އެމެރިކާ އާއި އިޒްރޭލާއި އީރާނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި، ޝަހުރާނުގެ ތެޔޮ ޓޭންކްތަކަށް ދިން ހަމަލާގައި ދުން އަރަމުންދާއިރު، ހަލާކުވެފައިވާ އުޅަނދެއް ކައިރީގައި މީހުން ހަރަކާތްތެރިވަނީ. (ފޮޓޯ/ރޮއިޓާސް)
ތެލުގެ އަގު އުފުލޭތީ އޭޝިއާގެ ގައުމުތަކުން ކުއްލި ފިޔަވަޅުތަކެއް އަޅަނީ
އީރާނާއި، އެމެރިކާ އަދި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބުރޫއަރައި ތެލުގެ އަގު އިންތިހާއަށް އުފުލެމުންދާތީ، އޭޝިއާގެ ގައުމުތަކުން ކުއްލި ފިޔަވަޅުތަކެއް އަޅަން ފަށައިފި އެވެ.
މެދުއިރުމަތީގެ ބައެއް ގައުމުތަކުން ތެޔޮ އުފައްދާ މިންވަރު މަދުކުރުމާއި ދުނިޔޭގެ ތެލުގެ ވިޔަފާރީގެ މުހިންމު މަގަކަށްވާ ހޯމުޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަށް ހުރަސްތަކެއް ކުރިމަތިވުމާ ގުޅިގެން، ތެލުގެ އަގު މިއަދު ވަނީ ގާތްގަނޑަކަށް %25އަށް އުފުލިފަ އެވެ. މިއީ ބްރެންޓް ކްރޫޑްގެ އަގު އެއް ދުވަސް ތެރޭ މިހާ ބޮޑަށް އުފުލުނު ރެކޯޑް މިންވަރެކެވެ.
މި ބަދަލު އައިސްފައިވަނީ އީރާނުގެ އެންމެ މަތީ ވެރިޔާގެ މަގާމަށް މުޖްތަބާ ހާމަނާއީ އައްޔަންކުރުމާ ގުޅިގެން، އެ ގައުމުގެ ހަރުކަށި ސިޔާސަތުތަކަށް ބަދަލެއް ނާންނާނެކަމުގެ ނިޝާންތައް ފެންނަން ފެށުމާ އެކު އެވެ.
ބޭނުންވާ ތެލުގެ %70 މެދުއިރުމަތިން އެތެރެކުރާ ދެކުނު ކޮރެއާއިން ވަނީ، ފާއިތުވި 30 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ތެލުގެ އަގު ވަކި މިންވަރެއްގައި ހިފެހެއްޓުމަށް ނިންމާފަ އެވެ. އެ ގައުމުގެ ރައީސް ލީ ޖޭ މިޔަންގް ވިދާޅުވި ގޮތުގައި، ދުނިޔޭގެ ވިޔަފާރިއަށާއި މެދުއިރުމަތީގެ ހަކަތައަށް ބަރޯސާވާ މިންވަރު ބޮޑުކަމުން، މި ހާލަތަކީ އެ ގައުމުގެ އިގްތިސާދަށް ކުރިމަތިވި ވަރަށް ބޮޑު ބުރައެކެވެ. އަދި ހާސްކަމުގެ ތެރޭގައި މާ ގިނައިން ތެޔޮ ގަނެ ރައްކާނުކުރުމަށް ވެސް އޭނާ ވަނީ އިލްތިމާސްކުރައްވާފަ އެވެ.
ޖަޕާނުން ވެސް ދަނީ ބާޒާރަށް އަތުވެދާނެ ލޮޅުންތަކަކަށް ތައްޔާރުވަމުންނެވެ. ޖަޕާނުން ބޭނުންވާ ތެލުގެ %95 މެދުއިރުމަތިން އެތެރެކުރާއިރު، އެ ގައުމުގައި 354 ދުވަހަށް ފުދޭ ވަރަށް ތެޔޮ ރައްކާކުރެވިފައިވެ އެވެ. ސަރުކާރުގެ އިސް އޮފިޝަލުން ވިދާޅުވި ގޮތުގައި، ބާޒާރަށް ތެޔޮ ދޫކުރުމަށް ތައްޔާރުވުމަށް ކަމާ ބެހޭ ފަރާތްތަކަށް މިހާރު ވަނީ އަންގާފަ އެވެ. ނަމަވެސް، މިކަމުގައި އަދި ވަކި ގޮތެއް ނުނިންމަަ އެވެ.
މީގެ އިތުރުން، އެހެން ގައުމުތަކުން ވެސް ދަނީ ހަކަތައަށް އޮތް ޑިމާންޑް ކުޑަކުރުމަށް އިތުރު ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން، ވިއެޓްނާމުން ތެލުން ނަގާ އިމްޕޯޓް ޑިއުޓީ ކަނޑާލާފައިވާއިރު، ބަންގްލަދޭޝްއިން ވަނީ ކަރަންޓު އިގްތިސާދު ކުރުމުގެ ގޮތުން ޔުނިވަސިޓީތައް ބަންދުކޮށްފަ އެވެ. އަދި ޗައިނާއިން ވަނީ ތެޔޮ ބޭރުކުރުން ހުއްޓާލުމަށް ރިފައިނަރީތަކަށް އަންގާފަ އެވެ.
އިގްތިސާދީ މާހިރުން ލަފާކުރާ ގޮތުގައި، ތެޔޮ އުފައްދާ މިންވަރު މަދުވުމާއި ދަތުރުފަތުރުގެ މުހިންމު މަގުތައް ބަންދުވުމުގެ ސަބަބުން، މާކެޓަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވާނެ އެވެ. ކޭޕްލާގެ ސީނިއަ އޮއިލް އެނަލިސްޓް މުޔޫ ޒޫ ވިދާޅުވި ގޮތުގައި، މެދުއިރުމަތީގެ ގައުމުތަކުން ތެޔޮ އުފައްދާ މިންވަރު މަދުކުރުމާއި ހޯމުޒް ކަނޑުއޮޅި ބަންދުވުމަކީ ތެލުގެ އަގު އިންތިހާއަށް އުފުލިގެންދާނެ ސަބަބުތަކެކެވެ.