އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް ވާހަކަދައްކަވަނީ. ޓްރަމްޕްގެ ގާޒާ ޕްލޭނާ ގުޅޭގޮތުން ކުރެވުނު ސުވާލުތަކަށް ސީދާ ޖަވާބެއް ނުދެއްވައި އަލްބަނީޒް ވިދާޅުވީ އޮސްޓްރޭލިއާއިން ދެ-ދައުލަތުގެ ހައްލަކަށް ތާއީދުކުރާ ކަމަށް.
އޮސްޓްރޭލިއާއިން އަންނަ މަހު ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަނީ
އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތް އަދި ކެނެޑާއަށް ފަހު، އަންނަ މަހު އދ.ގެ އާންމު މަޖިލީހުގައި ފަލަސްތީނަކީ ދައުލަތެއް ކަމަށް އޮސްޓްރޭލިއާއިން ބަލައިގަންނާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް ވިދާޅުވެއްޖެ އެވެ.
އަލްބާނީޒް ވިދާޅުވީ އޮސްޓްރޭލިއާއަށް ފަލަސްތީނު އޮތޯރިޓީ (ޕީއޭ) އިން ޔަގީންކަން ލިބިފައިވާ ކަމަށާއި އޭގެ ތެރޭގައި ހަތިޔާރު ނައްތާލުމަށާއި އާންމު އިންތިހާބެއް ބޭއްވުމަށާއި އިޒްރޭލު އޮތުމުގެ ހައްގު ބަލައިގަތުން އެއްބަސްވުން ހިމެނޭ ކަމަށެވެ.
"ދެ ދައުލަތުގެ ހައްލަކީ މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސައިކަލް ރޫޅާލައި ގާޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ތަކުލީފުތަކާއި ބަނޑުހައިހޫނުކަން ނިމުމަކަށް ގެނައުމަށް އިންސާނިއްޔަތަށް އޮތް އެންމެ ރަނގަޅު އުއްމީދު،" އޭނާ ވިދާޅުވި އެވެ.
ގާޒާގައި ހިނގަމުންދާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް އިޒްރޭލަށް ވަނީ ބޮޑެތި ޕްރެޝަރުތަކާ ކުރިމަތިލާން ޖެހިފަ އެވެ. އަދި އިޒްރޭލުން ބުނެފައިވަނީ ފަލަސްތީނުގެ ދައުލަތެއް ބަލައިގަތުމަކީ ޓެރަރިޒަމަށްދޭ އިނާމެއް ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ޒާގައި ބަނޑުހައިހޫނުކަމާއި ނިއުޓްރިޝަންގެ ސަބަބުން ފަސް މީހަކު ވަނީ މަރުވެފަ އެވެ. މިހާތަނަށް ބަނޑުހައި ހޫނުކަމުގައި 217އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ހަމާސް އިން ހިންގާ ހެލްތު މިނިސްޓްރީން ބުނެ އެވެ.
އަދި 2023 ވަނަ އަހަރުން ފެށިގެން އިޒްރޭލުން ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގެ ސަބަބުން މިހާތަނަށް 61،000އަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އަލްބާނީޒް ވިދާޅުވީ އެ ގޮތަށް ނިންމީ ފާއިތުވި ދެ ހަފުތާގެ ތެރޭގައި އިނގިރޭސިވިލާތް، ފްރާންސް، ނިއުޒީލެންޑް އަދި ޖަޕާނުގެ ގައުމުތަކާ އެކު ކުރެވުނު މަޝްވަރާތަކަށް ފަހު ކަމަށެވެ.