މިސްރުގެ ޝަރްމް އަލް ޝެއިހްގައި ގާޒާ ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދުނިޔޭގެ ލީޑަރުންގެ ސަމިޓެއްގައި ތަގުރީރު ކުރައްވަނީ. (ފޮޓޯ/ރޮއިޓާސް)

ގާޒާ ހަނގުރާމަ

ދުނިޔޭގެ ލީޑަރުންގެ ކުރިމަތީގައި ގާޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އިޒްރޭލުން ދިން ހަމަލާތަކުގައި 67،869 މީހުން މަރުވެ، އެތައް ހާސް ބަޔަކު ވަނީ ބިންގަނޑު ދަށުވެ ތާށިވެފައި
14 އޮކްޓޯބަރު 2025

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސްނެންގެވުމާ އެކު ގާޒާއަށް ސުލްހަ ގެނައުމަށް މިސްރުގައި އިއްޔެ ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ދުނިޔޭގެ ސިޔާސީ ލީޑަރުން ބައިވެރިވެއްޖެ އެވެ. އޭގެ ތެރޭގައި މިސުރުގެ ރައީސްގެ އިތުރަށް ގަތަރުގެ އަމީރާއި ތުރުކީގެ ރައީސް ފަދަ ބޭފުޅުން ހިމެނެ އެވެ.

އިޒްރޭލުން ދިން ހަމަލާތަކުން ގާޒާ ސުންނާފަތިކޮށްލާފައި އޮތް ނަމަވެސް، މިސުރުގެ އައްސޭރި ފަށުގެ ރިސޯޓް، ޝަރްމް އަލް ޝެއިހްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ގާޒާގެ މުސްތަގުބަލު އުޖާލާ މުސްތަގުބަލެއްގައި ދެމި އޮންނާނެ ކަމަށެވެ.

"ތާޒާ އަދި ރީތި ދުވަހަކަށް އިރުއަރައިގެން މި އަންނަނީ. ގާޒާ އަލުން އާރާސްތުކުރުމުގެ މަސައްކަތް މިހާރު އެ ފެށެނީ،" އިޒްރޭލާއި ފަލަސްތީނުގެ ޖަމާއަތެއް ކަމަށްވާ ހަމާސްއާ ދެމެދު އެއްބަސްވުމަކަށް އައުމަށް ސަރަހައްދީ ލީޑަރުންގެ އެހީތެރިވެދިން ލިބުނުކަން ފާހަގަކުރައްވަމުން ޓްރަމްޕް އެ ބޭފުޅުންނަށް ތައުރީފު ކުރައްވަމުން ވިދާޅުވި އެވެ.

"އަލުން އާރާސްތު ކުރުމަކީ އެންމެ ފަސޭހަ ކަމަކަށް ވެދާނެ. އަޅުގަނޑުމެންނަށް އެނގޭ ދުނިޔޭގެ އެހެން މީހުންނަށް ވުރެ ރަނގަޅަށް އެކަން ކުރަން."

އެ އެއްބަސްވުމުގެ ސަބަބުން ގާޒާގެ މުސްތަގުބަލާ މެދު ހިތްހަމަޖެހުން ލިބޭ އިރު އަނެއްކޮޅުން ކަންބޮޑުވުން ވެސް ހިމެނެ އެވެ. އެހެނީ އިޒުރޭލުން ދިން ހަމަލާތަކުގައި 67،869 މީހުން މަރުވެ، އެތައް ހާސް ބަޔަކު ވަނީ ބިންގަނޑު ދަށުވެ ތާށިވެފަ އެވެ.

އިޒްރޭލުގެ އަސްކަރީ ކެމްޕޭނުގެ ސަބަބުން ގާޒާގެ ބޮޑު ސަރަހައްދެއް ވަނީ މީހުންނަށް ދިރިނޫޅެވޭ ގޮތަށް ސުންނާފަތިކޮށްފަ އެވެ. އަދި އިލްމުވެރިންނާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން އެ ސަރަހައްދުގައި އިންސާނީ ނަސްލެއް ނައްތާލުމަށް މަސައްކަތް ކުރި ކަމަށް ތުހުމަތުކުރެ އެވެ. ނަމަވެސް އެމެރިކާގެ ރައީސް ވިދާޅުވަނީ ގާޒާގެ މުސްތަގުބަލާއި މެދު މަޝްވަރާކޮށްގެން ގޮތެއް ހޯދޭނެ ކަމަށެވެ.

"ގާޒާ އަލުން އާރާސްތުކުރުމާ އެކު، އެ ގައުމު ޑީމިލިޓަރައިޒް ކުރަން ޖެހޭ،" ޓްރަމްޕް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް