އެމެރިކާގެ ސުޕްރީމް ކޯޓު

އެމެރިކާ

ހިޖުރަވެރިން ފޮނުވާލުމުގެ ހުއްދަ ޓްރަމްޕަށް ސުޕްރީމް ކޯޓުންދީފި

ޓްރަމްޕްގެ ސަރުކާރުން ވަނީ ކޯޓުގެ އެ ނިންމުމަށް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ތައުރީފުކޮށްފައި
24 ޖޫން 2025

އެމެރިކާގައި ދިރިއުޅޭ އެހެން ގައުމުތަކުގެ ހިޖުރަވެރިން އެ މީސްމީހުންގެ ގައުމުތަކަށް ޑީޕޯޓް ކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ފެށި މަސައްކަތް ކުރިއަށް ގެންދިއުމުގެ ހުއްދަ ސުޕްރީމް ކޯޓުން އިއްޔެ ދީފި އެވެ.

އެ ކޯޓުގެ ހަ ފަނޑިޔާރެއްގެ އަގުލަބިއްޔަތުން ވަނީ ހިޖުރަވެރިން އަނބުރާ ފޮނުވާލުން މަނާކުރުމަށް ދަށު ކޯޓުން ނިންމި ނިންމުން ބާތިލުކޮށްފަ އެވެ. ދަށު ކޯޓުގެ ހުކުމާ އެއްގޮތަށް ވޯޓު ދެއްވީ ތިން ފަނޑިޔާރެކެވެ.

އެ ކޯޓުގެ ލިބަރަލް ތިން ފަނޑިޔާރުން މެޖޯރިޓީގެ ނިންމުމާ ދެކޮޅު ހައްދަވަމުން ވިދާޅުވީ އެއީ "ގާނޫނާ ހިލާފު ކަމެއް" ކަމަށެވެ.

އެ މައްސަލާގައި ހިމެނެނީ މިޔަންމާ، ދެކުނު ސޫދާން، ކިއުބާ، މެކްސިކޯ، ލާއޯސް އަދި ވިއެޓްނާމުން ހިޖުރަކޮށްފައިވާ އަށް މީހެކެވެ.

އެންމެ މަތީ ކޯޓުގެ މި އަމުރަކީ އެމެރިކާގެ ޑިސްޓްރިކްޓް ގާޒީ ބްރަޔަން މަރްފީ ކުރެއްވި ހުކުމެއް ހުއްޓުވާފައިވާ އަމުރެކެވެ. އޭނާގެ ހުކުމުގައި ބުނީ ހިޖުރަވެރިން ތިންވަނަ ގައުމަކަށް ފޮނުވާލުމަކީ ގާނޫނުއަސާސީން ލިބިދޭ ހިމާޔަތާ ހިލާފު އަމަލަކަށްވާނެ ކަމަށެވެ.

އެހެން މައްސަލަތަކެކޭ އެއްފަދައިން މި ހުކުމަކީ ވެސް ސުޕްރީމް ކޯޓުގެ އިމަޖެންސީ އެހެން މައްސަލަތަކެކޭ އެއްފަދައިން އެންމެ ފަހުގެ ނިންމުމެއް ނޫނެވެ. ގާނޫނީ ހުރަހަށް އޮތް ހައްލެއް ވެސް ނޫނެވެ. އޭގެ ބަދަލުގައި އެ މައްސަލަ ދަށު ކޯޓުގައި ހިނގަމުން ދަނިކޮށް ގާނޫނީ ދެބަސްވުމަށް ހައްލެއް ނެތި އެ މީހުން ޑީޕޯޓް ކުރުން ކުރިއަށް ގެންދިއުމަށް ވަނީ ހުއްދަދީފަ އެވެ.

ޓްރަމްޕްގެ ސަރުކާރުން ވަނީ ކޯޓުގެ އެ ނިންމުމަށް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް