ތެޔޮ ޓޭންކަރުތަކެއް ހޮރްމުޒް ކަނޑުއޮޅީގައި. (ފޮޓޯ/ރޮއިޓާސް)

ހޮރްމޫޒް ކަނޑުއޮޅީގެ ސަލާމަތްތެރިކަން ކަށަވަރުކުރަން ތައްޔާރު: ޔޫރަޕާއި ޖަޕާން

މިއީ، ތެލުގެ އަގު އިންތިހާއަށް އުފުލިދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި، މިކަމުގެ ތެރެއަށް ވަނުމަށް ފަސްޖެހެމުންދިޔަ އެމެރިކާގެ ބައިވެރިންގެ ސިޔާސަތަށް އައި ބަދަލެއް
19 މާރިޗު 2026

އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ކުރަމުންދާ ހަނގުރާމަ ވަރުގަދަވެ، ގަލްފުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ދެމުންދާ ހަމަލާތައް އިތުރުވުމާ ގުޅިގެން، ދުނިޔޭގެ ހަކަތައިގެ ބާޒާރު ހަމަޖެއްސުމަށާއި ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިވުމަށް ތައްޔާރަށް ތިބި ކަމަށް ޔޫރަޕްގެ ބާރުތަކާއި ޖަޕާނުން މިއަދު ބުނެފި އެވެ.

އިނގިރޭސިވިލާތް، ފްރާންސް، ޖަރުމަނު، އިޓަލީ، ނެދަލޭންޑްސް އަދި ޖަޕާން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކަނޑުއޮޅިން ދަތުރުފަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ އެކަށީގެންވާ މަސައްކަތްތަކުގައި ބައިވެރިވުމަށާއި، ހަކަތައިގެ ބާޒާރު ހަމައަކަށް އެޅުވުމަށްޓަކައި އުފައްދާ މިންވަރު އިތުރުކުރުމަށް މަސައްކަތްކުރުން ހިމެނޭހެން އެހެނިހެން ފިޔަވަޅުތައް އެޅުމަށް ތައްޔާރަށް ތިބި ކަމަށެވެ.

މިއީ މުހިންމު މަރުކަޒުތަކަށް ދެވުނު ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި، މިކަމުގެ ތެރެއަށް ވަނުމަށް ފަސްޖެހެމުންދިޔަ އެމެރިކާގެ ބައިވެރިންގެ ސިޔާސަތަށް އައި ބަދަލެކެވެ.

ދުނިޔެއަށް ބޭނުންވާ ގޭހުގެ ފަސްބައިކުޅަ އެއްބައި ސަޕްލައިކުރާ ގަތަރުގެ ރައުސް ލައްފާން އެލްއެންޖީ މަރުކަޒަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ސައުދީ އަރަބިއްޔާ، ޔޫއޭއީ އަދި ކުވެއިތުގެ ހަކަތަ އުފައްދާ ތަންތަނަށް ވެސް ވަނީ ހަމަލާތައް އަމާޒުވެފަ އެވެ.

ހަކަތައިގެ ބާޒާރަށް މިކަމުގެ ސަބަބުން ވަނީ ބޮޑު ލޮޅުމެއް އަރާފަ އެވެ. ހަނގުރާމަ ފެށުނު ފަހުން ތެލުގެ އަގު އުފުލި، ގޭހުގެ އަގު %60އަށް ވުރެ މައްޗަށް ގޮސްފައިވާއިރު، ތަކެތީގެ އަގު އުފުލުމާއި މި ހާލަތު ދިގުލައިގެން ހިނގައިދާނެ ކަމުގެ ބިރާ އެކު މާލީ ބާޒާރުތަކަށް ވެސް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފަ އެވެ.

އީރާނުގެ ފަރާތުން ބޮޑެތި ގެއްލުންތަކެއް ދިނުމުގެ ގާބިލުކަން އަދިވެސް އެބަހުރި ކަމަށާއި މި ހަމަލާތަކުގެ ސަބަބުން ވައިގެ ދިފާއީ ނިޒާމުތަކުގެ ނުކުޅެދުންތެރިކަން ހާމަވެފައިވާ ކަމަށް އޮފިޝަލުން އިންޒާރު ދީފައިވެ އެވެ. ތެހެރާނުން ބުނެފައިވަނީ އެ ގައުމުގެ ވަސީލަތްތަކަށް ދޭ ހަމަލާތަކަކީ ހަނގުރާމައިގެ އާ މަރުހަލާއެއް ކަމަށާއި އަލުން ހަމަލާދީފި ނަމަ ރައްދު ހަމަލާތައް ދެމުން ގެންދާނެ ކަމަށެވެ.

ހަމަ އެއާ އެކު، ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތުމާ ގުޅިގެން، ކަނޑުގެ މަގުތައް ރައްކާތެރިކުރުމަށްޓަކައި އެ ސަރަހައްދަށް އިތުރު ސިފައިން ފޮނުވުމުގެ އިޝާރާތެއް އެމެރިކާގެ އޮފިޝަލުން ވަނީ ދީފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް