އިޒްރޭލުގެ ހަމަލާތަކެއްގައި މަރުވި އީރާނުގެ ކުޑަކުދިންތަކެއްގެ ފޮޓޯތަކެއް. (ފޮޓޯ/ރޮއިޓާސް)

ޕާކިސްތާން

ސައުދީ، ތުރުކީ އަދި މިސްރުގެ ހާރިޖީ ވަޒީރުން މާދަމާ ޕާކިސްތާނުގައި ބައްދަލުކުރަނީ

މި ބައްދަލުވުމުގެ ބޭނުމަކީ އެމެރިކާ އަދި އިޒްރޭލާއި އީރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތައް ބޭއްވޭނެ މަރުކަޒެއްގެ ގޮތުގައި އިސްލާމްއާބާދު ހަމަޖެއްސުން
28 މާރިޗު 2026

އީރާނުގެ މަސްރަހު ފިނިކުރުމަށްޓަކައި ސައޫދީ އަރަބިއްޔާ، ތުރުކީ އަދި މިސްރުގެ ހާރިޖީ ވަޒީރުންނާ އެކު ޕާކިސްތާނުން ހާއްސަ މަޝްވަރާ ބައްދަލުވުމެއް މާދަމާ ފަށަން ތައްޔާރުވެއްޖެ އެވެ.

މި ބައްދަލުވުމުގެ ބޭނުމަކީ އެމެރިކާ އަދި އިޒްރޭލާއި އީރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތައް ބޭއްވޭނެ މަރުކަޒެއްގެ ގޮތުގައި އިސްލާމްއާބާދު ހަމަޖެއްސުމެވެ.

ޕާކިސްތާނުގެ ހާރިޖީ ވުޒާރާއިން މިއަދު ބުނި ގޮތުގައި، ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ސަރަހައްދީ ހަމަނުޖެހުންތައް ކުޑަކުރުމަށް ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށެވެ.

ތުރުކީގެ ހާރިޖީ ވަޒީރު ހާކާން ފިދާން ވިދާޅުވި ގޮތުގައި، މި މަޝްވަރާތަކުގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ މަޝްވަރާތައް ކުރިއަށްދާ މިސްރާބު ބަލައި އިތުރަށް ކުރެވިދާނެ ކަންކަން ދެނެގަންނާނެ އެވެ.

މައްސަލަ ހައްލުކުރުމަށް މެދުވެރިއެއްގެ ދައުރު އަދާކުރާ މި ހަތަރު ގައުމުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، ޕާކިސްތާނުން ވަނީ އެމެރިކާގެ ހުށަހެޅުމެއް ތެހެރާނަށް ހުށަހަޅައި މަޝްވަރާތައް ބޭއްވުމަށް އެ ގައުމުގެ އެހީތެރިކަން ހުށަހަޅާފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަޝްވަރާތައް ވަރަށް ރަނގަޅަށް ކުރިއަށްދާ ކަމަށް ވިދާޅުވި ނަމަވެސް، އީރާނުން ވަނީ އެފަދަ މަޝްވަރާއެއްގައި ބައިވެރިވާ ކަމަށް އިންކާރުކޮށްފަ އެވެ. އަދި އެމެރިކާގެ ހުށަހެޅުމަކީ އިންސާފުން އެއްކިބާވެފައިވާ، އެއްފަރާތަކަށް ޖެހިފައިވާ ހުށަހެޅުމެއްގެ ގޮތުގައި އީރާނުން ސިފަކުރެ އެވެ.

މި ބައްދަލުވުން ބާއްވަން ނިންމާފައިވަނީ ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށާއި ވިޔަފާރީގެ މަގުތަކަށް ކުރިމަތިވެދާނެ ހުރަސްތަކުން ސަލާމަތްވުމަށް ދުނިޔޭގެ ގައުމުތަކުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް