ޔޮޝިތަ ރާޖަޕަކްސާ
ރާޖަޕަކްސަގެ ދަރިކަލުން ކަފާލާތުގެ ދަށުން ދޫކޮށްލައިފި
މަނީ ލޯންޑާކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި، ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ދެވަނަ ދަރިކަލުން ޔޮޝިތަ ރާޖަޕަކްސާ ކަފާލާތުގެ ދަށުން ދޫކޮށްލައިފި އެވެ.
މިއަދު ހެނދުނު ކޮލޮމްބޯ މެޖިސްޓްރޭޓް ކޯޓުގައި ބޭއްވި ދިގު އަޑުއެހުމަކަށް ފަހު ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލީ 50 މިލިއަން ރުޕީސް ބެހެއްޓުމަށް ޝަރުތުކޮށްފަ އެވެ. ކަފާލާތް ދިން އިރު ދެން އޭނާގެ މައްޗަށް އެ ކޯޓުން ކުރި ޝަރުތުތަކަކީ:
-
ގައުމުން ބޭރަށް ދަތުރުކުރުން މަނާކުރުން؛ އެ ކޯޓުން ވަނީ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް އިމިގްރޭޝަންގެ މައްޗަށް ނެރެފައި
-
ކޮންމެ މަހެއްގެ އެންމެ ފަހު އާދީއްތަ ދުވަހު ލަންކާ ފުލުހުންގެ ފައިނޭންޝަލް ކްރައިމްސް އިންވެސްޓިގޭޝަން ޑިވިޝަނަށް ހާޒިރުވުމަށް
-
މައްސަލައިގެ ހެކިންނަށް ނުފޫޒު ފޯރުވުން މަނާކުރުމަށް
ކަފާލާތުގެ ދަށުން ޔޮޝިތަ ދޫކޮށްލުމަށް އަމުރު ނެރެން ފަނޑިޔާރުން މިއަދު ނިންމެވީ އޭނާ ބަންދުގައި ބަހައްޓައިގެން ތަހުގީގުކުރިއަށް ގެންދަން ޖެހޭ ކަމަށް އެކަށީގެންވާ އަދި ގަބޫލުކުރެވޭ ހެކި ހުށަހެޅުމަށް ދައުލަތުން ނުކުޅެދުމުން ކަމަށް ކަފާލާތު ދޭން ފަނޑިޔާރުން ކުރެއްވި ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
ލަންކާގެ ސީއައިޑީ އޮފިސަރުން ޔޮޝިތަ ހައްޔަރުކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އޭނާގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތުކުރަނީ 34 މިލިއަން ރުޕީސްގެ ބިމެއްގެ މުއާމަލާތާ ގުޅިގެންނެވެ. އެ މައްސަލައިގައި ބޮޑު ތުހުމަތެއް އޮތީ އޭނާގެ މާމަ ޑެއިސީ ފޮރެސްޓް ވިކްރަމަސިންހާގެ މައްޗަށެވެ.