މިގުއެލް އުރީބޭ ތުރުބޭ މިދިޔަ މަހު ސެނެޓްގެ ބައްދަލުވުމެއްގައި

ކޮލޮމްބިއާ

ކޮލަމްބިއާގެ އިދިކޮޅު ރިޔާސީ ކެންޑިޑޭޓްގެ ބޮލަށް ބަޑި ޖަހައިފި

އުރީބެ މިހާރުދަނީ ފުރާނައާ ހަނގުރާމަ ކުރަމުންނެވެ. އޭނާގެ މަންމަ، ނޫސްވެރިއާ ވެސް ކުރިން ވަނީ މަރާލާާފައި
8 ޖޫން 2025

ކޮލަމްބިއާގެ ވެރިރަށް ބޮގޯޓާގައި ބޭއްވި ކެމްޕެއިން ރެލީއެއްގައި ވާހަކަ ދައްވަނިކޮށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓުގެ ތިން ތަނަކަށް ބަޑިން ހަމަލާދީފި އެވެ. އޭގެ ތެރެއިން ދެ ވަޒަން އަރާފައި ވަނީ އޭނާގެ ބޮލަށެވެ. 

މިގުއެލް އުރީބޭ ތުރުބޭ،39،އަށް ހަމަލާދީފައި ވަނީ އިއްޔެ އޭނާ ޕާކެއްގައި، ކެމްޕޭން އިވެންޓެއްގައި، ވާހަކަ ދައްކަވަމުން ދަނިކޮށެވެ. ފުލުހުން ވަނީ 15 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފަ އެވެ.

އުރީބެގެ އަނބިކަނބަލުން މާރިއާ ކްލައުޑިއާ ތަރާޒޯނާ ވަނީ އުރީބެއަށް ހެޔޮ ދުއާކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.

އުރީބެ މިހާރުދަނީ ފުރާނައާ ހަނގުރާމަ ކުރަމުންނެވެ.

"الله ތައާލާގެ ހަޒުރަތުގައި އޭނާއަށް ޝިފާ ދެއްވުމަށް އެދި ދުއާކޮށްދެއްވާ،" އޭނާގެ އަނބިކަނބަލުން ވިދާޅުވި އެވެ.

އުރީބޭގެ ސެންޓްރޯ ޑިމޮކްރެޓިކޯ ޕާޓީން ވަނީ އެ ހަމަލާ ކުށްވެރިކޮށް އެ ހަމަލާގެ ސަބަބުން ކޮލަމްބިއާގެ ޑިމޮކްރަސީ އާއި މިނިވަންކަން ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް ބުނެފަ އެވެ.

ފޯން ފުޓޭޖުން ފެންނަ ގޮތުގައި ވަޒަން އަރާފައި ވަނީ އޭނާގެ ބޮލަށެވެ.

އޭއެފްޕީ ނިއުސް އެޖެންސީން ބުނީ އޭނާގެ ކަކުލަށް ބަޑީގެ ހަމަލާއެއް އެރުމުގެ އިތުރަށް ބޮލަށް ދެ ހަމަލާއެއް އަރާފައިވާ ކަމަށެވެ. އުރީބެ ސެންޓޭ ފޭގެ ކްލިނިކަށް ވައިގެ މަގުން ގެންދިޔަ އިރު ސަޕޯޓަރުން ވަނީ ބޭރުގައި އެއްވެފަ އެވެ.

ވާތުފިޔައިގެ ރައީސް ގުސްޓާވޯ ޕެޓްރޯގެ ސަރުކާރުން ވަނީ އެ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. އަދި ބުނީ އެއީ ހަމައެކަނި އުރީބޭއާ ދެކޮޅަށް ހިންގި އަނިޔާވެރި އަމަލެއްގެ ނޫން ކަމަށާއި ޑިމޮކްރަސީއާ ވެސް ހިލާފު އަމަލެއް ކަމަށެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރޫބިއޯ ވެސް ވަނީ އެ ހަމަލާ ކުށްވެރިކޮށްފަ އެވެ. އަދި ވިދާޅުވީ އެއީ ޑިމޮކްރަސީއަށް ސީދާ ދިން ހަމަލާއެއް ކަމަށެވެ.

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާނެކަން އުރީބެ އިއުލާން ކުރެއްވީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

އުރީބެ އަކީ ކޮލަމްބިއާގެ މަޝްހޫރު ސިޔާސީ އާއިލާއަކަށް ނިސްބަތްވާ، އެ ގައުމުގެ ލިބަރަލް ޕާޓީއާ ގުޅިފައިވާ ބޭފުޅެކެވެ. އޭނާގެ ބައްޕައަކީ ޔޫނިއަން ލީޑަރެއްގެ އިތުރުން ވިޔަފާރިވެރިއެކެވެ.

އޭނާގެ މަންމައަކީ އޭރު ޕަބްލޯ އެސްކޯބާ އިސްކޮށް އުޅުނު މެޑެލިން ޑްރަގްސް ކާޓެލް އިން ވަގަށް ނެގުމަށް ފަހު 1991 ވަނަ އަހަރު ހިންގި ރެސްކިއު އޮޕަރޭޝަންގައި މަރާލި ނޫސްވެރިޔާ ޑަޔާނާ ތުރުބޭ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް