އަލީ ރަޒީނީ (ވ) އާއި މުހައްމަދު މޮގީޝާ

އީރާން

އީރާންގެ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއްގެ ގަޔަށް ބަޑިޖަހައި އަވަހާރަކޮށްލައިފި

ދެ ފަނޑިޔާރުން އަވަހާރަކޮށްލީ ކީއްވެގެންކަމެއް ނޭނގޭ، ނަމަވެސް 1980 އާއި 1990ގެ އަހަރުތަކުގައި އިސްލާމީ ވެރިކަމާ ދެކޮޅު މީހުންނަށް އަނިޔާކޮށް މަރާލުމުގައި ދެ ފަނޑިޔާރުންގެ ދައުރެއް އޮތް ކަމަށް ބެލެވޭ
18 ޖެނުއަރީ 2025

އަވަހާރަކޮށްލުމުގެ ގަސްތުގައި ދިން ބަޑީގެ ހަމަލާއެއްގައި އީރާނުގެ ސުޕްރީމް ކޯޓުގެ އިސް ދެ ފަނޑިޔާރަކު އަވަހާރަކޮށްލައިފި އެވެ.

އީރާގެ ވެރި ރަށް ތެހެރާނުގެ ކޯޓަށް ހަތިޔާރު އެޅި މީހަކު ވަދެ، އަލީ ރަޒީނީ އާއި މުހައްމަދު މޮގީޝާ މިއަދު ވަނީ އަވަހާރަކޮށްލައިފަ އެވެ.

ޝަރުއީ ދާއިރާގެ ނިއުސް ވެބްސައިޓް މިޒާން އިން ބުނި ގޮތުގައި ހަމަލާ ދިން މީހާ ވަނީ އެތަނުން ފިލައިގެން ގޮސް އަމިއްލައަށް މަރުވެފަ އެވެ. އެ ހަމަލާގައި ބޮޑީގާޑަކަށް ވެސް ވަނީ އަނިޔާވެފަ އެވެ.

ދެ ފަނޑިޔާރުން އަވަހާރަކޮށްލީ ކީއްވެގެންކަން އަދި ވަނީ ކަށަވަރުނުވެފަ އެވެ. ނަމަވެސް 1980 އާއި 1990ގެ އަހަރުތަކުގައި އިސްލާމީ ވެރިކަމާ ދެކޮޅު މީހުންނަށް އަނިޔާކޮށް މަރާލުމުގައި ދެ ފަނޑިޔާރުންގެ ދައުރެއް އޮތް ކަމަށް ބެލެވެ އެވެ.

ޝަރުއީ ދާއިރާގެ މީޑިއާ އޮފީހުން ދައުލަތުގެ ނޫސް އެޖެންސީ އިރްނާއަށް ދިން ބަޔާނެއްގައި ބުނެފައި ވަނީ އެ ހަމަލާ އަކީ ރޭވިގެން ދިން ހަމަލާއެއް ކަމަށެވެ.

އިބްތިދާއީ ހޯދުންތަކުން އެނގޭ ގޮތުގައި ހަމަލާ ދިން މީހާއަކީ ސުޕްރީމް ކޯޓުން ބެލި އެއްވެސް މައްސަލައެއްގައި ޝާމިލުވާ މީހެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ. އަދި އެ ހަމަލާދިނުމުގައި ބައިވެރިވި ކަމަށް ބެލެވޭ އިތުރު ބަޔަކު ދެނެގަނެ ހައްޔަރުކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

ޝަރުއީ ދާއިރާގެ ތަރުޖަމާނު އަސްގަރު ޖަހަންގީރު އީރާނުގެ ދައުލަތުގެ ޓީވީއަށް ވިދާޅުވީ ހަމަލާ ދިން މީހާ ބަޑި ޖެހުމުގެ ކުރިން ފިސްތޯލައެއް ހިފައިގެން ކޯޓަށް ވަދެފައިވާ ކަމަށެވެ.

އެ ދެ ބޭފުޅުންގެ ތެރެއިން ރަޒީނީ ވަނީ 1998 ވަނަ އަހަރުގައި ވެސް އަވަހާރަކޮށްލަން ހަމަލާއެއްދީފަ އެވެ. ނަމަވެސް އެ ފަހަރު އޭނާ ސަލާމަތްވި އެވެ. އޭނާ އަކީ އީރާނުގެ ޝަރުއީ ދާއިރާގެ އެންމެ އިސް އެއް ފަނޑިޔާރެވެ. އަނެއްް ފަނޑިޔާރު މޮގީޝާއަކީ އެމެރިކާ އިން 2019 ވަނަ އަހަރު ދަތިކުރުމުގެ ފިޔަވަޅު އެޅި ބޭފުޅެކެވެ. އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން ތުހުމަތުކުރާ ގޮތުގައި އޭނާ އަކީ އެތައް ބޭއިންސާފު ޝަރީއަތްތަކެއް ހިންގަވާފައިވާ ފަނޑިޔާރެކެވެ. 

އޭރު އޭނާ ހުންނެވީ ތެހެރާން ރިވޮލިއުޝަނަރީ ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭނާގެ ނަން ސުޕްރީމް ކޯޓަށް ހުށަހެޅީ 2020 ވަނަ އަހަރު އެވެ.

މޮގީޝާއަކީ 2023 ވަނަ އަހަރު ކެނެޑާއިން ދަތިކުރުމުގެ ފިޔަވަޅު އެޅި އީރާނުގެ ހަތް ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް