ބިލް ގޭޓްސް އާއި އޭނާގެ ކުރީގެ އަނބިކަބަލުން މެލިންޑާ ފްރެންޗު ގޭޓްސް. (ފޮޓޯ/ރޮއިޓާސް)

ބިލް ގޭޓްސް

ބިލް ގޭޓްސް އާއި އެޕްސްޓީންގެ ގުޅުމަކީ ކައިވެނީގެ އެންމެ ހިތްދަތި ހަނދާންތައް: މެލިންޑާ

މެލިންޑާ ފްރެންޗް ގޭޓްސް ވިދާޅުވި ގޮތުގައި، މި ތުހުމަތުތައް އަލުން ފެންމަތިވުމަކީ އޭނާއަށް އަމިއްލަ ގޮތުން ވަރަށް އުނދަގޫ ކަމެއް
4 ފެބްރުއަރީ 2026

އޭނާގެ ކުރީގެ ފިރިމީހާ، މައިކްރޮސޮފްޓުގެ ބާނީ ބިލް ގޭޓްސް އާއި ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންއާ ދެމެދު އޮތް ގުޅުންތަކާ ގުޅޭ އާ ވާހަކަތަކެއް ފެންމަތިވެފައިވާއިރު، އެއީ އެ ކައިވެނީގެ ވަރަށް ހިތްދަތި ހަނދާންތަކެއް ކަމަށް ބިލިއަނަރެއްގެ އިތުރުން މަޝްހޫރު ފިލަންތްރޮޕިސްޓް މެލިންޑާ ފްރެންޗު ގޭޓްސް ވިދާޅުވެއްޖެ އެވެ.

އެންޕީއާރު ޕޮޑްކާސްޓުގައި އިއްޔެ ވާހަކަދައްކަވަމުން މެލިންޑާ ވިދާޅުވީ، އެޕްސްޓީންގެ މައްސަލަތަކާ ގުޅިގެން އޭނާއަށް ވިދާޅުވާން ނޭނގޭ ފަދަ ބޮޑު ހިތާމައެއް އިހުސާސް ކުރެވުނު ކަމަށެވެ. އަދި އަލަށް އާންމުވި ލިޔެކިޔުންތަކުގައި ނަން ހިމެނޭ ފަރާތްތަކުން އެކަންކަމަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"އެކަމާ ގުޅޭ ގޮތުން އުފެދިފައިވާ ކޮންމެ ސުވާލަކީ އެ މީހުންނާ އަދި އަހަރެންގެ ކުރީގެ ފިރިމީހާއާ ކުރަންޖެހޭ ސުވާލުތަކެއް. އެ ސުވާލުތަކަށް ޖަވާބުދޭން ޖެހޭނީ އެ މީހުން، އަހަރެންނެއް ނޫން،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، މިފަދަ ހަޑިމުޑުދާރު ކަންތައްތަކާ ދުރުގައި ހުރެވުމުން ވަރަށް އުފާވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ވާހަކަތައް އައިސްފައިވަނީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން މިދިޔަ ހަފުތާގައި އާންމުކުރި ތިން މިލިއަނަށް ވުރެ ގިނަ ލިޔެކިޔުންތަކަށް ފަހު އެވެ. މި ލިޔެކިޔުންތަކުގައި އެޕްސްޓީން އާއި ބިލް ގޭޓްސްއާ ގުޅުވައި ބައެއް ތުހުމަތުތައް ކޮށްފައިވެ އެވެ.

ނަމަވެސް ބިލް ގޭޓްސް ވަނީ މި ތުހުމަތުތައް ދޮގުކުރައްވާފަ އެވެ.

އޭނާގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، އެއީ ބުއްދި ގަބޫލުނުކުރެވޭ ފަދަ މުޅިން ދޮގު ވާހަކަތަކެއް ކަމަށާއި، އެޕްސްޓީންއަކީ ހަގީގަތާ ހިލާފު ވާހަކަ ދެއްކި މީހެއް ކަމަށެވެ. އެޕްސްޓީންގެ ޝިކާރައަކަށްވި އެއްވެސް މީހަކު ބިލް ގޭޓްސްގެ މައްޗަށް އެއްވެސް ތުހުމަތެއް ކޮށްފައި ނުވާއިރު، މި ފައިލްތަކުގައި ނަން އޮތުމަކީ ޖިނާއީ ކުށެއް ކުރި ކަމުގެ ހެއްކެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އާންމުވި ލިޔެކިޔުންތަކުގައި 2013 ވަނަ އަހަރު އެޕްސްޓީން ލިޔެފައިވާ ކަމަށް ބެލެވޭ އީމެއިލްތަކެއް ހިމެނެ އެވެ. ނަމަވެސް އެ އީމެއިލްތަކަކީ ފޮނުވާފައިވާ އެއްޗެއްކަން ސާފެއް ނޫނެވެ. ގޭޓްސް އާއި އޭނާގެ މަންދޫބުން ކުރިން ވެސް ބުނަމުންދަނީ އެޕްސްޓީންއާ ބައްދަލުވީ ހަމައެކަނި ޗެރިޓީ މަޝްރޫއަކާ ގުޅޭ ގޮތުން ބޭއްވި ކެއުންތަކަކުން ކަމަށާއި އެ މަޝްރޫއު ވެސް އަމަލީ ގޮތުން ކުރިއަށް ގޮސްފައި ނުވާ ކަމަށެވެ.

މެލިންޑާ ފްރެންޗް ގޭޓްސް ވިދާޅުވި ގޮތުގައި، މި ތުހުމަތުތައް އަލުން ފެންމަތިވުމަކީ އޭނާއަށް އަމިއްލަ ގޮތުން ވަރަށް އުނދަގޫ ކަމެކެވެ.

"މި ތަފްސީލުތައް ފެންމަތިވާ ކޮންމެ ފަހަރަކު އަހަރެންނަށް އަމިއްލަ ގޮތުން ވަރަށް އުނދަގޫވޭ... ސަބަބަކީ އެކަމުގެ ސަބަބުން އަހަރެންގެ ކައިވެނީގެ ވަރަށް ހިތްދަތި ދުވަސްތަކެއްގެ ހަނދާންތައް އާވާތީ،" އޭނާ ވިދާޅުވި އެވެ.

ބިލް ގޭޓްސް އާއި މެލިންޑާ 27 އަހަރަށް ފަހު ވަރިވީ 2021 ވަނަ އަހަރު އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި 2008 ވަނަ އަހަރު ކުށް ސާބިތުވި ނަމަވެސް، އެޕްސްޓީން ވަނީ ދުނިޔޭގެ ނުފޫޒުގަދަ ފަރާތްތަކާ ގުޅުން ބާއްވާފަ އެވެ. އޭނާ މަރުވީ 2019 ވަނަ އަހަރު ނިއުޔޯކްގެ ޖަލެއްގައި، އޭނާގެ މައްޗަށް ކުރެވުނު ޖިންސީ ވަގުފާރީގެ މައްސަލައިގެ ޝަރީއަތް ކުރިއަށް ދަނިކޮށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް