އެފްރިކަން ޔޫނިއަންގެ މައި މަރުކަޒު. (ފޮޓޯ/ރޮއިޓާސް)

ސައުދީ-ޔޫއޭއީ ވާދަވެރިކަމުގެ ބިރު އެފްރިކާ ސަމިޓަށް

ޔަމަނުގެ ހަނގުރާމައިގެ ތެރެއިން ފެށުނު މި ވާދަވެރިކަން މިހާރު ވަނީ ރަތް ކަނޑު ހުރަސްކޮށް، ސޯމާލިއާ، ސޫދާން، އިތިއޯޕިއާ އަދި އެރިތުރިއާ ހިމެނޭ ހަލަބޮލި ސަރަހައްދަށް ފެތުރިފައި
15 ފެބްރުއަރީ 2026

އެފްރިކާގެ 'ހޯން އޮފް އެފްރިކާ' ސަރަހައްދުގައި ސައުދީ އަރަބިއްޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އާ ދެމެދު އުފެދިފައިވާ ވާދަވެރިކަން ބޮޑުވެ، މި ހަފުތާ ބަންދުގައި ބާއްވަމުން އަންނަ އެފްރިކަން ޔޫނިއަންގެ ސަމިޓަށް އޭގެ ނުފޫޒު ފޯރާފައިވާ ކަމަށް ޑިޕްލޮމެޓުންނާއި ދިރާސާކުރާ ފަރާތްތަކުން ބުނެފި އެވެ.

އެފްރިކާގެ ގިނަ ގައުމުތަކުން މަސައްކަތް ކުރަމުން އަންނަނީ މި ދެ ގައުމުގެ ތެރެއިން ވަކި ފަރާތަކަށް ނުޖެހި ތިބުމަށެވެ.

ޔަމަނުގެ ހަނގުރާމައިގެ ތެރެއިން ފެށުނު މި ވާދަވެރިކަން މިހާރު ވަނީ ރަތް ކަނޑު ހުރަސްކޮށް، ސޯމާލިއާ، ސޫދާން، އިތިއޯޕިއާ އަދި އެރިތުރިއާ ހިމެނޭ ހަލަބޮލި ސަރަހައްދަށް ފެތުރިފަ އެވެ.

ޔޫއޭއީން ދަނީ ބިލިއަނުން ޑޮލަރު އިންވެސްޓްކޮށް، ހަރުދަނާ ޑިޕްލޮމެސީ އާއި ސިއްރު އަސްކަރީ އެހީތެރިކަމާ އެކު އެ ސަރަހައްދުގައި ނުފޫޒު ގަދަކުރަމުންނެވެ. މީގެ ރައްދުގައި ސައުދީ އަރަބިއްޔާއިން ދަނީ މިސުރު، ތުރުކީ އަދި ގަތަރު ހިމެނޭ ގޮތަށް ވަރުގަދަ އިއްތިހާދެއް ބިނާކުރަމުންނެވެ.

އެފްރިކާގެ އިސް ޑިޕްލޮމެޓަކު ވިދާޅުވި ގޮތުގައި، ރަތް ކަނޑުގެ ކޮންޓްރޯލް ގެއްލިދާނެ ކަމުގެ ބިރު ސައުދީއަށް މިހާރު ވަނީ އިހުސާސް ކުރެވިފަ އެވެ. ޔޫއޭއީން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާއިރު ސައުދީން އެކަމަށް ކުރިން މާ ބޮޑު ސަމާލުކަމެއް ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ވާދަވެރިކަން ކުރިން ބޮޑަށް އޮތީ ރަތް ކަނޑާއި ގަލްފް އޮފް އަދަންގެ ކަނޑުގެ ދަތުރުފަތުރުގެ މުހިންމު މަގުތަކާ ގުޅޭ ގޮތުން ކަމަށް ވިޔަސް، މިހާރު ވަނީ އެއްގަމު ސަރަހައްދުތަކަށް ވެސް ފެތުރި، އެކި ގައުމުތަކާއި ހަނގުރާމަވެރި ޖަމާއަތްތަކުން ވަކި ފަރާތަކަށް ޖެހެން މަޖުބޫރުވާ ހިސާބަށް ގޮސްފަ އެވެ.

ޔުނިވަސިޓީ އޮފް މޭރީލޭންޑްގެ މައިކަލް ވޮލްޑެމަރިއަމް ވިދާޅުވި ގޮތުގައި، ޔޫއޭއީގެ މާލީ އަދި އަސްކަރީ ނުފޫޒު އޮތް ނަމަވެސް، އެ ގައުމުގެ ހަރުކަށި ސިޔާސަތުތަކާ މެދު ސަރަހައްދީ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ސޯމާލިލޭންޑްގެ މައްސަލައިގައި ކުރެވޭ ތުހުމަތުތަކާ ގުޅިގެން ސޯމާލިއާއިން ވަނީ ޔޫއޭއީއާ ގުޅުން ކަނޑާލާފަ އެވެ. އަދި ސޫދާނުގެ ހަނގުރާމައިގައި ސައުދީއާ އެއްކޮޅު ގައުމުތަކާ ޔޫއޭއީން ވާގިވެރިވަނީ އިދިކޮޅު ދެ ފަރާތަކަށެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އިތިއޯޕިއާއަށް ޔޫއޭއީގެ އެހީތެރިކަން ލިބޭއިރު، އެރިތުރިއާގެ ލީޑަރު ދާދި ފަހުން ރިޔާޒަށް ކުރެއްވި ޒިޔާރަތަކީ ސައުދީގެ ތާއީދު ހޯދުމަށް ކުރެއްވި ކަމެއް ކަމަށް ބެލެވެ އެވެ.

އެފްރިކާގެ ގައުމުތަކުން މިކަމުގައި ވަރަށް ބޮޑަށް ފަރުވާތެރިވާނެ ކަމަށް ބެލެވެ އެވެ. ވޮލްޑެމަރިއަމް އިތުރަށް ވިދާޅުވީ، ޔޫއޭއީގެ ނުފޫޒާ މެދު ކަންބޮޑުވާ ގައުމުތަކުން ވެސް، ގަލްފުގެ މި ދެ ބާރުގެ ދެމެދުގައި އޮތް ކުރިމަތިލުމެއްގެ ތެރެއަށް ވަންނަން ބޭނުންވާނީ ކިހާ މިންވަރަކަށްތޯ ވަރަށް ބޮޑަށް ވިސްނާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް