އިންތިހާބީ ރައީސް ޕެޓްރިކް ހާރމިނީ އާއި އޭނާގެ އަނބިކަނބަލުން ވެރޯނިކް ސީޝެލްސްގެ ވިކްޓޯރިއާގައި ކެމްޕެއިން ކުރައްވަނީ [ގެބްރިއެލް ރޮބަޓް-ޖިރޮންސެލް/ރޮއިޓާސް]
ސީޝެލްސްގެ ރިޔާސީ އިންތިހާބު އިދިކޮޅު ލީޑަރު ކާމިޔާބުކުރަވައިފި
ދެ ވަނަ ބުރުގެ އިންތިހާބުގައި މިހާރުގެ ރައީސް ވާވެލް ރަމްކަލާވަންގެ މައްޗަށް ކުރި ހޯއްދަވައި ސީޝެލްސްގެ ރިޔާސީ އިންތިހާބު އިދިކޮޅު ލީޑަރު ޕެޓްރިކް ހާރުމިނީ ކާމިޔާބު ކުރައްވައިފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ނަތީޖާ ދައްކާ ގޮތުން ހަރުމިނީ އިންތިހާބު ކާމިޔާބު ކުރެއްވީ %52.7 ވޯޓު ހޯއްދަވައިގެންނެވެ. ރަމްކަލާވަން އަށް ލިބިވަޑައިގަތީ %47.3 ވޯޓެވެ.
ކާމިޔާބީގެ ތަގުރީރުގައި ހަރްމިނީ ވިދާޅުވީ ދިރިއުޅުމުގެ ހަރަދުތައް ދަށް ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ އާންމު ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރައްވައި ޖަޒީރާ ގައުމު އެއްބައިވަންތަ ކުރައްވާނެ ކަމަށެވެ.
"ރައްޔިތުން ބަސް އިއްވައިފި،" ހަރްމިނީ ،62، ވިދާޅުވި އެވެ.
"ރައްޔިތުން އަޅުގަނޑަށް ދެއްވި އިތުބާރަށް ފަހުރުވެރިވެ، ހާސް ފަށުން ޝުކުރު ދަންނަވަން. އަޅުގަނޑަކީ ސީޝެލްސްގެ ކޮންމެ ރައްޔިތެއްގެ ރައީސް. އަދި ރައްޔިތުންގެ މެދުގައި މި އޮތް ބައިބައިވުންތައް ނައްތާލާ ހަމަހަމަކަން ގާއިމު ކުރާނަން،" ހަރްމިނީ ވިދާޅުވި އެވެ.
ހަރްމިނީއަށް ލިބުނު ކާމިޔާބީއާ އެކު އޭނާގެ ޔުނައިޓެޑް ސީޝެލްސް ޕާޓީއަށް ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ވެސް ވަނީ ލިބިފަ އެވެ. މިދިޔަ މަހު ބޭއްވި އާންމު އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް އެ ޕާޓީން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދައިފަ އެވެ.
ސިހުރު ހެއްދެވި ކަމުގެ ތުހުމަތުގައި ހަރްމިނީ 2023 ވަނަ އަހަރު ހައްޔަރުކުރި އެވެ. ނަމަވެސް އެ ދައުވާ އަނބުރާ ގެންދިޔަ އެވެ. އެހެން ކަމާ އެކު މިއީ އޭނާއަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ކާމިޔާބީ އެކެވެ. އޭނާ ވަނީ 2007 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ހަމައަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވައިފަ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ނަތީޖާ އިއުލާން ކުރެއްވުމުގެ ރަސްމިއްޔާތުގައި ރަމްކަލާވަން ވަނީ ހަ ވަނަ އިންތިހާބީ ރައީސަށް މަރުހަބާ ވިދާޅުވެފަ އެވެ.
ހާރުމިނީ ވަނީ ރިޓަޔާމަންޓް އުމުރު 65 އަހަރުން 63 އަހަރަށް ދަށް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެ ގައުމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ އަދި ރިހެބިލިޓޭޝަން ސެންޓަރުން ބުނާ ގޮތުގައި 120،000 މީހުންގެ އާބާދީގެ 5،000 އާއި 6،000 އާ ދެމެދުގެ އަދަދަކަށް މީހުން ހެރޮއިން ބޭނުންކުރެ އެވެ. އަދި ބައެއް ހިސާބުތަކުން ދައްކާ ގޮތުގައި އެ އަދަދު 10،000 އަށް އަރާނެ އެވެ.
ޖުމުލަ 115 ރަށެއްގެ މައްޗަށް އެކުލެވޭ ސީޝެލްސްއަކީ އެފްރިކާގެ ގައުމުތަކުގެ ތެރެއިން އެންމެ މުއްސަނދި ގައުމެވެ.