މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު އަބްދުالله އަހްމަދު ބަދާވީ (މ). (ފޮޓޯ/ ރޮއިޓާސް)

މެލޭޝިއާ

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު އަބްދުالله ބަދަވީ އަވަހާރަވެއްޖެ

އަބްދުالله މެލޭޝިޔާގެ ފަސް ވަނަ ބޮޑުވަޒީރު ކަމުގެ މަގާމަށް ހޮވިވަޑައިގަތީ 2003 ވަނަ އަހަރު
15 އޭޕްރީލު 2025

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު އަބްދުالله އަހްމަދު ބަދަވީ، އުމުރުން 85 އަހަރުގައި އިއްޔެ އަވަހާރަވެއްޖެ އެވެ.

މެލޭޝިއާގެ ބޮޑުވަޒީރުކަން 22 އަހަރު ވަންދެން ކުރެއްވި ކުރީގެ ލީޑަރު މަހާތީރު މުހައްމަދު އިސްތިއުފާ ދެއްވުމަށް ފަހު، އަބްދުالله މެލޭޝިޔާގެ ފަސް ވަނަ ބޮޑުވަޒީރު ކަމުގެ މަގާމަށް ހޮވިވަޑައިގަތީ 2003 ވަނަ އަހަރު އެވެ. 

ކުރީގެ ބޮޑުވަޒީރު އަވަހާރަވީ ވެރިރަށް ކުއާލަ ލަމްޕޫރުގެ ނޭޝަނަލް ހާޓް އިންސްޓިޓިއުޓްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް ރޭ އިރާކޮޅު ކަމަށް އޭނާގެ ދަނބިދަރިކަލުން އަދި ކުރީގެ ހެލްތު މިނިސްޓަރު ހައިރީ ޖަމާލުއްދީން އިންސްޓަގްރާމްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ. ބަދަވީ އަވަހާރަވީ ކޮން ކަހަލަ އާލާސްކަންފުޅެެއްގައި ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

ބަދަވީއަށް ނޭވާލާން އުނދަގޫވެގެން ނޭޝަނަލް ހާޓް އިންސްޓިޓިއުޓްގައި އެޑްމިޓްކުރީ މިދިޔަ އާދީއްތަ ދުވަހު އެވެ. އަދި ވަގުތުން އައިސޫއަށް ބަދަލުކުރި އެވެ.

ފަރުވާދެމުން ދަނިކޮށް އޭނާ އަވަހާރަވީ އެެއްވެސް އުނދަގަލަކާ ނުލައި ހަމަހިމޭންކޮށް އާއިލާގެ ބޭފުޅުން ކައިރީގައި ތިއްބައި ކަމަށް އާއިލާ އިން ބުންޏެވެ.

މުސްލިމުންގެ އަގުލަބިއްޔަތު އޮންނަ ގައުމުގެ ބޮޑުވަޒީރުގެ ހައިސިއްޔަތުން ބަދަވީ ވަނީ ކޮރަޕްޝަނާ ދެކޮޅަށް ހަރަކާތެއް ފައްޓަވައިފަ އެވެ. އަދި ދީނީ ހަރުކަށި ފިކުރުގެ މައްޗަށް އިގްތިސާދީ އަދި ޓެކްނޮލޮޖީގެ ކުރިއެރުން ހޯދުމަށް އިސްލާމްދީނުގެ މެދުމިނުގެ ވައްޓަފާޅިއެއް ގެންގުޅުއްވައިފަ އެވެ. ނަމަވެސް ތެލުގެ ސަބްސިޑީތައް މުރާޖައާކޮށް ތެލުގެ އަގުތައް މައްޗަށް ދިއުމުން އާންމުންގެ ފާޑުކިޔުންތައް އޭނާއަށް އަމާޒުވި އެވެ. 

ބަދަވީ މަގާމުން އިސްތިއުފާ ދެއްވީ 2009 ވަނަ އަހަރު އެވެ. އެއީ މެލޭޝިޔާގެ ތާރީހުގައި ފުރަތަމަ ފަހަރަށް ބަރިސާން ނާޒިއޯނަލް ކޯލިޝަންގެ ޕާލަމެންޓްގެ ސުޕަމެޖޯރިޓީ ގެއްލުމަށް ފަހު އެވެ. އޭނާއަށް ފަހު އެ މަގާމަށް އިންތިހާބުވީ ނަޖީބު ރައްޒާގެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް