ޑިއޭގޯ ގާސިއާ އަކީ އިނގިރޭސިވިލާތާއި އެމެރިކާ އިން އަސްކަރީ މަރުކަޒެއް ހިންގާ ތަނެއް.

ޗާގޯސް ޖަޒީރާ

ފޯޅަވަހީގެ އެއްބަސްވުން ފަހު ވަގުތު އިނގިރޭސި ކޯޓުން ހުއްޓުވައިފި

ކޯޓުން މިގޮތަށް ނިންމީ، މޮރިޝަސް ސަރުކާރުގެ މަންދޫބުންނާ އެކު އިނގިރޭސި ބޮޑުވަޒީރު ވާޗުއަލްކޮށް ސޮއިކުރެއްވުމުގެ ރަސްމިއްޔާތެއް މިއަދު ބާއްވަން ތައްޔާރުވެފައި އޮއްވާ
22 މޭ 2025

ޗާގޯސް އައިލެންޑްސް ނުވަތަ ފޯޅަވަހީގެ އެއްބަސްވުމާ ގުޅޭ މަޝްވަރާތައް ނިންމައި މިއަދު ސޮއިކުރަން އޮތް އެެއްބަސްވުން ވަގުތީ ގޮތުން ހުއްޓާލުމަށް އިނގިރޭސި ހައި ކޯޓުން އަމުރުކޮށްފި އެވެ. 

ޗާގޯސްގެ ރަށްތައް މޮރިޝަސްއަށް ބަދަލުކުރުމުގެ އެއްބަސްވުމުގައި އިނގިރޭސި ބޮޑުވަޒީރު ކެއިރު ސްޓާމާ ސޮއިކުރެއްވުމަށް ހަމަޖެހިފައި އޮތީ މިއަދު އެވެ. 

އެ އެއްބަސްވުމުގެ ދަށުން އެ ރަށްތައް މޮރިޝަސްއަށް ބަދަލުވާނެ އެވެ. ނަމަވެސް، އެމެރިކާ އާއި އިނގިރޭސިވިލާތުން މިހާރު ވެސް އަސްކަރީ މަރުކަޒެއް ހިންގާ ރަށް ކަމަށްވާ ޑިއޭގޯ ގާސިއާ އިނގިރޭސިވިލާތަށް 99 އަހަރަށް ކުއްޔަށް ދޭނެ އެވެ. އެއީ އެތައް ބިލިއަން ޕައުންޑުގެ ބަދަލުގަ އެވެ.

'ދަ ޓެލެގްރާފް' ނޫހުގައި އެންމެ ފުރަތަމަ ރިޕޯޓްކުރި ފަދައިން، މޮރިޝަސް ސަރުކާރުގެ މަންދޫބުންނާ އެކު އިނގިރޭސި ބޮޑުވަޒީރު ވާޗުއަލްކޮށް ސޮއިކުރެއްވުމުގެ ރަސްމިއްޔާތެއްގައި މިއަދު ބައިވެރިވެވަޑައިގަތުމަށް އޮތީ ހަމަޖެހިފަ އެވެ.

މޮރިޝަސް އާއި އެމެރިކާގެ ވެރިކަން ބަދަލުވެ، އެމެރިކާގެ އާ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަރިސް ބޭފުޅުންނަށް އެ ހުށަހެޅުން މުރާޖައާ ކުރުމަށް ވަގުތު ދިނުމުން އެއްބަސްވުން ފުރަތަމަ މަޑުޖެހުނެވެ. ނަމަވެސް، ޓްރަމްޕުގެ ސަރުކާރުން ފަހުން ވަނީ އެ އެއްބަސްވުން ބަލައިގެންފަ އެވެ.

އެ މައްސަލަ ކޯޓަށް ހުށަހެޅީ ފޯޅަވަހީގެ ދެ މީހެކެވެ. އެ ދެ އަންހެނުންނަކީ ބާނަޑެޓް ޑުގާސޭ އާއި ބާޓްރީ ޕޮމްޕޭ އެވެ.

މި އަހަރުގެ ކުރީކޮޅު އެ މީހުންގެ ގާނޫނީ ވަކީލް މައިކަލް ޕޮލަކް ވިދާޅުވީ ޗާގޯސް ރައްޔިތުންނާ އެކު ރަސްމީކޮށް މަޝްވަރާ ކުރުމެއް ނެތި އެ މީހުންގެ ވަޒަން ދޫކޮށްލުމަށް ސަރުކާރުން ކުރާ މަސައްކަތަކީ  ބަލައިގަނެވޭނެ ނިންމުމެއް ނޫން ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް