ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ރާޖަޕަކްސަ. (ފޮޓޯ/ޕީޓީއައި)
މަހިންދަގެ ދޮށީ ދަރިކަލުން ނަމާލްގެ މައްޗަށް ވެސް ހިޔާނާތުގެ ދައުވާ އުފުލައިފި
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދޮށީ ދަރިކަލުން ނަމާލް ރާޖަޕަކްސާ އިންޑިއާގެ އިންވެސްޓްމަންޓަކުން 2015 ވަނަ އަހަރު ހިޔާނާތްތެރިވި ކަމުގެ ދައުވާ ހައި ކޯޓުގައި އުފުލައިފި އެވެ.
ކްރިޝް ހޮޓެލް ޕްރޮޖެކްޓްގެ ފައިސާ އިން ރަގްބީ ކުޅިވަރު ތަރައްގީ ކުރުމަށް 70 މިލިއަން ލަންކާ ރުޕީސް ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތުގައި ނަމާލް ރާޖަޕަކްސާ، 38، 2016 ވަނަ އަހަރު ހައްޔަރު ކުރި އެވެ. އޭރު އޭނާ އަކީ ލަންކާގެ ކުޅުންތެރިއެކެވެ.
ކޮލަމްބޯ ކޮމާޝަލް ޑިސްޓްރިކްޓްގެ މެދުގައި އިމާރާތް ކުރަމުން އަންނަ ކްރިޝް ހޮޓާ ޕްރޮޖެކްޓްގައި މައްސަލަ ޖެހި އަދިވެސް ހުރީ ހުއްޓިފަ އެވެ. އެ އިމާރާތުން އާންމުންނަށް ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު އޮތުމުން ދާދި ފަހުން ވަނީ އެ މައްސަލަ ކޯޓަށް ވެސް ހުށައަޅައިފަ އެވެ.
ކްރިޝް ހޮޓަލުގެ މައްސަލަ 2016 ވަނަ އަހަރުން ފެށިގެން ހުއްޓިފައި އޮންނާތީ، އާ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކަގެ ނެޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ) ސަރުކާރުން ވަނީ ނަމާލްއާ ސުވާލުކޮށްފަ އެވެ.
އެފަދަ ސުވާލު އުފެދޭ މުދަލުގެ މައްސަލާގައި ނަމާލްގެ ކޮއްކޮ، ޔޮޝިތާ ރާޖަޕަކްސަ ވެސް ވަނީ މިދިޔަ ހަފްތާގައި ހައްޔަރުކޮށްފަ އެވެ. ނަމަވެސް ކަފާލާތުގެ ދަށުން މިހާރު އޭނާ ވަނީ ދޫކޮށްލައިފަ އެވެ.
ނަމާލްގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅޭ ގޮތުން އޭނާ 'އެކްސް'ގައި ވިދާޅުވީ މިހާރުގެ ސަރުކާރުން ރާޖަޕަކްސަ އާއިލާއާ ދެކޮޅަށް ސިޔާސީ ގޮތުން ވަކި ބަޔަކާ ދެކޮޅަށް މަސައްކަތް ކުރާ ގޮތަށް ކަންކަން ކުރަމުންގެންދާ ކަމަށެވެ.
މަހިންދަ ދިރިއުޅުއްވާ ދައުލަތުގެ ރަސްމީ ގެއިން ނުކުމެވަޑައިގަތުމަށް އިންކާރު ކުރެއްވުމުން އޭނާ ދެކެ ސަރުކާރުން ވަނީ ރުޅިގަދަވެފަ އެވެ. ސަރުކާރުން ބުނާ ގޮތުގައި، ރާޖަޕަކްސަ ދިރިއުޅުއްވަނީ ޓެކްސް ދައްކާ ފަރާތްތަކުގެ މަދަދުގަ އެވެ.
އޭނާގެ އަމިއްލަ ރައްކާތެރިކަން ސަރުކާރުން ވަރަށް ބޮޑަށް ކުޑަކުރުމަށް އެޅި ފިޔަވަޅު އަނބުރާ ގެންދިއުމަށް އޭނާ ވަނީ ސުޕްރީމް ކޯޓަށް މީގެ ކުރިން ވެސް ހުށަހަޅުއްވައިފަ އެވެ.
އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ކުރީގެ ރައީސުންނަށް ގާނޫނުއަސާސީން ރިޓަޔާމަންޓް އިނާޔަތްތައް ލިބުން ހައްގު ކަމަށެވެ.