އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ފަޔަފައިޓަރުން ހަރަކާތްތެރި ވަނީ. (ފޮޓޯ/ގެޓީ އިމޭޖަސް)
އެމެރިކާގެ އަލިފާންގަނޑު ކޮންޓްރޯލްކުރަން މަދު ވަގުތުކޮޅެއް
އެމެރިކާގެ ލޮސް އެންޖެލިސްގައި ރޯވި އަލިފާނަށް އިއްޔެ ހަ ދުވަސް ވީއިރު، ވައި މަޑުވި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ލުޔެއް ހޯދުމަށް އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުން އަވަސް މަސައްކަތްތަކެއް އިއްޔެ ކޮށްފި އެވެ.
ކެލިފޯނިއާގެ ގަވަރުނަރު ގެވިން ނިއުސޯމް ވިދާޅުވި ގޮތުގައި، މިއީ އެމެރިކާގެ ތާރީހުގައި ވެސް ކުރިމަތިވި އެންމެ ނުރައްކާތެރި ގުދުރަތީ ކާރިސާ އެވެ. އޭނާ ވިދާޅުވި ގޮތުގައި، މިހާ ހިސާބަށް 24 މީހަކު މަރުވެ، އެތައް ހާސް ގެއެއް ވަނީ އަނދައި ހުލިވެފަ އެވެ. އަދި ލައްކައެއްހާ މީހުން ދުރު ހިސާބުތަކަށް ބަދަލުކުރަން ޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަލިފާނުގެ ސަބަބުން މުޅި ތަނަށް ގެއްލުން ލިބި، މުއްސަނދިންނާއި އާންމުންގެ ގެތައް ވަނީ ބިމާހަމަވެފަ އެވެ. އޮފިޝަލުން ބުނާ ގޮތުގައި، 12،300އެއްހާ އިމާރާތް ހަލާކުވެފައިވެ އެވެ.
މަތިންދާބޯޓު ބޭނުންކޮށްގެން ޕެސިފިކް ކަނޑުން ފެން ނަގައިގެން ފެންޖަހާ އަދި އަލިފާން ނިއްވާ ޒާތުގެ ކެމިކަލް ވެސް ވައިގެމަގުން އަލިފާން ރޯވެފައިވާ ހިސާބުތަކަށް ދަނީ އޮއްސަމުންނެވެ. ލޮސް އެންޖެލިސްގެ ބްރެންޓްވުޑް އަދި ޕެލިސޭޑްސްއަށް އަލިފާނުގެ އަސަރު ކޮށްފައިވާ އިރު، ހަތިޔާރުގެ އާލާތްތަކާއި ހޮޅި ހިފައިގެން ފައިމަގުގައި ވެސް ސިފައިން ދަނީ އަލިފާން ނިއްވުމަށް މަސައްކަތްކުރަމުންނެވެ.
ލޮސް އޭންޖެލިސްގެ ހުޅަނގު ފަރާތުގައި ރޯވި އަލިފާންގަނޑުގެ ސަބަބުން 96 އަކަކިލޯމީޓަރުގެ ބިން އަނދާފައި ވާއިރު، އަލިފާން ނިއްވާ ފަރާތްތަކަށް ކޮންޓްރޯލް ކުރެވިފައި ވަނީ އަލިފާންގަނޑުގެ %13 އެވެ. އެ އަވަށުގެ އިރުމަތީ ފަރާތުގައި ރޯވި އަލިފާންގަނޑުގައި 57 އަކަކިލޯމީޓަރު އަނދައިގެން ގޮސްފައި ވާއިރު، އަލިފާން ނިއްވާ ފަރާތްތަކުން ވަނީ އޭގެ %27 ކޮންޓްރޯލް ކޮށްފަ އެވެ.
ކެލިފޯނިއާ ޑިޕާޓްމަންޓް އޮފް ފޮރެސްޓްރީ އެންޑް ފަޔަ ޕްރޮޓެކްޝަނުން ބުނި ގޮތުގައި، މުޅި އަލިފާންގަނޑުގެ %89 ކޮންޓްރޯލްކޮށްފައި ވާއިރު، އެހެން ހިސާބުތަކުގައި ފެތުރުނު އިތުރު ތިން އަލިފާންގަނޑު މިހާރު ވަނީ އެއްކޮށް ކޮންޓްރޯލްކޮށްފަ އެވެ.
މި ހަފުތާގެ ކުރީކޮޅު އެރި ތޫފާން ސެންޓާ އަނާއަށް ލުޔެއް ލިބުމުން އަލިފާން ނިއްވާ ފަރާތްތަކަށް މި ހަފުތާ ބަންދުގައި ވަގުތީ ބްރޭކެއް ލިބުނެވެ.
މިދިޔަ އޭޕްރީލުން ފެށިގެން ލޮސް އޭންޖެލިސްއަށް ވާރޭ ވެހިފައި ނުވާއިރު، ރެއިން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ގަޑިއަކު 50 މޭލާއި 70 މޭލާ ދެމެދުގެ ބާރުމިނުގައި ސެންޓާ އަނާގެ ވައި ޖެހޭނެ ކަމަށް އެމެރިކާގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރެ އެވެ.