އެމެރިކާއަށް އެތެރެކޮށްފައި ހުރި މުދާތަކެއް. (ފޮޓޯ/ރޮއިޓާސް)

އެމެރިކާ

ސުޕްރީމް ކޯޓުން ދެކޮޅު ހެދިޔަސް، އެހެން ގާނޫނަކުން %10ގެ ޓެރިފެއް ނަގަން ޓްރަމްޕް ނިންމަވައިފި

ސުޕްރީމް ކޯޓުގެ ނިންމުމުގެ ސަބަބުން ކުރިން ޓެރިފްގެ ގޮތުގައި ނަގާފައިވާ ގާތްގަނޑަކަށް 175 ބިލިއަން ޑޮލަރު އަނބުރާ ހޯދުމަށް ދައުވާކުރުމުގެ ފުރުސަތު ވަނީ ހުޅުވިފައި
21 ފެބްރުއަރީ 2026
2

ކުރިން ކަނޑައަޅާފައިވާ އިމްޕޯޓް ޑިއުޓީތައް އެމެރިކާގެ ސުޕްރީމް ކޯޓުން އިއްޔެ ބާތިލުކުރުމާ ގުޅިގެން، ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕޯޓް ޓެރިފްގެ ޕްރެޝަރު އަލުން ކުރިއަށް ގެންދިއުމަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވައި ދުނިޔޭގެ ހުރިހާ ގައުމަކުން އެތެރެކުރާ މުދަލުން 150 ދުވަހުގެ މުއްދަތަށް %10ގެ ވަގުތީ ޓެރިފެއް ނެގުމަށް ނިންމަވައިފި އެވެ.

ޓްރަމްޕް ރޭ ސޮއިކުރެއްވި ރިޔާސީ ގަރާރުތަކުގެ ދަށުން، އަންނަ އަންގާރަ ދުވަހުން ފެށިގެން، 1974 ވަނަ އަހަރުގެ ޓްރޭޑް އެކްޓްގެ 122 ވަނަ މާއްދާގެ ދަށުން %10ގެ ޑިއުޓީއެއް ނަގަން ފަށާނެ އެވެ.

މިއީ ކުއްލި ހާލަތުގެ ބާރުގެ ދަށުން ކުރިން ނަގަމުން އައި، ނަމަވެސް ކޯޓުން ގާނޫނާ ހިލާފު ކަމަށް ނިންމި %50އާ ހަމައަށް އުފުލިފައިވާ ޓެރިފްތަކުގެ ބަދަލުގައި އެކުލަވާލި ނިޒާމެކެވެ.

ނަމަވެސް، ވައިގެ ދަތުރުފަތުރާއި ކާރު ފަދަ އުޅަނދުތަކާއި ބޭސްފަރުވާ އާއި ބައެއް މުހިންމު މައުދަންތަކުގެ އިތުރުން ކެނެޑާ އާއި މެކްސިކޯ އިން އެތެރެކުރާ ޔޫއެސްއެމްސީއޭއަށް ފެތޭ މުދަލުން ޓެކްސް އިސްތިސްނާވާނެ އެވެ.

ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވި ގޮތުގައި، މި ބަދަލާ އެކު ވެސް ޓެރިފުން ލިބޭ އާމްދަނީއަށް ބޮޑު ބަދަލެއް ނާންނާނެ އެވެ.

ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، ގައުމުތަކުން ކުރިން ނަގަމުން އައި ވަރަށް ޓެރިފް އަލުން އިއާދަކުރެވޭނެ ކަމަށާއި މިފަހަރު އެކަން ކުރަނީ ކުޑަކޮށް އޮޅުންބޮޅުން ބޮޑު ނަމަވެސް ގާނޫނީ ގޮތުން ހަރުދަނާ މަގަކުން ކަމަށެވެ. އަދި ކޯޓުގެ ނިންމުމުގެ ސަބަބުން ވާހަކަދައްކައިގެން ކަންކަން ނިންމުމުގައި ޓްރަމްޕަށް އޮތް ބާރު ކުޑަވެފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި "ބޭއިންސާފު ވިޔަފާރީގެ އުސޫލުތަކާ" ދެކޮޅަށް ޓްރޭޑް އެކްޓްގެ 301 ވަނަ މާއްދާގެ ދަށުން ވަކިވަކި ގައުމުތަކަށް އަމާޒުކޮށްގެން އާ ތަހުގީގުތަކެއް ދަނީ ފަށަމުންނެވެ. މިއީ މުސްތަގުބަލުގައި ޓެރިފް އިތުރަށް ބޮޑުކުރުމަށް ދެވޭ އިޝާރާތެކެވެ.

"އަޅުގަނޑުމެންގެ އަތުގައި އެހެން ގޮތްގޮތް އެބަހުރި. ވަރަށް ރަނގަޅު ގޮތްތައް،" ޓްރަމްޕް ރޭ ވިދާޅުވި އެވެ. "އަދި މިއަށް ވުރެ ގިނަ ފައިސާ ވެސް ލިބިދާނެ."

ކޮންގްރެސްއިން އިތުރު ނުކުރާ ނަމަ، 122 ވަނަ މާއްދާގެ ދަށުން ނަގާ ޓެރިފްތައް ދެމިއޮންނާނީ އެންމެ ފަސް މަސްދުވަހަށެވެ. ނަމަވެސް ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ކޯޓުތަކުން މިކަމާ މެދު ގޮތެއް ނިންމުމުގެ ކުރިން އެ މުއްދަތު ހަމަވާނެ އެވެ.

ހަމަ އެއާ އެކު، ސުޕްރީމް ކޯޓުގެ ނިންމުމުގެ ސަބަބުން ކުރިން ޓެރިފްގެ ގޮތުގައި ނަގާފައިވާ ގާތްގަނޑަކަށް 175 ބިލިއަން ޑޮލަރު އަނބުރާ ހޯދުމަށް ދައުވާކުރުމުގެ ފުރުސަތު ވަނީ ހުޅުވިފަ އެވެ. ޓްރަމްޕް ވިދާޅުވީ އެ ފައިސާ އަނބުރާ ދިނުމާ ދެކޮޅަށް ކޯޓުގައި މަސައްކަތް ކުރައްވާނެ ކަމަށާއި އެކަން ނިމުމަކަށް އައުމަށް އަހަރުތަކެއް ނަގާފާނެ ކަމަށެވެ.

ވިޔަފާރީގެ ދާއިރާގެ ގާނޫނީ މާހިރުން ބުނާ ގޮތުގައި، މި ނިންމުމުގެ ސަބަބުން ނުތަނަވަސްކަން ދެމިއޮތް ނަމަވެސް، ސަރުކާރަށް މިހާރު ޖެހިފައިވަނީ ގާނޫނީ ގޮތުން އެހެން އުސޫލުތަކަކަށް ބުރަވާށެވެ. މީގެ ސަބަބުން، ބޮޑެތި ވިޔަފާރި ބައިވެރިންނާ އެކު މަޝްވަރާތައް ކުރިއަށްދާއިރު، ވިޔަފާރިތަކަށް ކަންކަން ސާފުވެގެންދާނެ އެވެ.

ކޮމެންޓް (2)

ޒިޔާ

23 ފެބްރުއަރީ 2026
ޤާނޫނީ ވެރިކަން އެތަނެއްގައި ދެމެހެއްޓޭނީ ހުރިހާ ފަރާތަކުން ޤާނޫނަށް ތަބާވެގެން. އެހެންނޫނީ އެތަނެއްގައި ހަމައެއް ލަމައެއް ނެތި ކަންހިނގަމުންދާނީ ޖަންގަލީގެ އުޞޫލުން. އެގޮތަށް އެކަން ކުރިއަށްދާނަމަ އެޤައުމެއްގައި އަމާންކަމެއް ހިތްހަމަޖެހުމެއް ނޯންނާނެ.
0 0

ތެފައާސާ.

21 ފެބްރުއަރީ 2026
ޓްރަމްޕުމެންނަށް ކަންކަން ކުރަން ނޭގޭތީ ވާގޮތް. ތިޔަ ހުކުމެއް ނެރެން ބެންޗަށް އަރަން އުޅޭކަން އެނގިގެން ދަންވަރެއް ވިޔަސް ތިޔަ ގައުމުގެ އޭސީސީއަށް ކާކުކަން ނޭގޭގޮތަށް މީހަކުލައްވާ ފަނޑިޔާރުންގެ ފޭކު ސުލޫކީ މައްސަލައެއް ވައްދާފައި ތިން ހަތަރު ފަނޑިޔާރަކު ސަސްޕެންޑު ކޮށްލިނަމަ؟ އޭރުން ތިޔަ ފާޑަށް ހުކުމް ނެރޭކަށް ނުކެރުނީސް ދޯ؟؟
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް