއީދު ލިބިގެން ކަމަށެވެ. އަދި ޑިއޭގޯ ގާސިއާއަކީ އިނގިރޭސިވިލާތާއި އެމެރިކާއަށް ވެސް އަސްކަރީ ގޮތުން ވަރަށް މުހިންމު ތަނެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ޓްރަމްޕް ވަނީ މި އެއްބަސްވުމަށް ފާޑުވިދާޅުވެ، މިއީ ބަލިކަށި އަމަލެއް ކަމަށް ސިފަކުރައްވާފަ އެވެ. އަދި ޑިއޭގޯ ގާސިއާ ދޫކޮށްނުލުމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއަރު ސްޓާމާއަށް އޭނާ ވަނީ ގޮވާލައްވާފަ އެވެ. މި މުއާހަދާ ތަންފީޒު ކުރުމަށް ވޮޝިންޓަނުން ބޭނުންވާ ރަސްމީ ލިޔެކިޔުންތައް އިނގިރޭސިވިލާތަށް އަދި ލިބިފައެއް ނުވެ އެވެ.
މި ނިންމުމާ ގުޅިގެން ސިޔާސީ މަސްރަހުން ތަފާތު ހިޔާލުތައް ވަނީ ފެންމަތިވެފަ އެވެ. ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކެމީ ބޭޑެނޮކް މި ނިންމުމަށް މަރުހަބާ ވިދާޅުވަމުން ވިދާޅުވީ، މި އެއްބަސްވުމަކީ މިހާރު "ތާރީހުގެ ކުނިގަނޑަށް" އުކާލެވިފައިވާ އެއްޗެއް ކަމަށެވެ. ރިފޯމް ޔޫކޭގެ ލީޑަރު ނައިޖެލް ފަރާޖް ވިދާޅުވީ މިއީ ވަރަށް އުފާވެރި އަދި މާ ކުރިން ވެސް ވާންޖެހޭ ކަމެއް ކަމަށެވެ.
ލިބަރަލް ޑިމޮކްރެޓްސްގެ ހާރިޖީ ކަންކަމާ ބެހޭ ތަރުޖަމާނު ކެލަމް މިލާ ވަނީ މި އެއްބަސްވުން ކުރިއަށް ގެންދިޔަ ގޮތަށް ފާޑުވިދާޅުވެ، އެއީ މުޅިން ބޮއްސުންލާފައިވާ ކަމެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. އަދި ޓްރަމްޕްގެ އަމަލުތަކުން އިނގިރޭސިވިލާތާއި އެމެރިކާގެ ގުޅުމުގައި އޮތް ނުތަނަވަސްކަން ހާމަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމެންޓް (1)
ތެފައާސާ.