އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް: ހަރުކަށިކަން އިސްކުރެއްވި

އެމެރިކާ

12 ގައުމެއްގެ ރައްޔިތުން އެމެރިކާއަށް ވަނުން މަނާކޮށްފި

މިއީ ވަކި ގައުމުތަކެއްގެ ރައްޔިތުން އެމެރިކާއަށް ދަތުރުކުރުން ޓްރަމްޕް މަނާކުރެއްވި ދެ ވަނަ ފަހަރު؛ އޭނާގެ ފުރަތަމަ ވެރިކަމުގައި، 2017 ވަނަ އަހަރު ވެސް ވަނީ އެފަދަ އަމުރެއް ނެރުއްވާފައި
9 ޖޫން 2025

ބާރަ ގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަލަށް ނެރުއްވި ގަރާރަށް މިއަދުން ފެށިގެން އަމަލު ކުރަން ފަށައިފި އެވެ.

ޓްރަމްޕް ސޮއިކުރައްވައި މިދިޔަ ހަފުތާގައި ނެރުއްވި ގަރާރުގައިވާ ގޮތުން އަފްގާނިސްތާން، މިޔަންމާ، ޗާޑް، ކޮންގޯ-ބްރަޒާވިލް، އިކުއިޓޯރިއަލް ގިނީ، އެރިޓްރިއާ، ހެއިޓީ، އީރާން، ލީބިއާ، ސޯމާލިއާ، ސޫދާން އަދި ޔަމަނުގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން ވަނީ މަނާކޮށްފަ އެވެ.

އިތުރު ހަތް ގައުމެއްގެ ރައްޔިތުންނަށް ވެސް ވަނީ އެމެރިކާއަށް އެތެރެވުމުގައި ކޮންޓްރޯލްތަކެއް ގެނެސްފަ އެވެ. އެ ގައުމުތަކަކީ ބުރުންޑީ، ކިއުބާ، ލާއޯސް، ސިއެރާ ލިއޯން، ޓޯގޯ، ތުރުކުމެނިސްތާން އަދި ވެނެޒުއޭލާގެ ރައްޔިތުންނެވެ.

ޓްރަމްޕް ވިދާޅުވީ ބޮޑެތި ކުރިއެރުންތަކެއް ލިބިއްޖެ ނަމަ، އެ ލިސްޓު އަޕްޑޭޓް ކުރެވިދާނެ ކަމަށެވެ. އަދި ނުރައްކާ އޮތް ކަމަށް ފެންނަ ނަމަ އިތުރު ގައުމުތައް ވެސް އެ ލިސްޓަށް އިތުރު ވެސް ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ ވަކި ގައުމުތަކެއްގެ ރައްޔިތުން އެމެރިކާއަށް ދަތުރުކުރުން ޓްރަމްޕް މަނާކުރެއްވި ދެ ވަނަ ފަހަރެވެ. އޭނާގެ ފުރަތަމަ ވެރިކަމުގައި، 2017 ވަނަ އަހަރު ވެސް ވަނީ އެފަދަ އަމުރެއް ނެރުއްވައިފަ އެވެ.

ވައިޓް ހައުސްއިން ބުނީ އެ ނިންމުމުގެ ސަބަބުން "ނުރައްކާތެރި ބޭރުގެ އެޖެންޓުންގެ ކިބައިން" އެމެރިކާ ރައްޔިތުން ސަލާމަތްވާނެ ކަމަށެވެ.

އެފަދަ ހާލަތްތަކުގައި ހިމެނޭ އެ ނޫން ގައުމުތަކުގެ ގިނަ ބަޔަކު ވެސް އެމެރިކާއަށް އެތެރެވެވޭނީ ތަފާތު އިމްތިހާނުތަކަށް ފަހު ކަމަށް ބެލެވެ އެވެ. އެ އަމުރު ތިރީގައި މިވާ ފަރާތްތަކަކަށް ނުހިނގަ އެވެ. އެއީ:

  • 1-

    ގާނޫނާ އެއްގޮތަށް އުޅޭ އެމެރިކާގެ ރައްޔިތުން

  • 2-

    ހާއްސަ ވިސާ އޮންނަ އެމެރިކާ ސަރުކާރުގެ މުވައްޒަފުން

  • 3-

    އެޑޮޕްޓްކުރާ މީހުން

  • 4-

    ޑަބަލް ޕާސްޕޯޓް އޮންނަ، އެހެން ނަމަވެސް މަނާކުރި ގައުމެއްގެ ޕާސްޕޯޓެއްގައި ނުދާ މީހުން

  • 5-

    ހާއްސަ ވިސާ ލިބިފައިވާ އަފްގާނިސްތާނުގެ ރައްޔިތުން

އެމެރިކާގައި ޑިމޮކްރެޓުން ވަނީ އެކަން ކުށްވެރިކޮށް ރައްދުދީ، ފާޑުކިޔާފަ އެވެ.

ކޮންގްރެސްގެ މެންބަރު ޕްރަމީލާ ޖަޔަޕާލް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ޓްރަމްޕްގެ ފުރަތަމަ ދައުރުގައި މުސްލިމުންނާ ދެކޮޅަށް އެޅުއްވި ފަދަ ފިޔަވަޅެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އިތުރަށް ބާކީވާނީ އެމެރިކާ ރައްޔިތުން ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެ ނޫން ބޭފުޅުން އެ މަނާ ކުރުމަށް ތާއީދު ކުރެ އެވެ. ބައެއް ބޭފުޅުން ވިދާޅުވީ އެމެރިކާއަށް އެތެރެވުމުގެ މިނިވަން ކަމަކީ ހައްގެއް ނޫން ކަމަށެވެ. އެއީ ފަހުރެއް ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް