ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް 'އޯޑާ އޮފް ސެއިންޓް އެންޑްރޫ ދަ އެޕޯސްޓްލް ދަ ފަސްޓް ކޯލް' މިދިޔަ އަހަރުގެ ޖުލައި މަހު އަރުވަނީ.

އިންޑިއާ

ރަޝިޔާ-ޔޫކްރެއިންގެ ސުލްހައަށް ޕޫޓިން އިންޑިއާއަށް ވަޑައިގެންފި

ރަޝިއާ އާއި އިންޑިއާއާ އެކު ޒަމާނުއްސުރެ އޮންނަ ގުޅުމުގެ ސަބަބުން އެމެރިކާ އިން ވަނީ އިންޑިއާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފައި
4 ޑިސެމްބަރު 2025

މީގެ ހަތަރު އަހަރު ކުރިން ރަޝިޔާއިން ޔުކްރެއިން ހަނގުރާމަ ފެށި ފަހުން އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން މިއަދު އިންޑިއާއަށް ވަޑައިގެންފި އެވެ.

މިއީ އެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާ އިން ކުރަމުން އަންނަ މަސައްކަތަށް އައިސްފައިވާ ކުރިއެރުމެއް ކަމަށް ބެލެވެ އެވެ.

ޕޫޓިންގެ 30 ގަޑިއިރުގެ މި ދަތުރުފުޅަކީ އެމެރިކާ އާއި އިންޑިއާއާ ދެމެދު ހީނަރުވެފައި އޮތް ގުޅުން ރަނގަޅުވި ދަނޑިވަޅުގައި ކުރެއްވި ދަތުރުފުޅެކެވެ. ރަޝިއާ އާއި އިންޑިއާއާ އެކު ޒަމާނުއްސުރެ އޮންނަ ގުޅުމުގެ ސަބަބުން އެމެރިކާ އިން ވަނީ އިންޑިއާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.

އެ ކޯޅުންތަކުގެ ސަބަބުން ރަޝިއާ އާއި އިންޑިއާއާ ދެމެދު ޒަމާނުއްސުރެ އޮތް ހަމަހަމަ ކުރުމުގެ ސިޔާސަތު އިތުރަށް ނާޒުކު ވެގެން ދިޔަ އެވެ.

އިންޑިއާއަށް 1947 ވަނަ އަހަރު އިނގިރޭސިންގެ އަތްދަށުން މިނިވަންކަން ލިބުނު ފަހުން، 1960ގެ އަހަރުތަކުން ފެށިގެން ސޯވިއެޓް ޔޫނިއަންއާ ގާތް ގުޅުމެއް ބާއްވަމުން އައި ނަމަވެސް، ފިނި ހަނގުރާމައިގެ ދުވަސްވަރު އިންޑިއާ އިން ވަނީ އެއްވެސް ބޮޑު ބާރަކާ އެކު ރަސްމީ ގުޅުމެއް ނުބާއްވަން މަސައްކަތް ކޮށްފަ އެވެ. ފިނި ހަނގުރާމަ ނިމުމަކަށް އައި ފަހުން އެމެރިކާއާ އެކު ސްޓްރެޓީޖިކް އަދި އަސްކަރީ ގުޅުންތައް ވަރުގަދަކޮށް، ރަޝިއާއާ އެކު އޮތް ރަހުމަތްތެރިކަން ދެމެހެއްޓުމަށް އެ ގައުމުން ވަނީ މަސައްކަތް ކޮށްފަ އެވެ.

ނަމަވެސް ރަޝިއާ އިން ޔޫކްރެއިންއާ ދެކޮޅަށް ހަނގުރާމައެއް ފެށުމުގެ ސަބަބުން އެ ހަމަހަމަކަން ވަނީ ފުނޑުފުނޑުވެފަ އެވެ. އަދި ޕުޓިންގެ މި ދަތުރުފުޅުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެ ގުޅުންތައް ބެލެންސް ކުރަން ގަސްދުކުރައްވާ މިންވަރު ހާމަވެގެންދާނެ އެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީއާ އެކު އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ޕޫޓިން ރޭގަނޑުގެ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބެލެވެ އެވެ.

ޕޫޓިންގެ މި ދަތުރުފުޅުގައި މާދަމާ ރާޝްތުރަޕަތީ ބަވަންއަށް ވަޑައިގެން އިންޑިއާގެ ރައީސް ޑްރައުޕަދީ މުރްމޫއާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެއަށް ފަހު މަހާތުމާ ގާންދީގެ ހަނދާނީ ބިނާ ރާޖް ގާޓަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

އެއަށް ފަހު ޕޫޓިން އާއި މޯދީ ބައްދަލު ކުރައްވާނީ އިންޑިއާ-ރަޝިއާ ސަމިޓްގެ އެންމެ ފަހުގެ ލީޑާޝިޕް ސަމިޓްތައް ބާއްވާ ހައިދަރުއާބާދު ހައުސްގަ އެވެ. އެއަށް ފަހު، ޕުޓިންގެ ޝަރަފުގައި އިންޑިއާގެ ރައީސް މުރްމޫ ބާއްވަވާ ޖާފަތެއްގައި ބައިވެރިވެވަޑައިގަތުމުގެ ކުރިން އެ ބޭފުޅުން ވިޔަފާރިވެރިންނާ ބައްދަލު ކުރައްވާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް