ކެމްބޯޑިއާގެ ޑިފެންސް މިނިސްޓަރު ޓީ ސެއިހާ އާއި ތައިލެންޑުގެ ޑިފެންސް މިނިސްޓަރު ނަތަފޮން ނަރްކްފަނިޓް ތައިލެންޑުގެ ޗަންތަބުރީ ޕްރޮވިންސްގެ ބޯޑަރު ޗެކްޕޮއިންޓްގައި ބޭއްވި ހާއްސަ ބައްދަލުވުމެއްގައި ހަނގުރާމަ ހުއްްޓާލުމަށްވި އެއްބަސްވުން ދައްކާލަނީ

ތައިލެންޑް

ތައިލެންޑް- ކެމްބޯޑިއާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފަށައިފި

ތައިލެންޑުގެ ދިފާއީ ވަޒީރު ނަތަފޮން ނަރްކްފަނިޓް ވިދާޅުވީ ހަނގުރާމަ ހުއްޓާލުމަކީ އެ ގައުމުގެ އިހްލާސްތެރިކަން ދައްކުވައިދޭ އިމްތިހާނެއް ކަމަށް
28 ޑިސެމްބަރު 2025

ކެމްބޯޑިއާ އާއި ތައިލެންޑާ ދެމެދު ތިން ހަފްތާ ވަންދެން ހިނގި ހަމަނުޖެހުންތަކުގައި އެއް މިލިއަނެއްހާ މީހުން ގެދޮރު ދޫކޮށް ގޮސްފައި ވަނިކޮށް، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފަށައިފި އެވެ.

ދެ ގައުމު ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ، ދެ ފަރާތުން ހަނގުރާމަ ބަދަލު ކުރަމުން އަންނަ ސަރަހައްދުގައި އެއްވެސް ހަރަކާތެއް ނުހިންގުމަށް ދެ ފަރާތުން އެއްބަސްވެފައިވާ ކަމަށެވެ. އަދި ރީއިންފޯސްމަންޓް މަނާކޮށް ބޯޑަރު ސަރަހައްދުތަކުގައި ތިބި އާންމުންނަށް ވީހާ ވެސް އަވަހަކަށް އެނބުރި އެތަން ތަނަށް ރުޖޫއަވުމަށް މަގުފަހިކޮށްދިނުނަށް ވެސް ވަނީ އެއްބަސްވެފަ އެވެ.

ހަނގުރާމަ ހުއްޓާލުމަށް އަމަލުކުރަން ފަށާފައިވަނީ އިއްޔެ ހަވީރު 5:00 އެހާކަންހާއިރު އެވެ. އަދި ޖުލައި މަހުން ފެށިގެން ތައިލެންޑުން ހައްޔަރުކޮށްފައިވާ ކެމްބޯޑިއާގެ 18 ސިފައިންގެ މީހުން ދޫކޮށްލާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ކާމިޔާބީ ހޯދާފައި މިވަނީ ޗައިނާ އާއި އެމެރިކާގެ ޑިޕްލޮމެޓިކް އެހީތެރިކަމާ އެކު ދެ ގައުމުގެ ދެމެދުގައި އެތައް ދުވަހެއް ވަންދެން ބޭއްވި މަޝްވަރާތަކަށް ފަހުގަ އެވެ.

އެ އެއްބަސްވުމުގެ ދަށުން ގެދޮރު ގެއްލިފައިވާ މީހުން އަނބުރާ އެ މީސްމީހުންގެ ގެދޮރަށް އަނބުރާ ގެންދިއުމަށާއި ލޭންޑްމައިންތައް ނެގުމަށް ވެސް އެއްބަސްވެފައިވެ އެވެ.

ތައިލެންޑުގެ ދިފާއީ ވަޒީރު ނަތަފޮން ނަރްކްފަނިޓް ވިދާޅުވީ ހަނގުރާމަ ހުއްޓާލުމަކީ އެ ގައުމުގެ އިހްލާސްތެރިކަން ދައްކުވައިދޭ އިމްތިހާނެއް ކަމަށެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ވެރިޔާ ވޮލްކާ ޓާކް ވިދާޅުވީ ހަނގުރާމަ ހުއްޓާލުމުގެ ސަބަބުން ސުލްހައަށް މަގު ފަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް