ހަނގުރާމަ ހުއްޓާލުމާ ގުޅޭ ގޮތުން ފުރަތަމަ ދުވަހު ހިލާފުވި ބައެއް ހާދިސާތަކަށް ފަހު ރެ އާއި ކުރީ ރޭ ވަނީ ވަރަށް އަމާންކޮށް ގޮސްފައި. (ފޮޓޯ/އޭއެފްޕީ)

ދެކުނު އޭޝިއާ

އިންޑިއާ އާއި ޕާކިސްތާނުގެ އަސްކަރީ އިސްވެރިންގެ މަޝްވަރާތައް ބާއްވައިފި

މި މަހުގެ 10 ވަނަ ދުވަހު ހިމާލަޔަން ސަރަހައްދުގައި ހަނގުރާމަ ހުއްޓާލަން ނިންމީ ވޮޝިންޓަނުން ޕްރެޝަރުކުރުމާ އެކު ހަތަރު ދުވަސް ވަންދެން ވަރުގަދަ ބަޑީގެ ހަމަލާތަކާއި ޑިޕްލޮމެޓިކް މަސައްކަތްތަކަށް ފަހު
13 މޭ 2025

އިންޑިއާ އާއި ޕާކިސްތާނުގެ އަސްކަރީ އޮޕަރޭޝަންތަކުގެ ލީޑަރުން އިއްޔެ ރޭ ފޯނުން ވާހަކަ ދައްކަވައިފި އެވެ. 

ދެ ފަރާތުގެ ލީޑަރުން ފޯނުން މި ވާހަކަ ދެއްކެވީ، ނިއުކްލިއާ ހަތިޔާރާ އެކު އަވަށްޓެރި ދެ ގައުމުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައިތާ ދެ ދުވަސް ފަހުންނެވެ.

ހަނގުރާމަ ހުއްޓާލުމާ ފުރަތަމަ ދުވަހު ހިލާފުވި ވިޔަސް، ކުރީ ރެ އާއި ރޭގައި އެެއްވެސް ހަމަނުޖެހުމެއް ނުހިނގަ އެވެ. އިންޑިއާގެ އަސްކަރިއްޔާއިން ބުނީ 11 މޭއަކީ ބޯޑަރު ސަރަހައްދުގައި ފާއިތުވި ދުވަސްތަކުގައި ފުރަތަމަ ސުލްހަވެރި ރޭ ކަމަށާއި ނަމަވެސް ބައެއް ސްކޫލްތައް އަދިވެސް ބަންދުކޮށްފައިވާ ކަމަށެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާގެ ތަރުޖަމާނަކު އާދީއްތަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ޕާކިސްތާނުން އިންޑިއާގެ 26 އަސްކަރީ މަރުކަޒުތަކަކަށް ހަމަލާދީފައިވާ ކަމަށެވެ.

މި މަހުގެ 10 ވަނަ ދުވަހު ހިމާލަޔަން ސަރަހައްދުގައި ހަނގުރާމަ ހުއްޓާލަން ނިންމީ ވޮޝިންޓަނުން ޕްރެޝަރުކުރުމާ އެކު ހަތަރު ދުވަސް ވަންދެން ވަރުގަދަ ބަޑީގެ ހަމަލާތަކާއި ޑިޕްލޮމެޓިކް މަސައްކަތްތަކަށް ފަހު އެވެ.

އިންޑިއާގެ ބްރޯޑްކާސްޓަރު ސީއެންއެން-ނިއުސް18 އިން ސަރުކާރުގެ އިސް ފަރާތްތަކާ ހަވާލާދީ ބުނެފައި ވަނީ ވެރިންގެ މަޝްވަރާތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ ހަނގުރާމަ ހުއްޓާލުމުގެ މައްޗަށް ކަމަށެވެ. އަދި ދެ ގައުމުން އެއް ބަޔަކު އަނެއް ބަޔަކަށް އަޅާފައިވާ ފިޔަވަޅުތައް އަދިވެސް ތަންފީޒު ކުރަމުން އަންނަ ކަމަށާއި އޭގެ ތެރޭގައި ވިޔަފާރި ހުއްޓާލުމާއި ބޯޑަރު ބަންދުކުރުން ހިމެނޭ ކަމަށް އެ ބަޔާނުގައިވެ އެވެ.

އިންޑިއާގެ އަސްކަރިއްޔާއިން ބުނީ އެ މަޝްވަރާތަކުގެ ތަފްސީލް ވަރަށް އަވަހަށް ދޭނެ ކަމަށެވެ. ޕާކިސްތާނުގެ އަސްކަރިއްޔާގެ މީޑިއާ ޔުނިޓްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް