އޮސްޓްރޭލިއާގެ ސިޑްނީގައި ޑިސެމްބަރު 14، 2025 ގައި ހިނގި ބަޑީގެ ހަމަލާއެއްގައި އިމަޖެންސީ މީހުން ސްޓްރެޗާއެއްގައި މީހަކު ގެންދަނީ. / އޭޕީ ފޮޓޯ

އޮސްޓްރޭލިޔާ

ސިޑްނީގެ ބޮންޑީ ބީޗުގައި އޮތް ޔަހޫދީ ފެސްޓިވަލަކަށް ބަޑިން ހަމަލާދީ 15 މީހަކު މަރާލައިފި

އެ ހާދިސާގައި ބަޑިން ހަމަލާދިން މީހުންގެ ތެރެއިން އެކަކު ވަނީ މަރާލައި. އޭނާއަކީ 50 އަހަރުގެ ފިރިހެނެއް. އަދި އޭނާގެ 24 އަހަރުގެ ފިރިހެން ދަރިފުޅު ވަނީ ހައްޔަރުކޮށްފައި
15 ޑިސެމްބަރު 2025

އޮސްޓްރޭލިއާގެ ސިޑްނީގެ މަަޝްހޫރު ބޮންޑީ ބީޗުގައި ޔަހޫދީންގެ ފެސްޓިވަލަކަށް ދިން ބަޑީގެ ހަމަލާއެއްގައި 15 މީހުން މަރުވެ، އެތައް ބަޔަކު ޒަހަމުވެފައިވާ ކަމަށް އޮސްޓްރޭލިއާގެ ފުލުހުން ބުނެފި އެވެ.

ބޮޑުވަޒީރު އެންތަނީ އަލްބަނީޒް ވިދާޅުވީ 'ހަނުއްކާ'ގެ ފުރަތަމަ ދުވަހު އޮސްޓްރޭލިއާގެ ޔަހޫދީންނަށް ދިން ހަމަލާއަކީ ރޭވިގެން ޔަހޫދީންނަށް ދިން ސީދާ ހަމަލާއެއް ކަމަށެވެ. ފުލުހުން އެ ހަމަލާ ސިފަކޮށްފައި ވަނީ ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގަ އެވެ.

"މިއަދު ބޮންޑީ ބީޗުގައި ފެނިގެން ދިޔަ ނުބައި މަންޒަރުތަކަކީ ވިސްނާ ފިކުރު ވެސް ނުކުރެވޭ ވަރުގެ ނުބައި މަންޒަރުތަކެއް. އަދި މިރޭ އާއިލާތަކަށް ކުރިމަތިވެފައިވާ ހިތްދަތިކަމާއި ގެއްލުމަކީ ކޮންމެ މީހެއްގެ ވެސް އެންމެ ބޮޑު ބިރުވެރިކަން،" އިއްޔެ ހިނގި ހާދިސާއާ އާ ގުޅޭ ގޮތުން ބޮޑުވަޒީރު ވިދާޅުވި އެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބަޑިޖެހުމުގެ ހާދިސާ ހިނގުމާ ގުޅިގެން 40 އެއްހާ މީހުން އަދި ވެސް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށެވެ.

އެ ހާދިސާގައި ބަޑިން ހަމަލާދިން މީހުންގެ ތެރެއިން އެކަކު ވަނީ މަރާލައިފަ އެވެ. އޭނާއަކީ 50 އަހަރުގެ ފިރިހެނެކެވެ. އަދި އޭނާގެ 24 އަހަރުގެ ފިރިހެން ދަރިފުޅު ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ ތިން ވަނަ މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން ނުދާ ކަމަށެވެ.

ޕޮލިސް ކޮމިޝަނަރު ވިދާޅުވީ އުމުރުން 50 އަހަރުގެ މީހާގެ އަތުގައި ބަޑި ގެންގުޅުމުގެ ލައިސަންސް އޮތް ކަމަށާއި އެ ސަރަހައްދުން ހަ ބަޑި ފެނިފައިވާ ކަމަށެވެ. އަދި އެ ބަޑިތަކަކީ އޭނާއަށް ދީފައިވާ ލައިސަންސާ ގުޅޭ ބަޑިތައްތޯ ބަލަމުން އަންނަ ކަމަށެވެ.

ބަޑި ޖެހި ސަރަހައްދުން ދެ "ރޫޑިމެންޓަރީ" ޑިވައިސް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

"އެ ޑިވައިސްތައް އެކްޓިވޭޓް ނުކުރެވުނީތީ އަހަރެން ވަރަށް އުފާކުރަން،" ފުލުހުންގެ ކޮމިޝަނަރު ވިދާޅުވި އެވެ.

އެ ހާދިސާ ހިނގި އިރު އެ ފެސްޓިވަލަށް 1000 އަށް ވުރެ ގިނަ މީހުން ޖަމާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭނާ ވިދާޅުވީ އޮސްޓްރޭލިއާ އަކީ "އެކަން ކުރި ބާރުތަކަށް ވުރެ ބާރުގަދަ" ގައުމެއް ކަމަށާއި ބައިބައިވުމާއި ނަފްރަތުގެ ތެރެއަށް އެއްގޮތަކަށް ވެސް ބޯނުލަނބާނެ ކަމަށެވެ.

އދ. އިން ނާއި ދުނިޔޭގެ ލީޑަރުން ގެންދަވަނީ އެ ހާދިސާ ކުށްވެރި ކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް