އަންގާރަ ދުވަހު ރައީސް ޓްރަމްޕް އަދި ޓެސްލާ އަދި ސްޕޭސްއެކްސްގެ ސީއީއޯ އީލަން މަސްކް ވައިޓްހައުސްގެ ސައުތު ލޯންގައި ބާއްވާފައި އޮތް ޓެސްލާ ކާރެއްކައިރީގައި. ވައަތްފަރާތުގައި މަސްކްއާ ދެކޮޅަށް ކުރާ މުޒާހަރާގެ ތެރެއިން ފޮޓޯއެއް.

ޓެސްލާ

މަސްކް، ޓްރަމްޕް، އަދި ޓެސްލާ: 800 ބިލިއަން ޑޮލަރުގެ ގެއްލުމުގެ ވާހަކަ

ޓެސްލާގެ ހިއްސާ މިދިޔަ ހޯމަ ދުވަހު %15 ދަށަށް ގޮސް، 800 ބިލިއަން ޑޮލަރަށް ވުރެ ގިނައިން މާކެޓް ވެލިއު ގެއްލިފައިވާއިރު، ޓްރަމްޕް ސަރުކާރުގައި އީލަން މަސްކް އަދާކުރަން ފެށި ދައުރުން ފަހުން ޓެސްލާގެ ބްރޭންޑަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ދަނީ އިތުރުވަމުން
13 މާރިޗު 2025

ޓެސްލާ ކާރެއްގެ ހުންގާނުގައި ހިފަހައްޓައިގެން ދަތުރުކުރުމަށް ވުރެ ސިޔާސީ ޕޯޑިއަމެއްގައި ހުރުން މާ ފަސޭހަވެދާނެ އެވެ. އީލަން މަސްކް އެ ފިލާވަޅު ދަސްކުރަމުންދަނީ އެންމެ އުނދަގޫކޮށެވެ. ދުނިޔޭގެ އެންމެ އަގުހުރި ކުންފުނީގެ ސީއީއޯ ހޯމަދުވަހު އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ، އެކްސް، ގައި ބުނެފައިވަނީ "ދިގު މުއްދަތަކަށް ބަލާއިރު މައްސަލައެއް ނެތް" ކަމަށެވެ. އެހެންނަމަވެސް ހޯމަ ދުވަހު %15 ދަށަށް ދިޔަ ހިއްސާ އާއި ނަގާލެވުނު 800 ބިލިއަން ޑޮލަރުގެ މާކެޓް ވެލިއުއަށް ބަލާއިރު، އިންވެސްޓަރުން މަސްކްގެ ވާހަކައާ އެއްބަސްވާކަމަކަށް ނުފެނެ އެވެ.

ޓެސްލާގެ ހިއްސާގެ އަގު ހޯމަ ދުވަހު %15 ވެއްޓި، ސެޕްޓެމްބަރު 2020އިން ފެށިގެން އެންމެ ގެއްލުން ބޮޑު ދުވަހުގެ ގޮތުގައި ރެކޯޑުކުރިއިރު، މާކެޓް ވެލިއުއަށް ބަލާއިރު 800 ބިލިއަން ޑޮލަރަށްވުރެ ގިނައިން ގެއްލިފައިވެ އެވެ.

ރައީސް ޓްރަމްޕް ޓެސްލާކާރަކުން ފައިބާވަޑައިގަންނަވަނީ (ކ)، އަދި ޓެސްލާގެ ސީއީއޯ އީލަން މަސްކް. ވައަތްފަރާތުގައި މަސްކްއާ ދެކޮޅަށް އެމެރިކާގައި ކުރާ މުޒާހަރާތަކުގެ ތެރެއިން ފޮޓޯއެއް.

ކަން ހިނގާފައިވާ ގޮތް

  • ޓްރަމްޕް ސަރުކާރުގައި މަސްކް އިސް ދައުރެއް އަދާކުރަން ފެށި ފަހުން ކޮންމެ ހަފްތާއެއްގައިވެސް ހިއްސާ ދަށަށް ގޮސްފައިވެ އެވެ.

  • ޑިސެމްބަރު 17 ގައި ހިއްސާގެ އަގު 479.86 ޑޮލަރަށް އެރިފަހުން، ޓެސްލާގެ ހިއްސާގެ އަގު 50% އަށްވުރެ ބޮޑަށް ވެއްޓިފައިވެ އެވެ.

މީގެ މުހިންމުކަން

މަސްކްގެ ސިޔާސީ ވާހަކަތަކާއި ޓްރަމްޕް ސަރުކާރުގައި އަދާކުރާ ދައުރާ ގުޅިގެން ޓެސްލާގެ ބްރޭންޑަށް އަސަރުކުރަން ވަނީ ފަށާފައއެވެ. އަދި އެކްޓިވިސްޓުންނާއި މަސްކަށް ކުރިން ތާއީދުކުރިފަރާތްތަކުން މުޅި އެމެރިކާގައި ޓެސްލާގެ ފެސިލިޓީތައް ކައިރީ އިހުތިޖާޖުކުރަމުންދާކަން ފާހަގަކޮށްލެވެ އެވެ.

ފުންކޮށް ވިސްނާލާއިރު

'އެކްސް' ނެޓްވޯކުގެ ޚިދުމަތަށް ހޯމަ ދުވަހު އެކި ގަޑިތަކުގައި ބުރޫއަރާފައިވެ އެވެ. އަދި 'ސްޕޭސްއެކްސް' އިން ސްޓާޝިޕް ރޮކެޓުގެ ޓެސްޓް ފްލައިޓްގައި ދިމާވި ދެ ގޮވުމެއް މިހާރު ރަސްމީ އިދާރާތަކުން ތަހުގީގުކުރަމުންދެ އެވެ.

  • ބޭންކް އޮފް އެމެރިކާގެ ރިޕޯޓުން ދައްކާގޮތުގައި ޔޫރަޕްގައި ޓެސްލާގެ އާ ވެހިކަލްތައް ވިއްކުން ޖެނުއަރީގައި 50% ވަނީ ދަށަށް ގޮސްފަ އެވެ.

  • އެނަލިސްޓަކު އެމެރިކާގެ ޓީވީ ޗެނެލް ސީއެންބިސީއާ ވާހަކަދައްކަމުން ބުނީ: "މީހުންގެ ކާރުތަކަށް ގެއްލުންދީ ނުވަތަ އަލިފާންރޯކުރުމުގެ ބިރު އޮންނައިރު، މަސްކަށް ތާއީދުކުރާ މީހުން ... ވެސް ޓެސްލާ ކާރެއް ގަތުމާމެދު ދެފަހަރު ވިސްނަފާނެ."

ތަފާސްހިސާބުން ދައްކާގޮތް

  • ޓެސްލާގެ 845 ބިލިއަން ޑޮލަރުގެ ޖުމްލަ އަގު އަދިވެސް ދެން އެންމެ އަގުހުރި ކާރު އުފައްދާ ނުވަ ފަރާތުގެ  އަގަށްވުރެ މައްޗެވެ. މި ކުންފުނިތަކުން ޖުމްލަ 44 މިލިއަން ކާރު ވިއްކާފައިވާއިރު، ޓެސްލާއިން ވިއްކާފައިވަނީ 1.8 މިލިއަން ކާރެވެ.

  • ފޮކްސް ބިޒްނަސް ޗެނަލްއިން ހޯމަ ދުވަހުގެ މާކެޓް ގަޑިއަށްފަހު ބްރޯޑްކާސްޓްކުރި އިންޓަވިއުއެއްގައި، މަސްކްގެ އަމިއްލަ ވިޔަފާރިތައް ކާމިޔާބުކަމާއެކު ހިންގުމާއެކުއެކީގައި ޓްރަމްޕް ސަރުކާރުގެ ވުޒާރާއެއްގެ ފެންވަރުގެ އިދާރާއެއްގައި ދައުރެއް އަދާކުރުމަށް ވަގުތު ލިބޭގޮތާބެހޭ ސުވާލަކަށް މަސްކް ސީދާ ޖަވާބުދިނީ ބުނީ "ވަރަށް އުނދަގުލުން" ކަމަށެވެ. މި ކުރު ޖަވާބުން އޭނާގެ ވިޔަފާރިތަކަށް ދިމާވަމުންދާ ގޮންޖެހުންތައް ހާމަވެގެންދެ އެވެ.

ކުރިއަށްހުރި ކަންތައްތައް

  • ޓެސްލާގެ މޮޑެލް ވައި، ދުނިޔޭގައި އެންމެ ގިނައިން ވިކޭ ބެޓަރީ އިލެކްޓްރިކް ވެހިކަލްގެ ގޮތުގައި ޖެނުއަރީގައި ދެމިހުރި  ދެވަނައަށް އައީ ޗައިނާގެ ޖީލީ ޖިއޯމް އެވެ. އަދި މި މަހު ވަނީ ޓެސްލާގެ މޮޑެލް 3 ސެޑާން ފަހަނައަޅައިފަ އެވެ.

  • ޖެނުއަރީގައި މުޅިން އިލެކްޓްރިކް އަދި ޕްލަގް-އިން ހައިބްރިޑް މޮޑެލްތައް ހިމެނޭ އިލެކްޓްރިކް ވެހިކަލް ދުނިޔޭގައި ވިއްކުން 21% އިތުރުވި އިރު ޓެސްލާގެ ވިކުން ދިޔައީ ދަށަށެވެ.

  • ބޭންކް އޮފް އެމެރިކާގެ މައުލޫމާތުން ދައްކާގޮތުގައި، މި ކުރިއެރުމަށް މަގުފަހިކުރީ ޔޫރަޕްގެ ޑިމާންޑް އެވެ.

މަސްކްއާ ދެކޮޅަށް ކުރި މުޒާހަރާއެއްގައި ޓެސްލާ ބޮއިކަޓް ކުރުމަށް ގޮވާލަނީ.

އިންވެސްޓަރުންނަށް އަސަރުކުރާނެ

  • ކެނެޑާ އަދި މެކްސިކޯގެ މައްޗަށް ޓްރަމްޕް ސަރުކާރުން ޓެރިފް އިތުރުކުރުމުގެ ޕްލޭންތަކާމެދު ޔަގީންކަން ނެތުން ޓެސްލާގެ ހިއްސާ ވެއްޓުމަށް މަގުފަހިި އެވެ.

  • ވިޔަފާރީގެ ހަނގުރާމައަކަށް މަގުފަހިވެއްޖެނަމަ އުފެއްދުންތެރިކަމަށް އަސަރުކޮށް އަގުތައް މައްޗަށް ގޮސްދާނެކަމަށް ބެލެވެ އެވެ.

  • ނަމަވެސް އިންޓަވިއުއަށްފަހު، ޓެސްލާގެ ހިއްސާގެ އަގު ބޮޑަށް ދަށަށް ދިއުމާ ގުޅޭގޮތުން މަސްކް އެކްސްގައި ލިޔެފައިވަނީ: "ދިގު މުއްދަތަކަށް ބަލާއިރު މައްސަލައެއް ނެތް."  

ޓެސްލާގެ މާލީ ހާލަތު: 2020-2024

ޓެސްލާގެ އަހަރީ ވެހިކަލް ޑެލިވަރީ 2024 ގައި ދަށްވެފައިވާއިރު، މިއީ 2011 އަށްފަހު ދަށްވި ފުރަތަމަ ފަހަރެވެ. 

ފުންކޮށް ބަލާލުން

  • 2024 ގައި ޓެސްލާއިން ޖުމްލަ 1.79 މިލިއަން ވެހިކަލް ޑެލިވާ ކޮށްފައިވޭ - މިއީ 2023 އާ އަޅާބަލާއިރު 1.81 މިލިއަންއަށްވުރެ ދަށް އަދަދެއް

  • ކުއާޓަލީ ބޭސިސްއަށް ބަލާއިރު 495,570 ވެހިކަލް ޑެލިވާކޮށްފައިވޭ؛ މިއީ 2.3% އިތުރުވުމެއް ނަމަވެސް  އަންދާޒާކުރި 500,000+ އަށްވުރެ ދަށް

  • ޗައިނާގެ ބީވައިޑީން 2024 ގައި 1.76 މިލިއަން އިލެކްޓްރިކް ވެހިކަލް ވިއްކާފައިވާއިރު، ޓެސްލާއާ ވާދަވެރިކަން އިތުރުވަމުންދޭ

 ޓެސްލާ އަދިވެސް ދުނިޔޭގެ އެންމެ ބޮޑު އިލެކްޓްރިކް ވެހިކަލް އުފައްދާ ކުންފުނީގެ ގޮތުގައި ދެމިހުރިކަމުގައިވިޔަސް، ޗައިނާގެ ބީވައިޑީން ޖުމްލަ 4.3 މިލިއަން އިލެކްޓްރިކް ވެހިކަލާއި ހައިބްރިޑް ވެހިކަލް ވިއްކައި ރެކޯޑް އަދަދެއް ގާއިމްކޮށްފައިވޭ.

ކުރިއަށް ބަލާއިރު

  • މިދިޔަ އޮކްޓޯބަރު މަހު، މަސްކް ލަފާކުރީ 2025 ގައި ޓެސްލާ ކާރު ވިކުން 20% އާއި 30% އާ ދެމެދު އިތުރުވެދާނެކަމަށް

  •  ޓެސްލާއިން 2027 ގެ ކުރިން 25,000 ޑޮލަރުގެ ސެލްފް-ޑްރައިވިން ސައިބާކެބް ނެރުމަށް އަމާޒުކުރޭ 

  • އަތްފޯރާފަށުގައިހުރި 25,000 ޑޮލަރުގެ 'މޮޑެލް 2' ތަރައްގީކުރަމުން ނުދާކަން އޮކްޓޯބަރުގައި ބުނެފައިވޭ

ބޮޑު މަންޒަރު

ޓެސްލާގެ ހިއްސާގެ އަގަށް މި ބޮޑު ލޮޅުން އައީ ޓެސްލާގެ ސީއީއޯ އީލަން މަސްކް ސިޔާސީ މަސްރަހަށް ނުކުމެ، ޓްރަމްޕް ސަރުކާރުގައި "ޑިޕާޓްމަންޓް އޮފް ގަވާމަންޓް އެފިޝަންސީ" ގެ ހަރަކާތްތައް ހިންގަން ފެށުމާއެކުއެވެ. ފެޑެރަލް ސަރުކާރުގެ މުވައްޒަފުންނާއި ޚަރަދުތައް ބޮޑަށް ކުޑަކުރުމުގެ މަސައްކަތުގެ އާންމު މޫނުކަމުގައި މަސްކް ވެގެންދިޔުމާއެކު ކުރީގައި އޭނާއަށް ތާއީދުކުރިފަރާތްތަކުން ޓެސްލާއާ ދުރަށް ޖެހެންވަނީ ފަށައިފަ އެވެ.

ފަހު ބަސް

  • ދުނިޔޭގެ އެންމެ މުއްސަނދި މީހާ ކަމުގައިވާ މަސްކް ފޮކްސް ބިޒްނަސްގައި ބުނެފައިވަނީ އަހަރެއްގެ މުއްދަތަށް ޓްރަމްޕް ސަރުކާރުގައި ހުންނާނެކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް