ޓްރަމްޕް ރައީސް ކަމުގެ ހުވާ ކުރައްވަނީ (ފޮޓޯ/ ގެޓީ އިމޭޖެސް)

އެމެރިކާގައި އުފަން ވިޔަސް ރައްޔިތުކަން ދިނުން ހުއްޓުވަން ޓްރަމްޕް ނެރުއްވި އަމުރު އިސްތިނާފު ކޯޓުން ހުއްޓުވައިފި

ރަތަމަ ދުވަހު ޓްރަމްޕް ވަނީ އެމެރިކާގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ދަރިންނަށް އުފަންވާ ކުދިންނަށް ރަށްވެހިކަމުގެ ހައްގު ނުދިނުމަށް އެގްޒެކެޓިވް އަމުރެއް ނެރުއްވާފައި
20 ފެބްރުއަރީ 2025

އެމެރިކާގައި އުފަންވިއަސް ރައްޔިތުކަން ނިގުޅައިގަތުމަށް ރައީސް ޓްރަމްޕް ގެންގުޅުއްވާ ޕްލޭނަށް ފެޑެރަލް އިސްތިއުނާފު ކޯޓުން ވެސް ރޭ ހުރަސްއަޅައިފި އެވެ. އެއީ ގަވައިދާ ހިލާފަށް އެމެރިކާގައި އުޅޭ މީހުންނާއި ބޯޑަރު ހުރަސްކުރުން ހުއްޓުވުމަށް ރިޕަބްލިކަން ޕާޓީން ގެންގުޅޭ ހަރުކަށި ފިޔަވަޅުތަކުގެ ބައެކެވެ.

އެމެރިކާގެ 9 ވަނަ ސާކިޓް ކޯޓް އޮފް އެޕީލްސް އިން ވަނީ ދަށު ކޯޓުގެ ފަނޑިޔާރެއްގެ އަމުރު މަޑުޖައްސާލަން ޖަސްޓިސް ޑިޕާޓްމަންޓުން ހުށަހެޅި ކުއްލި އެދުމަށް ދެކޮޅު ހަދައިފަ އެވެ.

ވަކިވަކިން ހަތަރު ފަނޑިޔާރަކު ވަނީ އެ އަމުރަށް ހުރަސް އަޅައިފަ އެވެ. ނަމަވެސް ބުދަ ދުވަހުގެ މި ނިންމުމަކީ ގާނޫނު އަސާސީން ލިބިދޭ ހައްގެއް ނިގުޅައިގަތުމަށް ރައީސް ޓްރަމްޕް ކުރައްވަމުން ގެންދަވާ މަސައްކަތަށް އިސްތިއުނާފް ކޯޓަކުން ބުރަވި ފުރަތަމަ ފަހަރެވެ. އެ މައްސަލައަކީ ސުޕްރީމް ކޯޓާ ހަމައަށް ދާނެ މައްސަލައެއް ކަމަށް ބެލެވެ އެވެ.

ތިން ފަނޑިޔާރުންގެ ޕެނަލްގައި ހިމެނިވަޑައިގަންނަވާ އެއް ފަނޑިޔާރަކު، ކޯޓުގެ ނިންމުމަށް ތާއީދުކޮށް ވިދާޅުވީ އެ މައްސަލައަކީ ސަރުކާރަށް ކާމިޔާބު ލިބުމުގެ ފުރުސަތު ހަނި މައްސަލައެއް ކަމަށާއި އެ ވަރުގެ ހަރުދަނާ ހުށަހެޅުމެއް ސަރުކާރަށް ދެއްކިފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލައަށް ކުއްލި ފަރުވާއެއް ދޭން ނުޖެހޭ ކަމަށާއި އެފަދަ ލުޔެއް ދޭން ޖެހޭނީ ވަރަށް މަދު ހާލަތްތަކެއްގައި ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

އެ ޕެނަލްގެ އަމުރާ ގުޅޭ ގޮތުން ވައިޓް ހައުސްއިން އެއްވެސް ބަޔާނެއް ނެރެފައެއް ނުވެ އެވެ.

ބުދަ ދުވަހުގެ ކޯޓު އަމުރަކީ ވޮޝިންޓަން ސްޓޭޓްގައި ގިނަ ސްޓޭޓްތަކަކުން ހުށަހެޅި މައްސަލައަކާ ގުޅިގެން ނެރުނު އަމުރެކެވެ. ޓްރަމްޕްގެ އަމުރަށް މެރީލޭންޑް، ނިއު ހެމްޕްޝަޔާ އަދި މެސަޗޫސެޓްސްގެ ފަނޑިޔާރުން ވެސް ވަނީ ހުރަސް އަޅައިފަ އެވެ.

ވެރިކަމުގެ ފުރަތަމަ ދުވަހު ޓްރަމްޕް ވަނީ އެމެރިކާގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ދަރިންނަށް އުފަންވާ ކުދިންނަށް ރަށްވެހިކަމުގެ ހައްގު ނުދިނުމަށް އެގްޒެކެޓިވް އަމުރެއް ނެރުއްވައިފަ އެވެ.

އެމެރިކާގެ ސަރުކާރުން ޒަމާނުއްސުރެ އަމަލު ކުރަމުން އަންނަ އުސޫލަކީ، އަދި ގާނޫނު އަސާސީގެ 14 ވަނަ އިސްލާހު މާނަކުރަމުން އައި ގޮތަކީ މައިންބަފައިންގެ ހިޖުރަކުރުމުގެ ކަންކަމަށް ބެލުމެއް ނެތި އެމެރިކާގެ ބިމުގައި އުފަންވާ ކޮންމެ ކުއްޖަކަށް އުފަންވާ އިރު ރައްޔިތުކަން ދިނުމެވެ.

މި އެގްޒެކެޓިވް އަމުރަކީ 2024 ވަނަ އަހަރުގެ އިންތިހާބާ ދިމާކޮށް ޓްރަމްޕް ވަރަށް ބޮޑަށް ކެމްޕެއިން ކުރެއްވި މައްސަލައެކެވެ. އަދި ދެކުނު ބޯޑަރު ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅޭ މީހުން ހަންމަތަ ކުރުމަށް އެޅި ހަރުކަށި ފިޔަވަޅެއްގެ ދަށުން ނެރުނު އަމުރެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް