އައޮމޯރީ ޕްރިފެކްޗާގައި ހުންނަ މި ގެއަކީ ބިންހެލުމުގައި ގެއްލުން ލިބުނު ގެތަކުގެ ތެރޭގައި ހިމެނޭ ގެއެއް.
ޖަޕާނަށް އައިި ބާރުގަދަ ބިންހެލުމެއްގައި 30 ވަރަކަށް މީހުންނަށް އަނިޔާވެއްޖެ
ޖަޕާނަށް 7.5 މެގްނިޓިއުޑްގެ ބާރު ގަދަ ބިންހެލުމެއް އައިއިސް، 30 މީހަކަށް އަނިޔާވެ، އެތައް ހާސް ބަޔަކު ގެދޮރު ދޫކޮށް ދާން މަޖުބޫރުވެއްޖެ އެވެ.
ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އޭޖެންސީން މިއަދު ބުނީ ރޭ ދަންވަރު އެ ބިންހެލުން އައިސްފައި ވަނީ އައޮމޯރީ ސަރަހައްދުގެ އައްސޭރިފަށުން ގާތްގަނޑަކަށް 80 ކިލޯމީޓަރު ދުރުން 50 ކިލޯމީޓަރު އަޑިއަށް ކަމަށެވެ. އެ ހާދިސާއާ ގުޅިގެން ސުނާމީގެ އިންޒާރު ދިނެވެ. ނަމަވެސް މިހާރު ވަނީ އެ އިންޒާރު އުވާލައިފަ އެވެ. އެކަމަކު ރާޅުތައް 27 އިންޗިއަށް ވަނީ އުފުލިފަ އެވެ.
ބައެއް ރޭލުތަކުގެ ހިދުމަތް ހުއްޓި، އެތައް ހާސް ގެއަކުން ވަނީ ކަރަންޓް ކެނޑިފަ އެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި އެއަށް ވުރެ ބާރުގަދަ ބިންހެލުމެއް އަތުވެދާނެ ކަމުގެ އިންޒާރު ވެސް ކަމާބެހޭ ފަރާތްތަކުން ވަނީ ދީފަ އެވެ. އަދި މަދުވެގެން ހަފްތާއެއް ވަންދެން އާންމުން އެލާޓްގައި ތިބުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
ބިންހެލުން އައި ސަރަހައްދުން ގާތްގަނޑަކަށް 90،000އެއްހާ މީހުން އެހެން ސަރަހައްދުތަކަށް ދިއުމުގެ އަމުރެއް ނެރެފައިވާ ކަމަށް ރޮއިޓާސް ނިއުސް އޭޖެންސީން ބުނެ އެވެ.
އައޮމޯރީގެ ލޯކަލް ސަރުކާރުން ބުނީ 2،700އެއްހާ ގޭބިސީއަކުން ކަރަންޓް ކެނޑިފައިވާ ކަމަށެވެ. އިރުމަތީ ޖަޕާން ރޭލްވޭއިން ވަނީ އުތުރުގެ އައްސޭރިފަށުގެ ބައެއް ހިދުމަތްތައް މެދުކަނޑާލައިފަ އެވެ.
ޖަޕާނުގެ ޗީފް ކެބިނެޓް ސެކްރެޓަރީ މިނޯރު ކިހާރާ ވިދާޅުވީ ޖަޕާނުގެ ބޮޑުވަޒީރުގެ އޮފީހުގައި ހާދިސާ މޭނޭޖު ކުރުމަށް ސެންޓަރެެއް ގާއިމްކޮށް އިމަޖެންސީ ޓީމެއް އެކުލަވާލާފައިވާ ކަމަށެވެ.
ޖަޕާނުގެ އިލެކްޓްރިކް ކުންފުނި، ޓޮހޯކޫ އިލެކްޓްރިކް ޕަވާ އިން ބުނީ ބިންހެލުމުގެ ސަބަބުން އެ ގައުމުގެ ހިގަޝިޑޯރީ އަދި އޮނަގަވާ ނިއުކްލިއާ ޕަވާ ޕްލާންޓްތަކުގައި އެއްވެސް މައްސަލައެއް ދިމާވެފައި ނުވާ ކަމަށެވެ.
ޖަޕާނަށް 2011 ވަނަ އަހަރު އައި އެންމެ ބާރުގަދަ ބިންހެލުމަށް ފަހު، އަދި އެއާ ވިދިގެން ހޮންޝޫއަށް އެރި ސުނާމީގައި 18،000އަށް ވުރެ ގިނަ މީހުން މަރުވެ މުޅި އަވަށް ހަލާކުވި އެވެ.
ޖަޕާނަކީ ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރާ އެއް ގައުމެވެ.
ރިންގް އޮފް ފަޔާގައި އޮންނަ އެ ގައުމަށް އަހަރަކު 1،500އަށް ވުރެ ގިނަ ބިންހެލުން އާދެ އެވެ.