ޓްރަމްޕް ސްވިޓްޒަލެންޑުގެ ޑާވޯސްގައި ކުރިއަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމްގައި. (ފޮޓޯ/އޭއެފްޕީ)

ގްރީންލޭންޑް

ގްރީންލޭންޑުގެ އެއްބަސްވުމަކަށް މަޝްވަރާކޮށްފިން؛ ޔޫރަޕުން ޓެރިފް ނުނަގާނަން: ޓްރަމްޕް

ޑެންމާކުގެ ފޮރިން މިނިސްޓަރު ލާސް ލޮކޭ ރަސްމުސެން ވިދާޅުވީ، އެމެރިކާގެ ބަހުރުވަ މިހާރު ހުރި ގޮތުން ހިތްހަމަޖެހޭ ކަމަށް
22 ޖެނުއަރީ 2026

ގްރީންލޭންޑާ ގުޅޭ ގޮތުން ކުރިއަށް އޮތް އެއްބަސްވުމެއްގެ އޮނިގަނޑާ ބެހޭ ގޮތުން މަޝްވަރާކުރެވިފައިވާ ކަމަށާއި، ޔޫރަޕްގެ ގައުމުތަކަށް އެމެރިކާއިން އެޅުމަށް ނިންމާފައިވާ ޓެރިފްގެ އިންޒާރުތައް އަނބުރާ ގެންދަވައިފި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޭ ވިދާޅުވެއްޖެ އެވެ.

ސްވިޓްޒަލެންޑުގެ ޑާވޯސްގައި ކުރިއަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމްގެ ހަވާސާގައި ނޭޓޯއާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު، ގްރީންލޭންޑާ ގުޅޭ ގޮތުން އެމެރިކާއިން ކުރިއަށްދާން ބޭނުންވާ ގޮތުގެ މަޝްވަރާތައް ފަށާފައިވާ ކަމަށް ޓްރަމްޕް ހާމަކުރެއްވި އެވެ.

މީގެ ކުރިން ގްރީންލޭންޑްގެ ކޮންޓްރޯލް ހޯދުމަށް އެމެރިކާއިން ކުރި މަސައްކަތްތަކާ ދެކޮޅު ހެދި ޔޫރަޕްގެ ގައުމުތަކުގެ އުފެއްދުންތަކުން ބޮޑު ޓެކްސްއެއް ނެގުމަށް ރާވާފައިވާ ރޭވުންތައް މިހާރު ވަނީ މަޑުޖައްސާލާފަ އެވެ.

ޓްރަމްޕް ރޭ ޓްރޫތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާކް ރޫޓާއާ އެކު ވަރަށް ކާމިޔާބު ބައްދަލުވުމެއް ބޭއްވުނު ކަމަށެވެ. އަދި މި ބައްދަލުވުމުގެ ސަބަބުން ގްރީންލޭންޑާއި މުޅި އާކްޓިކް ސަރަހައްދާ ގުޅޭ މުސްތަގުބަލުގެ އެއްބަސްވުމެއްގެ އޮނިގަނޑު އެކުލަވާލެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ހައްލަކީ އެމެރިކާއަށާއި ނޭޓޯގެ ހުރިހާ ގައުމުތަކަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް،" ޓްރަމްޕް ލިޔުއްވާފައިވެ އެވެ.

ނޭޓޯއިން ވެސް ވަނީ މި ބައްދަލުވުމަކީ "ވަރަށް އުފެއްދުންތެރި" ބައްދަލުވުމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

ނޭޓޯގެ ތަރުޖަމާނު އެލިސަން ހާޓް ވިދާޅުވީ، މި އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ އާކްޓިކް ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ގްރީންލޭންޑްގައި ރަޝިއާ އާއި ޗައިނާގެ އިގްތިސާދީ ނުވަތަ އަސްކަރީ ނުފޫޒެއް އެއްވެސް މިންވަރަކަށް ފޯރުވިޔަ ނުދިނުން ކަމަށެވެ.

މި މަޝްވަރާތައް އިސްކޮށް ކުރިއަށް ގެންދަވާނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އަދި ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް ކަމަށާއި، އެ ބޭފުޅުން ސީދާ އޭނާއަށް ރިޕޯޓް ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

އިކޮނޮމިކް ފޯރަމްގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ގްރީންލޭންޑް ހޯދުމަށް މަޝްވަރާކުރައްވަން ބޭނުންވާ ކަމަށާއި ނަމަވެސް އެކަމުގައި ބާރުގެ ބޭނުން ނުކުރައްވާނެ ކަމަށެވެ.

"ބާރުގެ ބޭނުން ކުރާކަށް ނުޖެހޭނެ. ބާރުގެ ބޭނުން ކުރާކަށް ބޭނުމެއް ނޫން. އަދި ބާރުގެ ބޭނުމެއް ނުވެސް ކުރާނަން،" އޭނާ ވިދާޅުވި އެވެ.

ސީއެންބީސީއަށް ރޭ ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، މި އެއްބަސްވުމަކީ ދާއިމީ އެއްބަސްވުމަކަށް ވެދާނެ ކަމަށާއި، އޭގެ ތެރޭގައި އެ ސަރަހައްދުގެ މައުދަނުގެ މުއްސަނދިކަން ބޭނުންކުރުމުގެ ހައްގާއި 'ގޯލްޑަން ޑޯމް' މިސައިލް ޑިފެންސް ސިސްޓަމް ގާއިމުކުރުން ހިމެނިދާނެ ކަމަށެވެ.

ސީއެންއެންއަށް ރޭ ދެއްވި އިންޓަވިއުއެއްގައި، މި މަސައްކަތްތައް މިހާރު އޮތީ ވަރަށް ބޮޑަށް ކުރިއަށް ގޮސްފައި ކަމަށާއި، މީގެ ސަބަބުން ގައުމީ އަދި ބައިނަލްއަގުވާމީ ސަލާމަތްތެރިކަން ވަރުގަދަވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ޑެންމާކުގެ ފޮރިން މިނިސްޓަރު ލާސް ލޮކޭ ރަސްމުސެން ވިދާޅުވީ، އެމެރިކާގެ ބަހުރުވަ މިހާރު ހުރި ގޮތުން ހިތްހަމަޖެހޭ ކަމަށެވެ. އަދި ޑެންމާކުގެ އިސްތިގުލާލަށް އުނިކަމެއް ނާންނާނެހެން، އާކްޓިކް ސަރަހައްދުގައި އެމެރިކާއިން ކަންބޮޑުވާ ސަލާމަތީ ކަންކަމަށް ހައްލެއް ހޯދުމަށް މަޝްވަރާ ކުރަން ތައްޔާރު ކަމަށް އޭނާ ވިދާޅުވި އެވެ.

ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ރޫޓާ ވިދާޅުވީ، ގްރީންލޭންޑްގެ މައްޗަށް އޮތް ޑެންމާކުގެ ސިޔާދަތީ ބާރުވެރިކަމާ ބެހޭ ގޮތުން ޓްރަމްޕާ އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަދެކެވިފައި ނުވާ ކަމަށެވެ.

ނިއުޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ރޭވުމުގެ ދަށުން ސައިޕްރަސްގައި އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒުތައް ހުންނަ ފަދައިން، ގްރީންލޭންޑްގެ ބައެއް ސަރަހައްދުތަކުގައި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހިންގުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މިހާރު ވެސް ގްރީންލޭންޑްގެ އުތުރުގައިވާ 'ޕިޓުފިކް' ބޭސްގައި އެމެރިކާގެ 100އަށް ވުރެ ގިނަ ސިފައިން ތިބެ އެވެ.

ގްރީންލޭންޑާ މެދު އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، ޑެންމާކާއި ޖަރުމަނާއި ފްރާންސް ހިމެނޭހެން ނޭޓޯގެ ބައެއް ގައުމުތަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން %25ގެ ޓެކްސްއެއް ނަގާނެ ކަމަށް ޓްރަމްޕް ކުރިން އިންޒާރު ދެއްވި އެވެ. ނަމަވެސް މަޝްވަރާތަކަށް ފަހު އޭނާ ރޭ ވިދާޅުވީ، އަންނަ މަހު 1 އިން ފެށިގެން ނަގަން ނިންމި ޓެކްސް މިހާރު ނުނަގާނެ ކަމަށެވެ.

ޔޫރަޕްގެ ލީޑަރުން ވަނީ ޓްރަމްޕްގެ ޓެކްސް އިންޒާރުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ފްރާންސްގެ ރައީސް އިމަނުއަލް މެކްރޮން ވިދާޅުވީ މިފަދަ ޓެކްސްތައް ނެގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ޑާވޯސްގައި ވާހަކަދައްކަވަމުން ޓްރަމްޕް ވަނީ މެކްރޮން އަދި ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީއަށް ފާޑުވިދާޅުވެ، ކެނެޑާ ދެމިއޮތީ އެމެރިކާގެ ސަބަބުން ކަމަށް ވިދާޅުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް