އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ މިއަދު ސަލާމްކުރައްވަނީ. (ފޮޓޯ/ރޮއިޓާސް)

އިންޑިއާ

އިންޑިއާ އާއި ކެނެޑާއިން މިއަހަރު ވިޔަފާރީގެ އެއްބަސްވުމެއް ހަދަނީ

މީގެ އިތުރުން، ދެ ގައުމުގެ ވެރިން ވަނީ މަދަނީ ނިއުކްލިއާ ހަކަތައިގެ ދާއިރާއިން 2.6 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް އިއުލާނުކުރައްވާފައި
2 މާރިޗު 2026

ހާރިޖީ ގުޅުންތަކަށް ކުރިމަތިވި ހީނަރުކަމަށް ފަހު، ދެ ގައުމުގެ ގުޅުން އަލުން ބަދަހިކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މިއަހަރު ނިމުމުގެ ކުރިން މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް އިންޑިއާ އާއި ކެނެޑާއިން އަމާޒު ހިފައިފި އެވެ.

މިކަން ހާމަކުރެއްވީ ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ކުރައްވަމުންދާ ފުރަތަމަ ރަސްމީ ދަތުރުގައި މިއަދު ދެއްކެވި ވާހަކައިގަ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ކާނީ ވިދާޅުވީ، އިގްތިސާދީ އެއްބާރުލުން އިތުރުކުރުމަށްޓަކައި ކުރިއަށްދާ މަޝްވަރާތައް އަވަސްކުރެވޭނެ ކަމަށެވެ.

ބޮޑުވަޒީރު މޯދީ ވިދާޅުވީ، 2024-25 ވަނަ އަހަރު ގާތްގަނޑަކަށް 9 ބިލިއަން ޑޮލަރުގައި ހުރި ދެ ގައުމުގެ ވިޔަފާރީގެ މުއާމަލާތްތައް، 2030 ވަނަ އަހަރު އަންނަންވާއިރު 50 ބިލިއަން ޑޮލަރަށް އިތުރުކުރުމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އިގްތިސާދީ ބައިވެރިވުމަކަށް ބޭނުންވާ މައިގަނޑު އުސޫލުތަކަށް ދެ ފަރާތުން އެއްބަސްވެފައިވާކަން ވެސް އޭނާ ކަށަވަރުކޮށްދެއްވި އެވެ.

މީގެ އިތުރުން، ދެ ގައުމުގެ ވެރިން ވަނީ މަދަނީ ނިއުކްލިއާ ހަކަތައިގެ ދާއިރާއިން 2.6 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް އިއުލާނުކުރައްވާފަ އެވެ. މީގެ ތެރޭގައި ދިގު މުއްދަތަކަށް ޔުރޭނިއަމް ފޯރުކޮށްދިނުމުގެ މުހިންމު އެއްބަސްވުމެއް ހިމެނެ އެވެ.

މޯދީ ވިދާޅުވި ގޮތުގައި، މިއީ މަދަނީ ނިއުކްލިއާ ހަކަތައިގެ ދާއިރާއިން ވެވުނު ތާރީހީ އެއްބަސްވުމެކެވެ. ކާނީ ވިދާޅުވީ، ކެނެޑާގެ ކެމެކޯ ކުންފުނިން އިންޑިއާގެ ނިއުކްލިއާ ހަކަތަ ފުޅާކުރުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

ކެނެޑާގައި 2023 ވަނަ އަހަރު ސިކުންގެ ވަކިވެގަތުމަށް މަސައްކަތްކުރާ މީހެއްގެ މަރުގެ މައްސަލައިގައި އިންޑިއާގެ އަތެއްވާ ކަމަށް އޮޓާވާއިން ތުހުމަތުކުރުމާ ގުޅިގެން، ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވި އެވެ. އިންޑިއާއިން މި ތުހުމަތުތައް ދޮގުކުރިއިރު، މި މައްސަލައިގައި ޑިޕްލޮމޭޓުން ބޭރުކޮށް، ވިޔަފާރީގެ މަޝްވަރާތައް އޮތީ މެދުކަނޑާލާފަ އެވެ.

ކާނީ އިންޑިއާއަށް ކުރައްވާ ހަތަރު ދުވަހުގެ މި ދަތުރުގެ ބޭނުމަކީ، އެމެރިކާއަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ސާފު ހަކަތަ އާއި މުހިންމު މައުދަންތަކާއި ދަނޑުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކޮށް، ދެ ގައުމުގެ ގުޅުން އަލުން އިއާދަކުރުމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް