މަޗާޑޯ އޭނާގެ އެވޯޑް ޓްރަމްޕަށް ހަދިޔާ ކުރައްވަނީ
ވެނެޒުއޭލާގެ އިދިކޮޅު ލީޑަރުގެ ސުލްހައިގެ އިނާމު ޓްރަމްޕަށް ހަދިޔާ ކުރައްވައިފި
ވެނެޒުއޭލާގެ އިދިކޮޅު ލީޑަރު މާރިއާ ކޮރީނާ މަޗާޑޯ، ވައިޓް ހައުސްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލު ކުރައްވައި، އޭނާއަށް ލިބިވަޑައިގެންފައިވާ ނޯބެލް ސުލްހައިގެ އިނާމުގެ މެޑަލް ރައީސް ޓްރަމްޕަށް ހަދިޔާކުރައްވައިފި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭނާއަށް ލިބިވަޑައިގެންފައިވާ ސުލްހައިގެ މެޑެލް ޓްރަމްޕަށް ހަދިޔާ ކުރެއްވީ ޓްރަމްޕް ވެނެޒުއެލާގެ މިނިވަންކަމަށް ކުރެއްވި މަސައްކަތް އަގުވަޒަން ކުރެއްވުމުގެ ގޮތުންނެވެ.
"މިއަދަކީ ވެނެޒުއެލާގެ ރައްޔިތުންނަށް ތާރީހީ ދުވަހެއް ކަމުގައި އަހަރެން ދެކެން،" ޓްރަމްޕާ ފުރަތަމަ ފަހަރަށް ބައްދަލުކުރެއްވުމަށް ފަހު އޭނާ ވިދާޅުވި އެވެ.
އެ ބައްދަލުވުން ބާއްވާފައި މިވަނީ، އެމެރިކާގެ ސިފައިން ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ އެ ގައުމުގެ ކަރާކަސްއިން ހައްޔަރުކޮށް، މަސްތުވާތަކެތީގެ ވަގުފާރިކުރުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް އުފުލިތާ ހަފްތާތަކެއް ފަހުންނެވެ.
މިއީ ދެފަރާތުގެ މެދުގައި އޮތް އިހްތިރާމް ރަމްޒުކޮށްދޭ ވަރަށް ފުރިހަމަ ނިންމުމެއް ކަމަށް ޓްރަމްޕް ސޯޝަލް މީޑިއާގައި ވިދާޅުވެފައިވެ އެވެ. ނަމަވެސް ނޯބެލް ކޮމިޓީން ބުނީ އެ އިނާމަކީ އެހެން ފަރާތަކަށް ބަދަލުކުރެވޭނެ ނުވަތަ ނަގުލުކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ.
މީގެ ދެ އަހަރު ކުރިން، 2024ގައި ވެނެޒުއޭލާގައި ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވީ މަޗާޑޯ ކަމަށް އޭނާގެ ޕާޓީން ވަކާލާތު ކުރި ނަމަވެސް، އެމެރިކާގެ ރައީސް ވަނީ އޭނާއަކީ އިންތިހާބީ ލީޑަރު ކަމަށް ބަލައިގަތުމަށް އުޒުރުވެރިވެވަޑައިގެންނެވި އެވެ.
އޭގެ ބަދަލުގައި އޭނާ މުއާމަލާތް ކުރައްވަނީ އެކްޓިން ހެޑް އޮފް ސްޓޭޓް އަދި މަދޫރޯގެ ކުރީގެ ނާއިބު ރައީސްއާ އެވެ.