ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ އާއި މިއުޒީޝަނު ރޮޖާ ވޯޓާސް ނިއު ޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގެ ބޭރުގައި ފަލަސްތީނަށް ތާއީދުކޮށް މުޒާހަރާ ކުރަމުންދާ މީހުންނާ ވާހަކަ ދައްކަވަނީ. (ފޮޓޯ/ރޮއިޓާސް)

ކޮލޮމްބިއާ

އެމެރިކާގައި ފަލަސްތީނަށް ތާއީދުކޮށް ވާހަކަ ދެއްކެވުމުން ކޮލަމްބިއާ ރައީސްގެ ވިސާ އެމެރިކާއިން ކެންސަލްކޮށްފި

ކޮލަމްބިއާގެ މީޑިއާތަކުން ރިޕޯޓް ކުރި ގޮތުގައި، އޭނާގެ ވިސާ ކެންސަލް ކުރަން އެމެރިކާ އިން އިއުލާން ކުރި އިރު، އޭނާ އެނބުރި ގައުމަށް ވަޑައިގަތުމަށް ދަތުރު ކުރައްވަނީ
28 ސެޕްޓެމްބަރު 2025

ފަލަސްތީނަށް ތާއީދުކޮށް އެމެރިކާގެ ނިއު ޔޯކްގައި ބޭއްވި އެއްވުމެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅު ހެދުމަށް އެމެރިކާ ސިފައިންނަށް ހިތްވަރު ދެއްވުމުން ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯގެ ވިސާ އެމެރިކާއިން ކެންސަލްކޮށްފި އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ބުނީ ހުކުރު ދުވަހު ފަލަސްތީނަށް ތާއީދުކޮށް މަގުމަތީގައި ކުރި މުޒާހަރާއެއްގައި ޕެޓްރޯ ދެއްކެވި ވާހަކައަކީ "ޒިންމާދާރު ކަމެއް ނެތް އަދި ހަމަނުޖެހުމަށް ހިތްވަރުދިނުމަށް" ދެއްކެވި ވާހަކަތަކެއް ކަމަށެވެ.

ކޮލަމްބިއާގެ ރައީސް އެމެރިކާއަށް ވަޑައިގަތީ އދ.ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށެވެ. ކެރީބިއަން ކަނޑުގެ ސަރަހައްދުގައި މަސްތުވާތަކެތި ޓްރެފިކް ކުރާ ކަމަށް ތުހުމަތު ކުރެވޭ ބޯޓުތަކަށް ޓްރަމްޕްގެ ސަރުކާރުން ދިން ވައިގެ ހަމަލާތަކުގެ ޖިނާއީ ތަހުގީގެއް ހިންގުމަށް އޭނާ ވަނީ ގޮވާލައްވައިފަ އެވެ. 

ކޮލަމްބިއާގެ މީޑިއާތަކުން ރިޕޯޓް ކުރި ގޮތުގައި، އޭނާގެ ވިސާ ކެންސަލް ކުރަން އެމެރިކާ އިން އިއުލާން ކުރި އިރު، އޭނާ އެނބުރި ގައުމަށް ވަޑައިގަތުމަށް ދަތުރު ކުރައްވަނީ އެވެ.

ޕެޓްރޯ ވަނީ މެގަފޯނެއް ހިތްޕަވައިގެން ސްޕެނިޝް ބަހުން ގިނަ އަދަދެއްގެ މީހުންނާ މުހާތަބުކޮށް ދެއްކެވި ވާހަކަތަކެއްގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމު ކުރައްވައިފަ އެވެ.

އޭނާ ގޮވާލެއްވީ ދުނިޔެ ސަލާމަތް ކުރުމަށް ސިފައިންގެ ފައުޖެއް އުފެއްދުމަށެވެ. އަދި އެ ފައުޖުގެ ފަރާތުން ފުރަތަމަ ކުރަން ޖެހޭ ކަމަކީ އިޒްރޭލުގެ ވަކިތަކުން ފަލަސްތީނު މިނިވަންކުރުން ކަމަށެވެ.

"އެހެންކަމުން، ނިއު ޔޯކްގައި އަޅުގަނޑު ގޮވާލަން ބޭނުންވަނީ އެމެރިކާގެ އަސްކަރިއްޔާގެ ހުރިހާ ސިފައިންނަށް އެ މީހުންގެ ރައިފަލްތައް ރައްޔިތުންނާ ދިމާއަށް އަމާޒު ނުކުރުމަށް. އަދި ޓްރަމްޕްގެ އަމުރަށް ތަބާ ނުވުމަށް، އިންސާނިއްޔަތު ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމަށް،" ޕެޓްރޯ ވިދާޅުވި އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ވަނީ ޕެޓްރޯގެ އެ ވާހަކަތައް ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. އެ ތަނުން ބުނީ ޕެޓްރޯ މަސައްކަތް ކުރެއްވީ އެމެރިކާ ސިފައިން އެމެރިކާ ސަރުކާރުގެ ބަސްނޭހުމަށް ކަމަށާއި ހަމަނުޖެހުން ހިންގުމަށް ހިތްވަރުދިނުމަށް ކަމަށެވެ.

ސޯޝަލް މީޑިއާގައި ބުނެފައި އެ ޑިޕާޓްމަންޓުން ބުނީ އޭނާގެ ވިސާ ކެންސަލް ކުރީ އޭނާގެ އަމަލުތަކުގެ ސަބަބުން ކަމަށެވެ. 

ކޮލަމްބިއާގެ އިންޓީރިއާ މިނިސްޓަރު އަރްމަންޑޯ ބެނެޑެޓީ ވިދާޅުވީ ޕެޓްރޯގެ ބަދަލުގައި ކެންސަލް ކުރަން ޖެހޭނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވިސާ ކަމަށެވެ.

ކޮލަމްބިއާގެ ފުރަތަމަ ވާތުފިޔައިގެ ލީޑަރު ޕެޓްރޯ އާއި ޓްރަމްޕް ސަރުކާރާ ދެމެދު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.

ކޮލަމްބިއާގެ ރައީސް އދ.ގައި ދެއްވި ތަގުރީރުގައި ވިދާޅުވީ މަސްތުވާތަކެތި ޓްރެފިކް ކުރާ ކަމަށް ތުހުމަތު ކުރެވޭ ބޯޓުތަކަށް އެމެރިކާ އިން ދިން ހަމަލާތަކަކީ މަސްތުވާތަކެތީގެ ވިޔަފާރި ކޮންޓްރޯލް ކުރުމުގެ ބޭނުމުގައި ދިން ހަމަލާތަކެއް ނޫން ކަމަށާއި އެއީ ކޮލަމްބިއާ އާއި ލެޓިން އެމެރިކާއަށް ނުފޫޒު ފޯރުވަން ދިން ހަމަލާތަކެއް ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް