ލަންޑަނުގައި ތިއްބެވި ގާސިމް (ކ) އަދި ސުލައިމާން ހާން. (ފޮޓޯ/ރޮއިޓާސް)

ޕާކިސްތާން

އިމްރާން ހާންގެ ހާލު ދެރަވާތީ ދަރިކަލުން ވިސާއަށް އެދިވަޑައިގެންފި

ގާސިމް އަދި ސުލައިމާން ހާން ވިދާޅުވީ، އިމްރާން ހާންގެ ކަނާތު ލޮލުގެ ފެނުން ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް އޭނާގެ ވަކީލު ޕާކިސްތާނުގެ ސުޕްރީމް ކޯޓުގައި ވިދާޅުވެފައިވާ ކަމަށް
17 ފެބްރުއަރީ 2026

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން ޖަލުގައި ހުންނަވަނިކޮށް އޭނާގެ ސިއްހީ ހާލަތު ގޯސްވަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ބައްޕާފުޅާ ބައްދަލުކުރުމުގެ ފުރުސަތު ދިނުމަށް އޭނާގެ ދަރިކަލުން ކަމާބެހޭ ފަރާތްތަކުގައި އެދިވަޑައިގެންފި އެވެ.

ލަންޑަނުގައި ތިއްބެވި ގާސިމް އަދި ސުލައިމާން ހާން ރޮއިޓާސްއަށް ވިދާޅުވީ، އިމްރާން ހާންގެ ކަނާތު ލޮލުގެ ފެނުން ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް އޭނާގެ ވަކީލު ޕާކިސްތާނުގެ ސުޕްރީމް ކޯޓުގައި ވިދާޅުވުމާ ގުޅިގެން، ބައްޕާފުޅުގެ ސިއްހީ ހާލަތާ މެދު ވަރަށް ބޮޑަށް ބިރުގަންނަ ކަމަށެވެ.

މެޑިކަލް ބޯޑަކުން ފަހުން ބުނެފައިވާ ގޮތުގައި، ލޮލުގެ ދުޅަ ތިރިވެ، ފެނުން ރަނގަޅުވަމުން އެބަދެ އެވެ.

ނަމަވެސް، އެ ރިޕޯޓާ މެދު ޝައްކު އުފެދޭ ކަމަށް ދަރިކަލުން ވިދާޅުވި އެވެ. މިދިޔަ ސެޕްޓެމްބަރަށް ފަހު ފުރަތަމަ ފަހަރަށް ދަރިކަލުންނަށް އިމްރާން ހާނާ ފޯނުން ވާހަކަދެއްކުނީ މިދިޔަ ހަފުތާގަ އެވެ.

"އެތައް މަހެއް ވަންދެން ލޮލުގެ ފަރުވާ ދިނުމަށް އިންކާރުކޮށްފައިވާ ކަމަށް ބައްޕަ ވިދާޅުވި،" ގާސިމް ވިދާޅުވި އެވެ.

"އެކަށީގެންވާ ސިއްހީ މަރުކަޒަކަށް ބަދަލުކޮށް، އަމިއްލަ ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުސަތު ދޭންޖެހޭ. ބައްޕައާ ވަކިން އުޅެންޖެހޭތާ މިހާ ދުވަސްވުމުން، ބައެއް ފަހަރު ހިތްދަތިކަން އިހުސާސްވޭ."

އުމުރުން 73 އަހަރުގެ އިމްރާން ހާން އޯގަސްޓް 2023 އިން ފެށިގެން ޖަލުގައި ހުންނެވީ، އޭނާ އާއި ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީން ބުނާ ގޮތުގައި ސިޔާސީ މަގުސަދެއްގައި އުފުލާފައިވާ ދައުވާތަކެއް ސާބިތުވުމާ ގުޅިގެންނެވެ.

އިމްރާން ހާން މި ހުރިހާ ދައުވާތަކަކަށް އިންކާރު ކުރައްވަ އެވެ. ބައެއް މައްސަލަތައް މިހާރު ހުރީ އިސްތިއުނާފު މަރުހަލާގަ އެވެ.

މިދިޔަ މަހު ވިސާއަށް އެދި ހުށަހެޅި ނަމަވެސް އަދިވެސް އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށް ދަރިކަލުން ވިދާޅުވި އެވެ.

ސިއްހީ ފަރުވާ ދިނުމުގައި އިހުމާލުވަމުންދާ ކަމަށް ބުނާ ވާހަކަތައް ކަމާބެހޭ ފަރާތްތަކުން ދޮގުކުރެ އެވެ. ސުޕްރީމް ކޯޓުން މިހާރު ވަނީ އިމްރާން ހާންގެ ސިއްހީ ފަރުވާގެ ތަފްސީލު ހޯދުމަށް އެދިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް