މިދިޔަ ޖޫން މަހު ކެނެޑާގައި ބޭއްވި ގްރޫޕް އޮފް ސެވަން (ޖީ7) ސަމިޓުގައި ޓްރަމްޕާއި ކާނީ.

ކެނެޑާ

ކެނެޑާއިން ޗައިނާއާ އެކު އެއްބަސްވުން ހަދައިފި ނަމަ %100 ޓެރިފް ނަގާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

"ބޮޑެތި ބާރުތަކުގެ" އިގުތިސާދީ ފިއްތުންތަކާ ކުރިމަތިލައި "މެދުފަންތީގެ ބާރުތައް" އެކަތިގަނޑަކަށްވުމަށް ވެސް ކާނީ ގޮވާލައްވާފައި
25 ޖެނުއަރީ 2026

ކެނެޑާ އިން ޗައިނާއާ އެކު ވިޔަފާރީގެ އެއްބަސްވުމެއް ހަދައިފި ނަމަ ކެނެޑާ އިން އެމެރިކާއަށް އެތެރެ ކުރާ މުދަލުން %100 ޑިއުޓީ ޓެރިފެއް ނަގާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ދެއްވައިފި އެވެ.

"ކެނެޑާ އިން ޗައިނާއާ އެކު އެއްބަސްވުމެއް ހަދައިފި ނަމަ، އެމެރިކާއަށް އެތެރެކުރާ ކެނެޑާގެ ހުރިހާ މުދަލަކުން ވަގުތުން %100 ޓެރިފް ނަގާނަން،" ޓްރަމްޕް ސޯޝަލް މީޑިއާގައި ވިދާޅުވި އެވެ.

ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕޯސްޓުން މި އިޝާރާތް ކުރައްވަނީ ކޮން އެއްބަސްވުމެއްގެ ވާހަކައެއް ކަމެއް އަދި ސާފެއް ނުވެ އެވެ. ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ވަނީ ޗައިނާއާ އެކު "ސްޓްރެޓީޖިކް ޕާޓްނާޝިޕް"އެއް ގާއިމް ކުރުމަށް އެއްބަސްވެވަޑައިގެންފަ އެވެ. އަދި ޓެރިފް ކުޑަ ކުރުމަށް ވެސް އެއްބަސްވެފަ އެވެ.

އޭރު ޓްރަމްޕް ވަނީ އެ ނިންމުމަކީ ރަނގަޅު ކަމެއް ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެމެރިކާ އާއި ކެނެޑާއާ ދެމެދު ނުތަނަވަސްކަން އުފެދިފައި ވަނީ ޑާވޯސްގައި ކާނީ ދެއްވި ތަގުރީރުގައި އެމެރިކާ އިން ދުނިޔެ ހިންގުމުގެ ކަންކަން ރޫޅިފައިވާ ކަމަށް ވިދާޅުވުމުންނެވެ.

"ބޮޑެތި ބާރުތަކުގެ" އިގުތިސާދީ ފިއްތުންތަކާ ކުރިމަތިލައި "މެދުފަންތީގެ ބާރުތައް" އެކަތިގަނޑަކަށްވުމަށް ވެސް ކާނީ ގޮވާލައްވައިފަ އެވެ. ނަމަވެސް އެ ވާހަކައިގައި ޓްރަމްޕްގެ ނަން ވިދާޅެއް ނުވެ އެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި ވިދިގެން އައި ދުވަހު ޓްރަމްޕް ވިދާޅުވީ ކެނެޑާ ދެމިއޮތީ އެމެރިކާގެ ސަބަބުން ކަމަށެވެ.

ޓްރަމްޕް ގާއިމު ކުރައްވާފައިވާ އާ 'ބޯޑް އޮފް ޕީސްގައި' ބައިވެރިވުމަށް ކެނެޑާއަށް ދިން ދައުވަތު ވެސް އެމެރިކާގެ ރައީސް ވަނީ އަނބުރާ ގެންދަވައިފަ އެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކެނެޑާއަކީ ޗައިނާ އިން އެމެރިކާއަށް މުދާ ފޮނުވުމަށް ޑްރޮޕް-އޮފް ޕޮއިންޓެއް ކަމަށް ހެދުމަށް އުޅޭ ކަމަށް ކާނީ ގަބޫލު ކުރައްވާ ނަމަ، އެއީ ވަރަށް ބޮޑު ކުށްހީއެއް ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް