ލެފްޓިނެންޓް ޖެނެރަލް މުހައްމަދު އަލް ހައްދާދު
މަތިންދާބޯޓް ވެއްޓި ލީބިޔާގެ އަސްކަރިއްޔާގެ ވެރިޔާ އަވަހާރަވެއްޖެ
ލީބިޔާގެ އަސްކަރިއްޔާގެ ވެރިޔާ ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި ގައުމަށް ވަޑައިގަންނަވަނިކޮށް މަތިންދާބޯޓް ވެއްޓި އަވަހާރަވެފައިވާ ކަމަށް ލީބިޔާގެ ބޮޑުވަޒީރު ވިދާޅުވެއްޖެ އެވެ.
ތުރުކީގެ ބޮޑުވަޒީރު އަބްދުލްހާމިދު އަލް ދީބާހް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ލެފްޓިނެންޓް ޖެނެރަލް މުހައްމަދު އަލް ހައްދާދު އަންކާރާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު ޓްރިޕޮލީއަށް ވަޑައިގަންނަވަނިކޮށް ހިނގި ހިތާމަވެރި އެކްސިޑެންޓެއްގައި އަވަހާރަވެފައިވާ ކަމަށެވެ. އަދި އޭނާއާ އެކު އިތުރު ހަތަރު ބޭފުޅަކު އަވަހާރަވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަލް ހައްދާދާއި އޭނާގެ ހަތަރު އެކުވެރިން އަވަހާރަވި ހަބަރު އަޅުގަނޑުމެންނަށް ލިބުނީ ވަރަށް ހިތާމައާ އެކު،" އަލް ދީބާ ވިދާޅުވި އެވެ.
އދ.ގެ މަދަދު ލިބިގެން ހިންގާ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގެ ބޮޑުވަޒީރު ވަނީ އެ ހާދިސާގައި އަވަހާރަވި ބޭފުޅުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފަ އެވެ.
އެ ހާދިސާގައި އަވަހާރަވި އަނެއް ހަތަރު ބޭފުޅުންނަކީ ގްރައުންޑް ފޯސަސްގެ ޗީފް އޮފް ސްޓާފް މޭޖާ ޖެނެރަލް އަލް ފިތޫރީ ގްރެއިބެލް، މިލިޓަރީ މެނުފެކްޗަރިންގް އޮތޯރިޓީގެ ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް މަހްމޫދު އަލް ގަތޫއީ، ލީބިޔާގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފްގެ އެޑްވައިޒަރު މުހައްމަދު އަލް އަސާވީ ދިއާބް އަދި މީޑިއާ އޮފީހުގެ ފޮޓޯގްރާފަރު މުހައްމަދު އުމަރު އަހުމަދު މަހްޖޫބް އެވެ.
ތުރުކީގެ ބްރޯޑްކާސްޓަރު ސީއެންއެންޓާކް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ މަތިންދާބޯޓުގައި ތިން ފަޅުވެރިން ތިބި އިރު، އެ އެންމެންނަކީ ވެސް ފްރާންސް މީހުންނެވެ.
ތުރުކީގެ ކަމާބެހޭ ފަރާތްތަކުން ބުނީ އަލް ހައްދާދު އާއި އޭނާގެ ޓީމް ގޮވައިގެން ދަތުރުކުރި ބިޒްނަސް ޖެޓް ފުރިތާ މާ ގިނައިރެއް ނުވެ ގުޅުން ކެނޑުނު ކަމަށެވެ.
ސީއެންއެންޓާކް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޖެޓްގެ އިލެކްޓްރިކަލް އިމަޖެންސީއެއް އިއުލާން ކުރި ކަމަށާއި ކޮމިއުނިކޭޝަން ކެނޑުމުގެ ކުރިން އެއާޕޯޓަށް އެނބުރި ދިއުމަށް އެދުނެވެ.