އިންޑޮނޭޝިއާގައި ފެންބޮޑުވުމުގެ ސަބަބުން 1.4 މިލިއަން މީހުންނަށް ވަނީ އަސަރުކޮށްފައި.

އިންޑޮނީޝިއާ

އިންޑޮނޭޝިއާގައި ފެންބޮޑުވެ 500އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

އިންޑޮނޭޝިއާގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ އަޗޭ ޕްރޮވިންސް، ނޯތު ސުމަޓްރާ އަދި ވެސްޓް ސުމަޓްރާއަށް
2 ޑިސެމްބަރު 2025

އިންޑޮނޭޝިއާގައި ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 500އަށް ވުރެ މައްޗަށް އަރައިފި އެވެ.

މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރާ ޓީމުތަކުން އަދިވެސް ދަނީ ގެއްލުން ލިބުނު ސަރަހައްދުތަކަށް ދިއުމަށް މަސައްކަތް ކުރަމުންނެވެ.

ސަރުކާރުގެ ޑިޒާސްޓާ އޭޖެންސީން ބުނާ ގޮތުގައި މަލަކާ ކަނޑުއޮޅިއަށް އެރި ތޫފާނުގެ ސަބަބުން ތިން ޕްރޮވިންސަކާއި 1.4 މިލިއަން މީހުންނަށް ވަނީ އަސަރުކޮށްފަ އެވެ.

އިތުރު 500އަށް ވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް ބެލެވެ އެވެ. އެތައް ހާސް ބަޔަކު ވަނީ ޒަހަމްވެފަ އެވެ.

އިންޑޮނޭޝިއާއަކީ އޭޝިއާ ސަރަހައްދަށް ބޯކޮށް ވާރޭވެހި ތޫފާނުގެ އަސަރު ކޮށްފައިވާ އެެއް ގައުމެވެ. މީގެ އިތުރުން، ތައިލެންޑް، މެލޭޝިއާ އަދި ލަންކާގައި ވެސް ވަނީ ގިނަ ބަޔަކު މަރުވެފަ އެވެ.

އިންޑޮނޭޝިއާގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ އަޗޭ ޕްރޮވިންސް، ނޯތު ސުމަޓްރާ އަދި ވެސްޓް ސުމަޓްރާ އަށެވެ. އެތައް ހާސް ބަޔަކު އަދި ވެސް ތިބީ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ އެހީ ނުލިބި އެވެ.

އަޗޭގައި ދިރިއުޅޭ އާރިނީ އަމާލިއާ ބީބީސީއަށް ދިން އިންޓަވިއުއެއްގައި ބުނީ ފެންބޮޑުވުމުގެ އިހުސާސް ކުރެވުނީ "ސުނާމީއެއް ފަދަ ގޮތަކަށް" ކަމަށެވެ.

ބޮޑެތި ވެހިކަލްތަކަށް ދަތުރު ނުކުރެވޭތީ އެހީދޭ ފަރާތްތަކުން ދަނީ ފައިމަގުގަޔާ އަދި ސައިކަލުގައި މީހުންނާ ހަމައަށް ވާސިލުވުމަށް މަސައްކަތް ކުރަމުންނެވެ.

އެ ސަރަހައްދުގެ ފޮޓޯތަކުން ފެންނަ ގޮތުގައި ބްރިޖުތައް ހަލާކުވެ، މަގުތައް ވަނީ ކިސަޑުން ފުރިފަ އެވެ.

ގިނަ ބަޔަކު އަދިވެސް ތިބީ ކާބޯތަކެތީގެ އެހީގެ އިންތިޒާރުގަ އެވެ. އަދި ބައެއް މީހުން ބުނަނީ ނުކައި ތިބޭތާ ދެ ތިން ދުވަސް ވެފައިވާ ކަމަށެވެ.

ދެކުނު އަދި ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގައި ފެންބޮޑުވުމުގެ ހާދިސާތަކުގައި މިހާތަނަށް 1،100އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ލަންކާގައި މިހާނަށް ވަނީ 355އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. އަދި ތައިލެންޑުން މަރުވި މީހުންގެ އަދަދު ވަނީ 176 އަށް އަރައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް