އެމެރިކާއިން ފައްތާލި އީރާނުގެ މަނަވަރުގައި ތިބި މީހުންގެ ތެރެއިން މަރުވި މީހެއްގެ ހަށިގަނޑު ލަންކާގެ ހޮސްޕިޓަލަކަށް ގެންދަނީ. (ފޮޓޯ/އޭޕީ)

ލަންކާ ކައިރިން ފައްތާލީ އިންޑިއާގެ ތަމްރީނުތަކެއްގައި ބައިވެރިވި އީރާނުގެ މަނަވަރެއް

މި ހާދިސާއާ ގުޅިގެން އިންޑިއާ ސަރުކާރުން ހަނުހުރުމުން އިދިކޮޅު ލީޑަރުން ވަނީ ފާޑުވިދާޅުވެފައި
5 މާރިޗު 2026

ސްރީ ލަންކާ ކައިރިން އެމެރިކާގެ ސަބްމެރީނަކުން އިއްޔެ ހަމަލާދީ ފައްތާލި އީރާނުގެ މަނަވަރަކީ، އޭގެ ކުރިން އިންޑިއާއިން ބޭއްވި ކަނޑުގެ އަސްކަރީ ތަމްރީނުތަކެއްގައި ބައިވެރިވި އުޅަނދެއްކަން ހާމަވެއްޖެ އެވެ.

އެމެރިކާ އާއި އިޒްރޭލުން އީރާނާ އެކު ކުރަމުންދާ ކުރިމަތިލުންތައް ފުޅާވަމުންދާ މި ދަނޑިވަޅުގައި މި ހާދިސާ ހިނގުމާ ގުޅިގެން، އިންޑިއާ ކަނޑުގެ ސަލާމަތީ މަސްލަހަތާ މެދު އިންޑިއާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ލަންކާގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރި ގޮތުގައި، އީރާނުގެ އައިއާރުއައިއެސް ދަނާ ނަމަކަށް ކިޔާ މި މަނަވަރު ފެތިފައިވަނީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދަށް ދިން ޓޯޕީޑޯ ހަމަލާއެއްގަ އެވެ.

މި ހާދިސާގައި މަރުވި 87 މީހެއްގެ ހަށިގަނޑު ފެނިފައިވާއިރު، ސަލާމަތްވި 32 ފަޅުވެރިންނަށް ގޯލްގެ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.

މަނަވަރު އަޑިއަށް ދިއުމުގެ ކުރިން އެހީއަށް އެދި ގޮވާފައިވާ ކަމަށާއި، ސަލާމަތްކުރާ ފަރާތްތަކަށް އެ ސަރަހައްދަށް ދެވުނުއިރު ފެންނަން އޮތީ ކަނޑަށް އެޅިފައިވާ ތެލާއި ސަލާމަތްވި ބައެއް ފަޅުވެރިންގެ ހަށިގަނޑުތައް އެކަނި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވިދާޅުވި ގޮތުގައި، މި މަނަވަރަކީ އެމެރިކާގެ އަމާޒުފަތްގަނޑެކެވެ. އަދި މިއީ އީރާނުގެ ކަނޑުގެ ސިފައިންނާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ ފުޅާ ކެމްޕޭނުގެ ބައެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ. އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުން އާންމުކުރި ވީޑިއޯއިން ފެންނަ ގޮތުގައި، ޓޯޕީޑޯ ހަމަލާއާ އެކު މަނަވަރު ވަނީ ދެބުރިވެފަ އެވެ.

އީރާނުން މި ހާދިސާ ވަރަށް ބޮޑަށް ކުށްވެރިކޮށްފައިވެ އެވެ. އެ ގައުމުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ މި ހަމަލާ ސިފަކުރެއްވީ "ކަނޑުމަތީގައި ހިންގި ލާއިންސާނީ ޖަރީމާއެއް"ގެ ގޮތުގަ އެވެ. މި ހަމަލާގެ ސަބަބުން އެމެރިކާއިން ވަރަށް ބޮޑަށް ހިތާމަކުރަންޖެހޭނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވި އެވެ.

އިންޑިއާގެ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި، މި މަނަވަރަކީ ދާދި ފަހުން 74 ގައުމަކުން ބައިވެރިވި 'މިލާން 2026' ކަނޑުގެ އަސްކަރީ ތަމްރީނުތަކާއި ވިޝާކަޕަޓްނަމްގައި ބޭއްވި އިންޓަނޭޝަނަލް ފްލީޓް ރިވިއުގައި ބައިވެރިވި އުޅަނދެކެވެ.

މި ހާދިސާއާ ގުޅިގެން އިންޑިއާ ސަރުކާރުން ހަނުހުރުމުން އިދިކޮޅު ލީޑަރުން ވަނީ ފާޑުވިދާޅުވެފަ އެވެ. އެގޮތުން، އިދިކޮޅު ލީޑަރު ރާހުލް ގާންދީ ވިދާޅުވީ، ހަނގުރާމައިގެ ނުރައްކާ އިންޑިއާގެ ދޮރުމައްޗަށް އައިސްފައިވާއިރު ވެސް ބޮޑުވަޒީރު ނަރެންދުރަ މޯދީ އެއްވެސް އެއްޗެއް ވިދާޅުނުވާ ކަމަށެވެ.

މި މަނަވަރު ފައްތާލުމާ ގުޅިގެން، ދުނިޔޭގެ ވިޔަފާރި އާއި ހަކަތަ އުފުލާ މުހިންމު މަގުތައް ހިމެނޭ އިންޑިއާ ކަނޑުގެ ސަލާމަތީ ކަންކަމާ މެދު އިންޑިއާގައި ކުރެވޭ ބަހުސްތައް ވަނީ އިތުރަށް ހޫނުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް