ހަނގުރާމައިގެ ތެރޭގައި ގާޒާއަށް އެހީ ފޯރުކޮށްދިނުމަށް ވަގުތީގޮތުން ޤާއިމުކޮށްފައިވާ ޓްރައިޑެންޓް ޕިއަރގައި އެމެރިކާ ސިފައިން ތިބިއިރު، ގާޒާގެ ކަނޑުގެ ސަރަޙައްދު ފެންނަ މަންޒަރެއް، 25 ޖޫން 2024.

ބޭރު ދުނިޔެ

ގާޒާ ސަރަހައްދު ސާފުކޮށް އަލުން ބިނާކުރުމަށް ޓްރަމްޕް ހުށަހަޅާ ޕްލޭނަކީ ނުވިސްނޭވަރުގެ ބޮޑު ޚަރަދެއް ހިނގާނެ ކަމެއްކަމަށް ތަޖުރިބާކާރުން ބުނެފި

ޓްރަމްޕް ހުށަހަޅާފައިވާ ގާޒާ ޕްލޭނަށް 100,000 އަށްވުރެ ގިނަ ސިފައިން ބޭނުންވެދާނެ ކަމަށާއި، މިއީ އެތައް އަހަރެއް ނަގާނެ މަސައްކަތެއްކަން ތަޖުރިބާކާރުން ފާހަގަކޮށްފައިވޭ
6 ފެބްރުއަރީ 2025

ގާޒާ ސަރަހައްދު އަލުން ބިނާކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭނަކީ އިރާގު ހަނގުރާމައިގެ ތަޖުރިބާއިން ދައްކާގޮތުން، އެކަށީގެންވާ ވަރަށްވުރެ ބޮޑު ނުރައްކަލެއް އޮތް، އަދި އަރަބި ގައުމުތަކުގެ އެއްބާރުލުން ނުލިބޭނެ ކަމެއްކަމަށް ޑިފެންސް އަދި ސެކިއުރިޓީ ދާއިރާގެ މާހިރުން ވިދާޅުވެ އެވެ.

  • އެޓްލާންޓިކް ކައުންސިލްގެ ކައުންޓާ ޓެރަރިޒަމް ޕްރޮޖެކްޓްގެ ވެރިޔާ އަދި ކުރީގެ ޑިފެންސް ސެކްރެޓަރީ އޮފީހުގެ ސްޕެޝަލް އޮޕަރޭޝަންސް ޗީފް އެލެކްސް ޕްލިޓްސަސް ވިދާޅުވީ ގާޒާ ސަރަހައްދު ސާފުކޮށް އަލުން ބިނާކުރެވޭނެ ކަމަށް ޓްރަމްޕް ދައްކަވާ ވާހަކައަކީ އެމެރިކާގެ ބޮޑު އަސްކަރީ އަދި އިގްތިސާދީ ބައިވެރިވުމެއް ބޭނުންވާނެ ކަމެއް ކަމަށެވެ. ނަމަވެސް މި މަސައްކަތަށް ޚަރަދު ކުރާނީ ކޮން ފަރާތަކުންކަން އަދި ސާފުނުވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

އެމެރިކާގެ ސިފައިން އެ ސަރަޙައްދުގައި ތިބެއްޖެނަމަ، އެ ސިފައިންނަށް ގެއްލުން ލިބޭނެ ކަމަށާއި، މިއީ ޓްރަމްޕްގެ ވޯޓަރުން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށް ޕްލިޓްސަސް ވިދާޅުވި އެވެ. ޚާއްސަކޮށް ގާޒާގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުން ގަދަކަމުން ނެރެފިނަމަ، އެ ބަޔަކު އޮކިއުޕައިން ބާރުތަކާ ދެކޮޅަށް ހަތިޔާރު ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

  • "އިރާގުން އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގުނީ، ކައުންޓާ އިންސާޖެންސީ އޮޕަރޭޝަނެއްގައި ލެއާއި މުދާ ވަރަށް ބޮޑަށް ގެއްލޭކަން. އަދި ދެފަރާތުގެ ދެމެދުގައި ތާށިވާ އާންމު ރައްޔިތުންގެ ފުރާނައަށް ވެސް ވަރަށް ބޮޑެތި ގެއްލުންތައް ލިބޭކަން،" ޕްލިޓްސަސް ވިދާޅުވިއެވެ.

އެމެރިކާގެ މޮޑަން ވޯ އިންސްޓިޓިއުޓްގެ އާބަން ވޯފެއާ ސްޓަޑީސްގެ ޗެއާ ޖޯން ސްޕެންސާ ގަލްފްގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސްޕެންސާ ވިދާޅުވީ މި މަސައްކަތަށް އެތައް ދުވަހެއް ނަގާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އިޒްރޭލު ސިފައިން މިހާރު ސާފުކޮށްފައިވާ ސަރަޙައްދުތަކުގައި އަދިވެސް ގޮވާ ތަކެތި ހުރުމަކީ އެކަށީގެންވާ ކަމެކެވެ.

ޔޫއެސް މިލިޓަރީ އެކަޑަމީގެ މޮޑަން ވޯ އިންސްޓިޓިއުޓްގެ އާބަން ވޯފެއާ ސްޓަޑީސްގެ ޗެއާ ޖޯން ސްޕެންސާ: އޭނާ ވިދާޅުވީ ގާޒާ ސަރަހައްދު ސާފުކޮށް އަލުން ބިނާކުރުމަށް އެތައް އަހަރެއްގެ މަސައްކަތް ކުރަންޖެހޭނެ ކަމަށް.

"މި ހަނގުރާމައިގެ ވަރަށް ޚާއްސަ ސިފަތަކެއް ހުރި. ވީރާނާވެފައިވާ މިންވަރާއި ހަލާކުވެފައިވާ މިންވަރު ވަރަށް ބޮޑު. މީހުން މި މަސައްކަތުގެ ބުރަކަން އަންދާޒާ ނުކުރޭ،" ސްޕެންސާ ވިދާޅުވި އެވެ.

ނަމަވެސް މި ހުރިހާ ކަމަކަށްވުރެ މުހިންމު ކަމަކީ، މި ޕްލޭނަށް އަރަބި ގައުމުތަކުގެ އެއްބާރުލުން ލިބޭނެކަމުގެ އެއްވެސް ހެއްކެއް ނެތްކަން ކަމަށް ސްޕެޝަލިސްޓުން ފާހަގަކުރެއެވެ.

ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ ގިނަ މެންބަރުން ވެސް ގާޒާއާ ގުޅޭ މި ހުށަހެޅުމާމެދު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

"އަޅުގަނޑުމެން ވޯޓުދިނީ އެމެރިކާ ފަސްޓް އަށް ނޫންތޯ؟ އަޅުގަނޑުމެންގެ މުދަލާއި ސިފައިންގެ ލޭ އަނެއްކާވެސް އިތުރު އޮކިއުޕޭޝަނަކަށް ހޭދަކުރުމުގެ ވިސްނުން ގެންގުޅުމުގެ ޖާގައެއް ނެތް،" ރިޕަބްލިކަން ސެނެޓާ ރޭންޑް ޕޯލް އެކްސްގައި ލިޔުއްވިއެވެ.

ޕްލިޓްސަސް ވިދާޅުވީ ގާޒާ ސަރަހައްދު އަތުލައި، ހިފަހައްޓައި އަދި ސާފުކުރުމަށް ގާތްގަނޑަކަށް 100,000 ސިފައިން ބޭނުންވާނެ ކަމަށެވެ.

  • "އެއީ ހަމައެކަނި ސެކިއުރިޓީގެ ބައި. އޭގެ އިތުރުން އަލުން އިމާރާތްކުރުމާއި، ވެރިކަން ހިންގުމާއި ގައުމު ބިނާކުރުމުގެ ބައި އެބައޮތް. މިއީ ސަރުކާރުގެ އެހެން އޮފީސްތައް ވެސް ހިމެނޭ ކަމެއް،" އޭނާ ފާހަގަކުރެއްވިއެވެ.

ޖޯން ސްޕެންސާ ވިދާޅުވީ މި މަސައްކަތަށް އެތައް ހާސް ސިފައިނެއް އެއްގަމާއި ކަނޑު މަގުން ގެންނަން ޖެހޭނެ ކަމަށާއި، ހަމާސް މުޅިން ނައްތާލެވެންދެން ނުވަތަ ހަތިޔާރު ދޫކޮށްލަންދެން މި މަސައްކަތަށް ވަރަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށެވެ.

އިރާގުގެ މޯސަލްގައި އައިސިސް ހަނގުރާމަވެރިންނާ ދެކޮޅަށް ކުރި ހަނގުރާމައަށްފަހު، އެ ސަރަހައްދުން ގޮވާ ތަކެތި ސާފުކުރުމަށް ފަސް އަހަރު ނެގިއެވެ. އެއީ އެންމެ ސިޓީއެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް