ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާ. (ފޮޓޯ/އޭޕީ)

ބަންގްލަދޭޝް

ޕާޓީ މަނާކުރުމުން ހަސީނާ ބަންގްލަދޭޝްގެ އިންތިހާބަށް ފާޑުވިދާޅުވެއްޖެ

މި އިންތިހާބަކީ ފާއިތުވި 10 ވަރަކަށް އަހަރު ތެރޭގައި ބަންގްލަދޭޝްގައި ބާއްވާ އެންމެ މުހިންމު އިންތިހާބު ކަމަށް ބެލެވޭއިރު، 127 މިލިއަނަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވޭ
29 ޖެނުއަރީ 2026

ގައުމުން ބޭރުގައި ހުންނެވި ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާ، އޭނާގެ ސިޔާސީ ޕާޓީ އިންތިހާބުގައި ބައިވެރިވުން މަނާކުރުމާ ގުޅިގެން އެކަން ކުށްވެރިކުރައްވައި، މި ނިންމުމުގެ ސަބަބުން ސިޔާސީ ބައިބައިވުންތައް އިތުރަށް ބޮޑުވެ، ގައުމުގެ ހަމަޖެހުން ގެއްލިދާނެ ކަމުގެ އިންޒާރު މިއަދު ދެއްވައިފި އެވެ.

ހަސީނާ ވިދާޅުވި ކަމަށް އެސޯސިއޭޓެޑް ޕްރެސް (އޭޕީ)ން ރިޕޯޓުކޮށްފައިވާ ގޮތުގައި، ވަކި ބަޔަކު ބާކީކޮށްގެން އުފެދޭ ސަރުކާރަކަށް ބައިބައިވެފައިވާ ގައުމެއް އެއްބައެއްނުކުރެވޭނެ އެވެ. ކުރިން ވެރިކަންކުރި އަވާމީ ލީގު އިންތިހާބުގައި ބައިވެރިވުން މަނާކުރުމަކީ އެތައް މިލިއަން ރައްޔިތުންގެ ވޯޓުލުމުގެ ހައްގު ގަސްތުގައި ނިގުޅައިގަތުން ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

"ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ރައްޔިތުންގެ ބޮޑު ބަޔަކަށް ބަންދުކުރާ ކޮންމެ ފަހަރަކު، ނުރުހުން އިތުރުވެ، މުއައްސަސާތަކުގެ އިތުބާރު ގެއްލި، މުސްތަގުބަލުގައި ހަމަނުޖެހުންތަކަށް މަގުފަހިވެގެންދާނެ،" ހަސީނާ ވިދާޅުވި އެވެ.

އަންނަ މަހު 12ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިހާބަކީ، 2024 ވަނަ އަހަރު ދަރިވަރުން އިސްވެ ތިބެ ހިންގި ވަރުގަދަ މުޒާހަރާތަކާ ގުޅިގެން ހަސީނާގެ 15 އަހަރުވީ ވެރިކަން ނިމުމަކަށް އައި ފަހުން ބާއްވާ ފުރަތަމަ އިންތިހާބެވެ.

އިންޑިއާގައި ހިމާޔަތް ހޯއްދަވައިގެން ހުންނެވި ހަސީނާގެ މައްޗަށް، މުޒާހަރާތައް ހުއްޓުވުމަށް ބާރުގެ ބޭނުންކުރި މައްސަލައިގައި މަރުގެ ހުކުމް ވަނީ އިއްވާފަ އެވެ. ހަސީނާ މިހާރު ގެންދަވަނީ، ނޯބެލް ސުލްހައިގެ އިނާމު ހާސިލްކުރައްވާފައިވާ މުހައްމަދު ޔޫނުސް އިސްވެ ހުންނަވައި ހިންގަވާ ވަގުތީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

މި އިންތިހާބަކީ ފާއިތުވި 10 ވަރަކަށް އަހަރު ތެރޭގައި ބަންގްލަދޭޝްގައި ބާއްވާ އެންމެ މުހިންމު އިންތިހާބު ކަމަށް ބެލެވޭއިރު، 127 މިލިއަނަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.

އިންތިހާބުގެ އިތުރުން، ސިޔާސީ ބޮޑެތި އިސްލާހުތަކެއް ހިމެނޭ ގޮތަށް ގާނޫނުއަސާސީއަށް ބަދަލު ގެނައުމާ ގުޅޭ ފެންނަ ނުފެންނަ ވޯޓެއްގައި ވެސް ރައްޔިތުން ވޯޓުލާނެ އެވެ.

އޮގަސްޓް 2024ގައި ހަސީނާ އިންޑިއާއަށް ވަޑައިގެންނެވިތާ ތިން ދުވަސް ފަހުން ވެރިކަމާ ހަވާލުވެވަޑައިގަތް މުހައްމަދު ޔޫނުސް ވިދާޅުވީ، އިންތިހާބަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ހައްދަވާނެ ކަމަށެވެ.

ޔޫނުސްގެ އޮފީހުން ބުނި ގޮތުގައި، ސަލާމަތީ ބާރުތަކުން އިންތިހާބުގެ ކަންކަން އަމާންކަމާ އެކު ކުރިއަށްގެންގޮސް، ބިރުދެއްކުމާއި ހަމަނުޖެހުން ހުއްޓުވާނެ އެވެ.

އިންތިހާބު އޮބްޒާވްކުރުމަށް ބައިނަލްއަގުވާމީ ފަރާތްތަކާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް ވަނީ ދައުވަތު ދީފަ އެވެ.

ނަމަވެސް، އަވާމީ ލީގު ބައިވެރިވުން މަނާކުރުމުން، މިއީ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން ހިމެނޭ އިންސާފުވެރި އިންތިހާބަކަށް ވެދާނެތޯ ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފަ އެވެ.

ހަސީނާ ވެރިކަމުން ދުރުކުރި ފަހުން ދެއްވި ފުރަތަމަ އާންމު ތަގުރީރުގައި މިކަންކަމަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ، ޔޫނުސްގެ ވެރިކަމުގައި ބަންގްލަދޭޝްގައި "މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ދުވަހަކު ވެސް ނުބޭއްވޭނެ" ކަމަށެވެ.

އިންޓަނެޓް މެދުވެރިކޮށް އޭނާގެ ލައްކައަކަށް ވުރެ ގިނަ ސަޕޯޓަރުންނާ މުހާތަބުކޮށް ދެއްވި މި ތަގުރީރާ ގުޅިގެން ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެ މިނިސްޓްރީން ބުނީ އިންޑިއާއިން މިފަދަ ތަގުރީރެއް ދިނުމަށް ފުރުސަތު ދިނުމުން ހައިރާންވެ އަންތަރީސްވެފައިވާ ކަމަށެވެ.

ބަންގްލަދޭޝް ސަރުކާރުން ހަސީނާ އެ ގައުމާ ހަވާލުކުރުމަށް އެދިފައިވީ ނަމަވެސް، އިންޑިއާއިން އަދި އެކަމަށް ރަސްމީ ޖަވާބެއް ދީފައެއް ނުވެ އެވެ.

މި އިންތިހާބުގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮންނާނެ ކަމަށް ބެލެވެނީ، ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)ގެ އެކްޓިން ޗެއާމަން ތާރިގު ރަހުމާނާ އެވެ. އޭނާއަކީ ކުރީގެ ބޮޑުވަޒީރު ހާލިދާ ޒިއާގެ ދަރިކަލުންނެވެ. ތާރިގު ރަހުމާން ބަންގްލަދޭޝްއަށް އެނބުރި ވަޑައިގެންފައިވަނީ މިދިޔަ މަހު އޭނާގެ މަންމަ އަވަހާރަވުމާ ގުޅިގެންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް