އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޕީޓާ މެންޑޭލްސަން މިދިޔަ މޭ 8ގައި
އެޕްސްޓީންއާ ގުޅުން ބޭއްވި އިނގިރޭސިވިލާތުގެ ކުރީގެ އެމްބެސެޑަރު މެންޑޭލްސަން ހައްޔަރުކޮށްފި
އެމެރިކާގެ ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންއާ ގުޅުން ހުރި މައްސަލައެއްގައި އިނގިރޭސިވިލާތުގެ ކުރީގެ އެމްބެސެޑަރު ޕީޓާ މެންޑޭލްސަން އިއްޔެ ހައްޔަރުކޮށްފި އެވެ.
އިނގިރޭސިވިލާތުގެ ލޭބާ ޕާޓީގެ އިސް ބޭފުޅެއްގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ އަދި އިނގިރޭސިވިލާތުން އެމެރިކާއަށް ކުރިން ކަނޑައަޅާފައި ހުންނެވި ސަފީރުގެ މަގާމު ވެސް ފުރުއްވާފައިވާ މެންޑޭލްސަން ހައްޔަރު ކުރީ ލަންޑަންގައި ހުންނަ އޭނާގެ ގޭގައި ހުންނަވަނިކޮށެވެ.
ފުލުހުން މެންޑޭލްސަންގެ ނަން ސީދާ ހާމަ ނުކޮށް، ބުނީ 72 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވަނީ ރަސްމީ މަސައްކަތް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި ސުވާލު ކުރުމަށް ލަންޑަން ޕޮލިސް ސްޓޭޝަނަށް ގެންދިޔަ ކަމަށެވެ.
މެންޑޭލްސަންގެ ހައްޔަރާ ގުޅޭ ގޮތުން އޭނާގެ ވަކީލުންގެ ފަރާތުން އަދި އެއްޗެއް ނުބުނެ އެވެ.
މެންޑޭލްސަން، 72،އަކީ އަދިވެސް އިނގިރޭސިވިލާތުގެ ލޯޑްގެ ލަގަބު އޮންނަ ބޭފުޅެކެވެ. ފުލުހުން ބުނީ ކަފާލާތުގެ ދަށުން ރޭ އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.
އެޕްސްޓީންއާ ގުޅުން ހުރި އެއްވެސް ކުށެއްކޮށްފައި ނުވާނެ ކަމަށް މެންޑޭލްސަން އަންނަނީ ވިދާޅުވަމުންނެވެ.
އޭނާ އިނގިރޭސިވިލާތުގެ ލޭބާ ޕާޓީއާ ގުޅިވަޑައިގެން މަސައްކަތް ކުރައްވަން ފެއްޓެވި 1980ގެ އަހަރުތަކުގަ އެވެ. އަދި 1997 ވަނަ އަހަރު ޓޯނީ ބްލެއާ ވަރަށް މަތީ އަގުލަބިއްޔަތުން އިންތިހާބު ކާމިޔާބު ކުރެއްވުމުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކުރައްވައިފަ އެވެ.