ކޮލަމްބިއާއަށް ފޮނުވާލާ މީހުން ބޯޓަކަށް އަރުވަނީ.
އެމެރިކާއިން ކޮލަމްބިއާއަށް ފޮނުވާލާ މީހުންގެ ފްލައިޓަށް ޖާގަ ދިނުމުން ޑިއުޓީ މެދުކަނޑާލައިފި
އެމެރިކާ އިން ފޮނުވާލާ ހިޖުރަވެރިން ބަލާދިއުމަށް އެއްބަސްވެ، މަތިންދާބޯޓު ފޮނުވާނެ ކަމަށް އިއުތިރާފުވުމުން، ކޮލަމްބިއާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން ޑިއުޓީ ނެގުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުއްލި ގޮތަކަށް ނިންމެވި ނިންމެވުމަށް އަމަލުކުރުން މެދުކަނޑާލައްވައިފި އެވެ.
އެމެރިކާ އިން ޑީޕޯޓް ކުރާ މީހުން ގޮވައިގެން ދަތުރުކުރާ އަސްކަރީ ދެ މަތިންދާބޯޓު ކޮލަމްބިއާގައި ޖެއްސުން، އެ ގައުމުގެ ރައީސް ރޭ މަނާ ކުރެއްވުމުން ޓްރަމްޕް ވަނީ އެ ގައުމުން އެމެރިކާއަށް އެތެރެ ކުރާ މުދަލަށް ވަގުތުން %25 ޑިއުޓީ ޓެރިފެއް ނެގުމަށް އަމުރު ކުރައްވައިފަ އެވެ.
ކޮލަމްބިއާގެ ރައީސް ގުސްތާވޯ ޕެޓްރޯ އެންމެ ފުރަތަމަ ރައްދު ދެއްވީ، އެމެރިކާ އިން އަނބުރާ އެ ގައުމަށް ފޮނުވާލާ ރައްޔިތުން "މަދަނީ މަތިންދާބޯޓުތަކުގައި، ކުށްވެރިންގެ ގޮތުގައި ނުބަލައި ފޮނުވާ ނަމަ" ބަލައިގަންނާނެ ކަމަށެވެ.
ވައިޓް ހައުސްއިން ފަހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުގައި ކޮލަމްބިއާއަށް އަނބުރާ ފޮނުވާ ހިޖުރަވެރިން "ހައްދެއް ނެތި ނުވަތަ ލަސްނުކޮށް" ބަލައިގަތުމަށް ކޮލަމްބިއާ އިން މިހާރު އެއްބަސްވެފައިވާ ކަމަށެވެ. ކޮލަމްބިއާއިން ބުނީ މަޝްވަރާތައް ދަމަހައްޓާނީ "ރައްޔިތުންގެ ކަރާމާތް ކަށަވަރު ކުރުމަށް" ކަމަށެވެ.
ވައިޓް ހައުސްއިން ވަނީ ކޮލަމްބިއާއާ އެކު ވީ އެއްބަސްވުމަކީ ޓްރަމްޕްގެ ހަރުކަށި ވިސްނުމަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އެ ދެ ފަރާތުން އެއްބަސްވުމަކަށް އައިސްފައި މިވަނީ އިއްޔެ އެ ގައުމުގެ ދެ ލީޑަރުން ސޯޝަލް މީޑިއާގައި އިންޒާރުގެ މުއާމަލާތްތައް ކުރެއްވުމަށް ފަހު އެވެ.
ކޮލަމްބިއާގެ ރައީސް ވަނީ މީގެ ކުރިން އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތައް ކޮލަމްބިއާއަށް ވަނުމަށް ދެކޮޅު ހައްދަވައިފަ އެވެ. އެކަމަށް އޭނާ ދެކޮޅު ހެއްދެވީ ހިޖުރަކުރާ މީހުން އަނބުރާ ފޮނުވާލަން ޖެހޭނީ "ކަރާމާތާއި އިހުތިރާމާ އެކު" ކަމަށް ވިދާޅުވުމަށް ފަހު އެވެ.
އޭގެ ރައްދުގައި ޓްރަމްޕް ވަނީ އޭނާގެ ސޯޝަލް މީޑިއާ ސައިޓް، ޓްރޫތު ސޯޝަލްގައި ޓެރިފާއި ވިސާގެ ދަތިކުރުމުގެ ފިޔަވަޅުތައް ހިމެނޭ ގޮތަށް "އަވަސް އަދި ނިންމަންޖެހޭ ބަދަލުހިފުމުގެ ފިޔަވަޅުތައް" އިއުލާނު ކުރައްވައިފަ އެވެ.
ޕެޓްރޯ 'އެކްސް'ގައި ރައްދު ދެއްވީ އޭނާގެ އަމިއްލަ ޓެރިފް އިއުލާނުކޮށް، ކޮލަމްބިއާގެ ތަރިކަ ފާހަގަކުރާ ޕޯސްޓަކުންނެވެ.
"އެމެރިކާގެ ބްލޮކޭޑަކީ އަހަރެން ބިރުގަންނަ ކަމެއް ނޫން. ކޮލަމްބިއާ އަކީ ރީތިކަމުގެ ގައުމެއްގެ އިތުރުން ދުނިޔޭގެ ހިތް،" އޭނާ ވިދާޅުވި އެވެ.
އޭގެ އިރުކޮޅެއްގެ ތެރޭގައި ދެ ފަރާތުން މައްސަލަ ހައްލުކުރި ތަން ފެނުނު އިރު، ވައިޓް ހައުސްއިން ބުނީ ކޮލަމްބިއާ އިން "ރައީސް ޓްރަމްޕްގެ ހުރިހާ ކަމަކަށް" އެއްބަސްވެފައިވާ ކަމަށެވެ.
ވައިޓް ހައުސްއިން ބުނީ ޓްރަމްޕް ހުށަހެޅުއްވި ޓެރިފްތައް "ފުރިހަމައަށް ޑްރާފްޓް" ކޮށްފައިވާ ކަމަށާއި ކޮލަމްބިއާއިން މި އެއްބަސްވުމަށް އިހުތިރާމް ނުކޮށްފި ނަމަ އަދިވެސް އެއަށް އަމަލު ކުރާނެ ކަމަށެވެ.
ޓްރަމްޕް ވަނީ ބޯޑަރު ސަރަހައްދުގައި ތިބި ކޮލަމްބިއާގެ ރައްޔިތުންނާ މެދު ވިސާ ދަތިކުރުމުގެ ފިޔަވަޅުއެޅުމާއި އިންސްޕެކްޝަންތައް އިތުރު ކުރުމަށް ވެސް އިއުލާނު ކުރައްވައިފަ އެވެ. ވައިޓް ހައުސްއިން ބުނީ ކޮލަމްބިއާއަށް ޑީޕޯޓުކުރި މީހުންގެ ފުރަތަމަ މަތިންދާބޯޓް ކާމިޔާބުކަމާ އެކު އެނބުރި އެމެރިކާއަށް ދަންދެން އެ އަމުރު ދެމިއޮންނާނެ ކަމަށެވެ.
ކޮލަމްބިއާގެ ހާރިޖީ ވަޒީރު ލުއިސް ގިލްބާޓޯ މުރިލޯ ވިދާޅުވީ އެ ގައުމަށް "ޑީޕޯޓްކުރާ މީހުންގެ ގޮތުގައި އެނބުރި އަންނަ ކޮލަމްބިއާގެ ރައްޔިތުން އެ ގައުމަށް ބަލައިގަންނާނެ" ކަމަށެވެ. އޭނާ ވިދާޅުވީ ހައްގުތަކެއް ލިބިގެންވާ ރައްޔިތެއްގެ ހައިސިއްޔަތުން، އެ މީހުންނަށް ރަނގަޅު ހާލަތްތަކެއް ކަށަވަރުކޮށްދޭނެ ކަމަށެވެ.
ޕެޓްރޯގެ ރިޔާސީ މަތިންދާބޯޓު އޮތީ ކޮލަމްބިއާގެ ހިޖުރަވެރިން ގެނައުމަށް ތައްޔާރުކޮށްފަ އެވެ. ނަމަވެސް، އޭގެ ކުރިން އެމެރިކާގެ އަސްކަރީ މަތިންދާބޯޓުގައި އެ މީހުން ވަނީ ގައުމަށް ގެންގޮސްފަ އެވެެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރިއަށް އޮތް ގަޑިތަކުގައި ގިލްބާޓޯ މުރިލޯ މަތީފަންތީގެ ބައްދަލުވުންތަކަށް ވޮޝިންޓަނަށް ވަޑައިގަންނަވާނެ ކަމަށެވެ.
ދެ ގައުމުގެ ދެމެދުގައި ހަމަނުޖެހުން އުފެދިފައި މިވަނީ ޓްރަމްޕްގެ ސަރުކާރުން "ގަނޑުކޮށް ޑީޕޯޓް" ކުރާނެ ކަމަށް ވައުދުވެފައިވާ ދަނޑިވަޅެއްގަ އެވެ.