ގްރީންލޭންޑްގެ ބޮޑުވަޒީރު ޖެންސް-ފްރެޑްރިކް ނީލްސަން އާއި ޑެންމާކުގެ ބޮޑުވަޒީރު މެޓް ފްރެޑެރިކްސަން ކޯޕަންހޭގަންގައި ހުންނަ ބޮޑުވަޒީރުގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލު ކުރައްވަނީ -- ފޮޓޯ: ރޮއިޓާސް

ގްރީންލޭންޑް

އެމެރިކާއަށް ވުރެ ބޮޑަށް އަހަރެމެން އިހްތިޔާރު ކުރާނީ ޑެންމާކް: ގްރީންލޭންޑްގެ ބޮޑުވަޒީރު

ނީލްސަން މިހެން ވިދާޅުވެފައި މިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ރަށް ހިފުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައި
14 ޖެނުއަރީ 2026

އަމިއްލަ ވެރިކަމެއް ކުރާ ގްރީންލޭންޑް އެމެރިކާގެ ބާރުގެ ދަށަށް ދިއުމުގެ ބަދަލުގައި އެ ރަށުން އިހުތިޔާރު ކުރާނީ ޑެންމާކުގެ ބާރުގެ ދަށުގައި އޮތުމަށް ކަމަށް ގްރީންލޭންޑްގެ ބޮޑުވަޒީރު ޖެންސް-ފްރެޑްރިކް ނީލްސަން އިއްޔެ ވިދާޅުވެއްޖެ އެވެ.

ނީލްސަން މިހެން ވިދާޅުވެފައި މިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ރަށް ހިފުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގަ އެވެ.

ޑެންމާކުގެ ބޮޑުވަޒީރު މެޓޭ ފްރެޑެރިކްސަންއާ އެކު ކޯޕަންހޭގަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނީލްސަން ވިދާޅުވީ އާކްޓިކް ސަރަހައްދަކީ ޑެންމާކުގެ ބާރުގެ ދަށުގައި ދެމިއޮތުމަށް އިސްކަން ދޭނެ ސަރަހައްްދެއް ކަމަށެވެ.

"މިހާރު އަޅުގަނޑުމެންނަށް ކުރިމަތިވެފައި ވަނީ ޖިއޯޕޮލިޓިކަލް ކްރައިސިސްއެއް. އެމެރިކާ އާއި ޑެންމާކް އިހްތިޔާރު ކުރަން ޖެހިއްޖެ ނަމަ، ޑެންމާކް އިހްތިޔާރު ކުރަނީ،" ނީލްސަން ވިދާޅުވި އެވެ.

ނީލްސަން ވިދާޅުވީ "އަޅުގަނޑުމެންގެ އެންމެ ގާތް އެކުވެރިޔާގެ ފަރާތުން މިއީ އެއްވެސް ގޮތަކަށް ގަބޫލު ކުރެވޭނެ ވަރުގެ ޕްރެޝަރެއް ނޫން" ކަމަށެވެ.

ނީލްސަން މިހެން ވިދާޅުވެފައި މިވަނީ ގްރީންލޭންޑްގެ ސަރުކާރުން ޓްރަމްޕްގެ ހުށައެޅުން ބޮލާލާ ޖެހިތާ އެއް ދުވަސް ފަހުންނެވެ. 

"އެމެރިކާ އިން ތަކުރާރުކޮށް ގްރީންލޭންޑް ހިސޯރުކުރަން ބޭނުންވާކަން ވަނީ ހާމަކޮށްފައި. މިއީ އެއްވެސް ހާލެއްގައި ގްރީންލޭންޑްގެ ވެރިކަންކުރާ ކޯލިޝަނަށް ބަލައިގަނެވޭނެ ކަމެއް ނޫން،" ގްރީންލޭންޑްގެ ކޯލިޝަން ސަރުކާރުން ބުންޏެވެ.

"ޑެންމާކުގެ ބާރުގެ ދަށުގައި އޮންނަ ގްރީންލޭންޑަކީ ނޭޓޯގެ މެމްބަރު ރަށަކަށްވާތީ އެ ތަނުގެ ދިފާއީ ނިޒާމު އޮންނަން ޖެހޭނީ ނޭޓޯގެ ޒަރީއާއިން ބެލެހެއްޓޭ ގޮތަށް،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ޓްރަމްޕް ވަނީ ގްރީންލޭންޑް އަތުލާނެ ކަމަށް ވިދާޅުވެ، އެ ސަރަހައްދު އެމެރިކާގެ ބާރުގެ ދަށަށް ގެންނާނެ ކަމުގެ އިންޒާރު ވެސް ދެއްވައިފަ އެވެ.

މި އިންޒާރުތަކުގެ ސަބަބުން ނޭޓޯއަށް ބޮޑު ނުރައްކަލެއް ކުރިމަތިވެ، ޔޫރަޕްގެ ބައިވެރިންގެ މެދުގައި ރުޅިވެރިކަން އުފެދި، ގްރީންލޭންޑް ހިސޯރުކޮށްފި ނަމަ އެމެރިކާ އާއި ޔޫރަޕްގެ ގުޅުމަށް އަސަރު ކުރާނެ ކަމުގެ އިންޒާރު ޔޫރަޕްގެ ގައުމުތަކުން ވަނީ ދީފަ އެވެ.

އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް އާއި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވައިޓް ހައުސްގައި ޑެންމާކާއި ގްރީންލޭންޑްގެ ހާރިޖީ ވަޒީރުންނާ އެކު މިއަދު ބައްދަލުވުމެއް ބޭއްވުމަށް ވަނީ ޕްލޭންކޮށްފަ އެވެ.

ޑެންމާކުގެ ހާރިޖީ ވަޒީރު ލާސް ލޮކޭ ރަސްމުސެން އާއި ގްރީންލޭންޑްގެ ހާރިޖީ ވަޒީރު ވިވިއަން މޮޓްޒްފެލްޓް ކޯޕަންހޭގަންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ޓްރަމްޕްގެ އިންޒާރުތަކާ ގުޅިގެން ރޫބިއޯއާ ބައްދަލު ކުރެއްވުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ.

ޑެންމާކުގެ ގާނޫނު ހަދާ މަޖިލީހުގައި ގްރީންލޭންޑްގެ ތަމްސީލު ކުރައްވާ އާޖާ ކެމްނިޓްޒް އަލްޖަޒީރާއަށް ވިދާޅުވީ ގްރީންލޭންޑްގެ 56،000 މީހުންގެ ތެރެއިން ގިނަ މީހުންނަކީ އެމެރިކާގެ ރަށްވެހިކަން ހޯދަން ބޭނުން މީހުން ނޫން ކަމަށެވެ.

"ގްރީންލޭންޑަކީ ވިއްކާ ތަނެއް ނޫން. ގްރީންލޭންޑް ދުވަހަކު ވެސް ނުވިއްކާނެ،" ކެމްނިޓްޒް ވިދާޅުވި އެވެ.

"މީހުން ހީކުރަނީ ގްރީންލޭންޑްގެ ފުރާނަ ގަނެވިދާނެ ކަމަށް. އެއީ އަހަރެމެންގެ އައިޑެންޓިޓީ، އަހަރެމެންގެ ބަހާއި އަހަރެމެންގެ ސަގާފަތް އަދި އެމެރިކާގެ ރައްޔިތަކަށް ވެއްޖެ ނަމަ މުޅިން ތަފާތު ވާނެ އަދި އެއީ ގްރީންލޭންޑްގެ ގިނަ މީހުން ބޭނުންވާ ކަމެއް ނޫން."

އިތުރު އާޓިކަލް

އިތުރު އާޓިކަލް