އެމެރިކާގެ ކަނޑުގެ ސިފައިން އާންމުކުރި މި ފޮޓޯއިން ފެންނަނީ ޑިއޭގޯ ގާސިއާގެ އަސްކަރީ މަރުކަޒު.

ފޯޅަވަހީގެ ސިޔާދަތީ ބާރު އިނގިރޭސިން މޮރިޝަސްއަށް ދޫކޮށްލައިފި

އެ އެއްބަސްވުމުގެ ދަށުން އެ ތަނުގައި އޮންނަ އަސްކަރީ މަރުކަޒު މޮރިޝަސް އިން އިނގިރޭސިވިލާތަށް ކުއްޔަށް ދޫކުރަނީ އަހަރަކު 136 މިލިއަން ޑޮލަރަށް އަދި މަދުވެގެން 99 އަހަރަށް
22 މޭ 2025
1

ހިޔާލު ތަފާތުވެފައިވާ އަދި ސްޓްރެޓެޖިކް ގޮތުން މުހިންމު ފޯޅަވަހީގެ ރަށްތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލުމަށް އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު މިއަދު ސޮއިކޮށްފި އެވެ.

އެ ރަށްތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލިއަސް، އިނގިރޭސިވިލާތުގެ ސަލާމަތާއި ރައްކާތެރި ކަމަށް ކޮންމެހެން ބޭނުންތެރި، އެމެރިކާ އާއި އިނގިރޭސިވިލާތުން ބޭނުންކުރާ އަސްކަރީ މަރުކަޒެއްގެ މުސްތަގުބަލު ރައްކާތެރިކޮށްދޭނެ ކަމަށް އިނގިރޭސި ސަރުކާރުން ބުނެ އެވެ.

ރާއްޖޭގެ ދެކުނުގައި އޮންނަ ސްޓްރެޓެޖިކް ގޮތުން އެމެރިކާ އާއި އިނގިރޭސިންނަށް މުހިންމު ނޭވަލް އަދި ބޮންއަޅާ މަތިންދާބޯޓު އުދުއްސުމަށް ހާއްސަ އަސްކަރީ މަރުކަޒެއް އޮންނަނީ އެ ޖަޒީރާތަކުގެ އެންމެ ބޮޑު ރަށް، ޑިއޭގޯ ގާސިއާގަ އެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެ މަރުކަޒު މޮރިޝަސް އިން އިނގިރޭސިވިލާތަށް ކުއްޔަށް ދޫކުރަނީ އަހަރަކު 136 މިލިއަން ޑޮލަރަށް އަދި މަދުވެގެން 99 އަހަރަށެވެ.

އިނގިރޭސި ބޮޑުވަޒީރު ކެއިރު ސްޓާމަރު ވިދާޅުވީ އެމެރިކާ ސިފައިން ބަލަހައްޓަމުން އަންނަ އެ މަރުކަޒަކީ އިނގިރޭސިވިލާތުގެ ކައުންޓާ ޓެރަރިޒަމް އަދި އިންޓެލިޖެންސް މަސައްކަތްތަކަށް ކޮންމެހެން ބޭނުންތެރި ތަނެއް ކަމަށާއި އެއީ އެ ދެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް އަސާސީ ގޮތުން މުހިންމު ތަނެއް ކަމަށެވެ.

އެންމެ ފަހު ވަގުތު އިނގިރޭސިވިލާތުގެ ފަނޑިޔާރަކު އަމުރެއް ނެރުމުން އެއްބަސްވުމުގައި ސޮއިކުރުން މިއަދު އެތައް ގަޑިއިރަކަށް ފަސްކުރަން ޖެހުނެވެ.

ނަމަވެސް މިއަދު ބޭއްވި އަޑުއެހުމަކަށް ފަހު ހައި ކޯޓުގެ ފަނޑިޔާރު މާޓިން ޗެމްބަލެއިން ވިދާޅުވީ އެ ރަށްތައް ހަވާލުކުރުން ހުއްޓުވުމަށް ކުރި އަމުރު އުވާލެއްވި ކަމަށެވެ. އޭނާ ވިދާޅުވީ އެ އެއްބަސްވުން ގާއިމުނުކޮށް ލަސް ކުރުމަކީ "އާންމު މަސްލަހަތާއި އިނގިރޭސިވިލާތުގެ މަސްލަހަތު ވަރަށް ބޮޑަށް ގެއްލޭނެ" ކަމެއް ކަމަށެވެ. 

އެ މައްސަލަ ކޯޓަށް ހުށަހެޅީ ފޯޅަވަހީގެ ދެ މީހެކެވެ. އެ ދެ އަންހެނުންނަކީ ބާނަޑެޓް ޑުގާސޭ އާއި ބާޓްރީ ޕޮމްޕޭ އެވެ.

މި އަހަރުގެ ކުރީކޮޅު އެ މީހުންގެ ގާނޫނީ ވަކީލް މައިކަލް ޕޮލަކް ވިދާޅުވީ ޗާގޯސް ރައްޔިތުންނާ އެކު ރަސްމީކޮށް މަޝްވަރާ ކުރުމެއް ނެތި އެ މީހުންގެ ވަޒަން ދޫކޮށްލުމަށް ސަރުކާރުން ކުރާ މަސައްކަތަކީ ބަލައިގަނެވޭނެ ނިންމުމެއް ނޫން ކަމަށެވެ.

އެ އަމުރު އުވާލުމާ އެކު ޕޮމްޕޭ ވިދާޅުވީ މިއީ ވަރަށް ހިތާމަވެރި ދުވަހެއް ކަމަށާއި ނަމަވެސް އެ މަސައްކަތް ހުއްޓުމެއް ނެތި ކުރާނެ ކަމުގެ ވައުދުވާ ކަމަށެވެ.

"މޮރިޝަސްއަށް އަޅުގަނޑުމެންގެ ހައްގުތައް ދޫކޮށްލާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން. އަޅުގަނޑުމެންނަކީ މޮރިޝަސްގެ ބައެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ވިއެޓްނާމުން ފެށިގެން އިރާގާއި އަފްގާނިސްތާނާ ހަމައަށް އެމެރިކާގެ އަސްކަރީ ހަރަކާތްތަކުގައި އިސްދައުރެއް އަދާކުރަމުން އަންނަ ޑިއޭގޯ ގާސިއާ ބޭސް ގާއިމުކުރުމުގެ ފުރުސަތު އެމެރިކާގެ އަސްކަރިއްޔާއަށް ދިނުމުގެ ގޮތުން އިނގިރޭސިވިލާތުން ވަނީ 1960 އާއި 1970ގެ އަހަރުތަކުގައި އެ ރަށްތަކުން ގާތްގަނޑަކަށް 2،000 މީހުން މަޖުބޫރުކޮށް ބޭރުކޮށްފަ އެވެ.

ގެދޮރު ގެއްލިފައިވާ ޗަގޯސިއަން މީހުން އެނބުރި ގައުމަށް ދިއުމުގެ ހައްގު ހޯދުމަށް އެތައް އަހަރެއް ވަންދެން އެ މީހުން އަންނަނީ އިނގިރޭސިވިލާތުގެ ކޯޓުތަކުގައި ވަކާލާތު ކުރަމުންނެވެ. ނަމަވެސް އެ ވަކާލާތުކުރުންތައް މިހާތަނަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފަ އެވެ.

ކޮމެންޓް (1)

ބަކުރުބޭ

28 މޭ 2025
އިންޑިޔާގެ އެދުމަށް މިރާއްޖޭގެ ރައީސަކުވަނީ ފޯޅަވައްސާބެހޭގޮތުން ދިވެހިރާއްޖެއިން ދަޢުވާނުކުރާނެކަމަށްބުނެ، ރައްޔިތުންގެމަޖިލީހަށް މައްސަލަ ފޮނުވުމެއްނެތި، ސިއްރުސިޓީއެއްލިޔެ މައްސަލަދޫކޮށްލާފަ. މިމައްސަލާގައި އެންމެބޮޑަށް ޙަރަކާތްތެރިވީ އޭރުގެ ފޮރިންމިނިސްޓަރ ޢަބުއްލާ ޝާހިދު.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް