ޓްރަމްޕް ނޫސްވެރިންނަށް އިންޓަވިއު ދެއްވަނީ

500،000 ހިޖުރަވެރިންގެ ގާނޫނީ ހައިސިއްޔަތު ބާތިލު ކުރުމުގެ ހުއްދަ ޓްރަމްޕަށް ސުޕްރީމް ކޯޓުން ދީފި

ގުރާމަ އާއި އެމީހުންގެ އަމިއްލަ ގައުމުތަކުގެ އެހެނިހެން ހަލަބޮލި ހާލަތުން ފިލައިގެން ދާ ހިޖުރަވެރިންނަށް އެމެރިކާއަށް އެތެރެވުމުގެ ފުރުސަތު ދިނުމަށް ގާއިމު ކުރި ޕެރޯލް ނިޒާމެކެވެ.
31 މޭ 2025

އެމެރިކާގައި ދިރިއުޅޭ 500،000 އަށް ވުރެ ގިނަ ހިޖުރަވެރިންގެ ގާނޫނީ ހައިސިއްޔަތު ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރަށް ވަގުތީ ގޮތުން ނިގުޅައިގަނެވޭނެ ކަމަށް އެމެރިކާގެ ސުޕްރީމް ކޯޓުން އިއްޔެ ނިންމައިފި އެވެ.

އެ ހުކުމުގައި ވަނީ ކުރީގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުގައި ގާއިމު ކުރި "ޕެރޯލް" އިމިގްރޭޝަން ޕްރޮގްރާމް އުވާލުން މަނާކޮށް ފެޑެރަލް ފަނޑިޔާރަކު މީގެ ކުރިން ނެރުނު އަމުރު ސަސްޕެންޑްކޮށްފަ އެވެ.

އާ އަމުރުގެ ސަބަބުން އެމެރިކާގައި ދިރިއުޅޭ، ކިއުބާ، ހެއިޓީ، ނިކަރާގުއާ އަދި ވެނެޒުއޭލާގެ ގާތްގަނޑަކަށް 530،000 މީހުން ޑީޕޯޓް ކުރުމުގެ ނުރައްކާ އޮންނާނެ އެވެ.

އެ ކޯޓުގައި ތިއްބަވާ މިނިވަން ހިޔާލުގެ ތިން ފަނޑިޔާރުންގެ ތެރެއިން، ކެތަންޖީ ބްރައުން ޖެކްސަން އާއި ސޯނިއާ ސޮޓޮމަޔޯރު ވަނީ ހިޔާލު ތަފާތުވުން ފާޅުކޮށްފަ އެވެ.

ޕެރޯލް ޕްރޮގްރާމުގެ ދަށުން ހިޖުރަކުރާ މީހުންނަށް އެމެރިކާގައި ދެ އަހަރު ދުވަހުގެ މުއްދަތަށް ދިރިއުޅުމާއި މަސައްކަތް ކުރުމުގެ ވަގުތީ ހުއްދަ ލިބެ އެވެ. އެއީ އިންސާނީ ސަބަބުތަކަށް ޓަކައި ނުވަތަ އާންމު މަންފާއަކަށް ޓަކައި ކަމަށް ސަރުކާރުން ބުނެ އެވެ.

ޓްރަމްޕްގެ ސަރުކާރުން ސުޕްރީމް ކޯޓަށް އަވަސް އިސްތިއުނާފެއް ހުށަހެޅީ ފެޑެރަލް ފަނޑިޔާރަކު ނިންމި ނިންމުމަކާ ގުޅިގެން، އެ ޕްރޮގްރާމް ނިމުމަކަށް ގެނައުމަށް ހުރަސް އެޅުމާ ގުޅިގެންނެވެ.

ސީއެންއެން އަށް ދެއްވި އިންޓަވިއުއެއްގައި ވައިޓް ހައުސްގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފް ސްޓެފަން މިލާ ވިދާޅުވީ ގަވާއިދާ ހިލާފަށް އެމެރިކާގައި ދިރިއުޅޭ 500،000 މީހުން ޑީޕޯޓް ކުރުމުގެ ފުރުސަތު ލިބުމުން ވައިޓް ހައުސްއިން ހިތްހަމަޖެހޭ ކަމަށެވެ.

ކޯޓުގެ އަގުލަބިއްޔަތާ ދެކޮޅު ހެއްދެވި ފަނޑިޔާރު ޖެކްސަން ވިދާޅުވީ ކޯޓުގެ އަމުރުގެ ސަބަބުން ބައި މިލިއަން ހިޖުރަވެރިންގެ ދިރިދެމިތިބުމަށް އަސަރުކޮށް، އެ މީހުންގެ ދިފާއުގައި ގާނޫނީ ގޮތުން ފިޔަވަޅުތައް އަޅަން ފެށުމުގެ ކުރިން އެ މީހުން ދިރިއުޅުން އެކޮޅުކޮޅުން ޖެހިގެންދާނެ ކަމަށެވެ. 

ޓްރަމްޕް ހުވާ ކުރެއްވި ދުވަހު ވަނީ ޕެރޯލް ޕްރޮގްރާމްތައް އުވާލުމަށް ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީއަށް އަންގަވައިފަ އެވެ. އަދި އެެއަށް ފަހު މާޗު މަހުގެ ތެރޭގައި ސެކްރެޓަރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ ކްރިސްޓީ ނޯމް ވަނީ އެ ޕްރޮގްރާމް ނިމުމަކަށް ގެނައުމަށް އިއުލާނު ކުރައްވައިފަ އެވެ.

އެ ޕްރޮގްރާމުގެ ބައިވެރިން އަދި ހިޖުރަވެރިންގެ ހައްގުތަކަށް މަސައްކަތްކުރާ ގިނަ ޖަމާއަތްތަކުން ޓްރަމްޕްގެ ސަރުކާރާ ދެކޮޅަށް ދައުވާކުރީ އެމީހުން އަނބުރާ ގައުމަށް ފޮނުވާލައިފި ނަމަ އެ މީހުންނަށް ނުރައްކަލާއި އަނިޔާ އާއި މަރުގެ ނުރައްކާ ކުރިމަތިވެދާނެ ކަމަށް ބުނެ އެވެ.

އެ ނިންމުން ކޯޓުން ނިންމާފައި މިވަނީ އެމެރިކާގައި ދިރިއުޅޭ އަދި ވަޒީފާ އަދާކުރާ ވެނެޒުއެލާގެ ގާތްގަނޑަކަށް 350،000 ހިޖުރަވެރިންގެ ވަގުތީ ހިމާޔަތް ބާތިލު ކުރުމުގެ ހުއްދަ ޓްރަމްޕްގެ އޮފިޝަލުންނަށް ދިނުމަށް ސުޕްރީމް ކޯޓުން މި މަހުގެ ކުރީކޮޅު ކުރި ހުކުމަށް ފަހު އެވެ. އެއީ ވަކި ޕްރޮގްރާމެކެވެ.

އިންސާނީ ޕެރޯލް ޕްރޮގްރާމް ހިންގަމުން އަންނަތާ އެތައް އަހަރެއްވަނީ ވެފަ އެވެ. އެއީ ހަނގުރާމަ އާއި އެމީހުންގެ އަމިއްލަ ގައުމުތަކުގެ އެހެނިހެން ހަލަބޮލި ހާލަތުން ފިލައިގެން ދާ ހިޖުރަވެރިންނަށް އެމެރިކާއަށް އެތެރެވުމުގެ ފުރުސަތު ދިނުމަށް ގާއިމު ކުރި ޕެރޯލް ނިޒާމެކެވެ. އޭގެ ތެރޭގައި ކިއުބާ އިންގިލާބަށް ފަހު 1960ގެ އަހަރުތަކުގައި ކިއުބާ އިން ހިޖުރަ ކުރި މީހުން ވެސް ހިމެނެ އެވެ.

ބައިޑަންގެ ސަރުކާރުން ވަނީ 2022 ވަނަ އަހަރު ރަޝިއާގެ ހަމަލާއަށް ފަހު ފިލައިގެން އުޅޭ ޔޫކްރެއިންގެ މީހުންނަށް ވެސް ޕެރޯލް ޕްރޮގްރާމެއް ތައާރަފުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް