ގްރީންލޭންޑްގެ ސަރަހައްދުތައް ހިފުމަށް އެމެރިކާ އިން ކުރާ މަސައްކަތާ ދެކޮޅަށް އިއްްޔެ ބަޔަކު މުޒާހަރާ ކުރަނީ.

ގްރީންލޭންޑް

ޔޫރަޕުން ނަގަން އެމެރިކާއިން އިއުލާން ކުރި ޑިއުޓީ އެ އިއްތިހާދުން ކުށްވެރިކޮށްފި

ޓްރަމްޕް މީގެ ކުރިން ވިދާޅުވެފައި ވަނީ "ފަސޭހަ ގޮތް" ނުވަތަ "އުނދަގޫ ގޮތް" އިހުތިޔާރުކޮށްގެން ނަމަވެސް ގްރީންލޭންޑް އެމެރިކާއަށް ހޯއްދަވާނެ ކަމަށް
18 ޖެނުއަރީ 2026
1

އެމެރިކާ އިން ގްރީންލޭންޑް ހިފުމާ ޔޫރަޕްގެ ގައުމުތަކުން ދެކޮޅު ހެދުމުން، ޔޫރަޕްގެ އަށް ގައުމަކަށް އެމެރިކާ އިން ޑިއުޓީ ޓެރިފް ބޮޑުކުރި މައްސަލަ ޔޫރަޕްގެ އިއްތިހާދުން ކުށްވެރިކޮށްފި އެވެ. 

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކެއިރް ސްޓާމަރު ވިދާޅުވީ އެއީ މުތުލަގަށް ގޯސް ނިންމުމެއް ކަމަށެވެ. ފަރަންސޭސި ރައީސް އެމަނުއެލް މެކްރޮން ވިދާޅުވީ އެއީ ބަލައިގަނެވޭނެ ނިންމުމެއް ނޫން ކަމަށެވެ. 

ޑެންމާކް، ނޯވޭ، ސްވިޑަން، ފްރާންސް، ޖަރުމަންވިލާތް، އިނގިރޭސިވިލާތް، ނެދަލެންޑްސް އަދި ފިންލެންޑުން އެމެރިކާއަށް އެތެރެކުރާ މުދަލުން %10 ޓެރިފް އަންނަ މަހުން ފެށިގެން ނަގަން ފަށާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިއްޔެ ވިދާޅުވެފަ އެވެ. ނަމަވެސް ފަހުން އެ އަދަދު އަންނަ ޖޫން މަހުން ފެށިގެން %25އަށް އިތުރުކޮށް، އެއްބަސްވުމަކަށް އާދެވެންދެން ދެމިގެންދާނެ ކަމަށް ވަނީ ނިންމައިފަ އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި، ޑެންމާކުގެ ބާރުގެ ދަށުގައި އޮންނަ ގްރީންލޭންޑަކީ އެމެރިކާގެ ސަލާމަތަށް ވަރަށް މުހިންމު ސަރަހައްދެކެވެ. ނަމަވެސް ބާރުގެ ބޭނުންކޮށްގެން އެ ސަރަހައްދު އަތުލުމަށް ނޭދޭ ކަމަށް ޓަރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕްގެ އިންޒާރުތަކާ ގުޅިގެން ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ކުއްލި ބައްދަލުވުމެއް މިއަދު ބްރަސަލްސްގައި ބޭއްވުމަށް ވަނީ ނިންމައިފަ އެވެ. ރޮއިޓާސް ނިއުސް އޭޖެންސީން ބުނީ އެ ބައްދަލުވުމުގައި އީޔޫގެ 27 ގައުމެއްގެ ސަފީރުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

އެއާ އެކު، ގްރީންލޭންޑާއި ޑެންމާކުގެ މަގުތަކަށް ގިނަ ބަޔަކު އިއްޔެ ނުކުމެ ވަނީ އެމެރިކާއާ ދެކޮޅަށް މުޒާހަރާކޮށްފަ އެވެ.

ގްރީންލޭންޑަކީ އާބާދީ މަދު ނަމަވެސް ވަސީލަތްތަކުން މުއްސަނދި ސަރަހައްދެކެވެ. އުތުރު އެމެރިކާ އާއި އާކްޓިކާ ދެމެދު އޮންނަ އެ ސަރަހައްދަކީ މިސައިލް ހަމަލާއެއް އަތުވެއްޖެ ނަމަ ދުރާލާ އިންޒާރުދޭ ނިޒާމުތަކަށް އެންމެ އެކަށީގެންވާ ތަނެކެވެ. އަދި އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތައް މޮނިޓަރު ކުރުމަށް ވެސް އެންމެ ރަނގަޅު ތަނެވެ. 

ޓްރަމްޕް މީގެ ކުރިން ވިދާޅުވެފައި ވަނީ "ފަސޭހަ ގޮތް" ނުވަތަ "އުނދަގޫ ގޮތް" އިހުތިޔާރުކޮށްގެން ނަމަވެސް އެ ސަރަހައްދު އެމެރިކާއަށް ހޯއްދަވާނެ ކަމަށެވެ.

ޔޫރަޕްގެ ގައުމުތަކުން ވަނީ ޑެންމާކުގެ ދިފާއުގައި ތެދުވެފަ އެވެ. އެ މީހުން ބުނާ ގޮތުގައި، އާކްޓިކް ސަރަހައްދު ސަލާމަތް ކުރުމަކީ ނޭޓޯގެ ޒިންމާއަކަށް ވާން ޖެހެ އެވެ.

ފްރާންސް، ޖަރުމަން، ސްވިޑަން، ނޯވޭ، ފިންލެންޑް، ނެދަލެންޑްސް އަދި އިނގިރޭސިވިލާތުން ވަނީ ގްރީންލޭންޑަށް މަދު އަދަދެއްގެ ސިފައިން ފޮނުވައިފަ އެވެ.

ޓްރޫތު ސޯޝަލް ޕްލެޓްފޯމްގައި ޝާއިއު ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ އެ ގައުމުތަކުން ކުޅެނީ ވަރަށް ނުރައްކާތެރި ގޭމެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، "އަހަރެމެންގެ ޕްލެނެޓްގެ ސަލާމަތާއި ރައްކާތެރިކަން އަދި ދިރިހުރުމުގެ ހައްގު" އޮތް ކަމަށެވެ.

ކޮމެންޓް (1)

ބޭކާރު

18 ޖެނުއަރީ 2026
ތަންތަނަށް އެއްނުވެ ޔޫރަޕު އެންމެންވެގެން ޓްރަމްޕުގެ ގޭ ދޮށަށް އެއްވެ ބޯ ބާލަބަލަ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް