ޗާގޯސް ރަށެއް.
ޗާގޯސް ރަށްތަކަށް އަހަރަކު 90 މިލިއަން ޕައުންޑް މޮރިޝަސްއަށް ދޭން ހުށަހަޅައިފި
ޗާގޯސް ރަށްތަކުގެ އިސްތިގުލާލު ދޫކޮށްލުމަށް މޮރިޝަސްއާ އެކު ހަދާފައިވާ އެއްބަސްވުން މުރާޖައާކޮށް އެ އެއްބަސްވުން ދަމަހައްޓާ ނަމަ އަހަރަކު މޮރިޝަސްއަށް ގާތްގަނޑަކަށް 90 މިލިއަން ޕައުންޑް ދޭން އިނގިރޭސި ސަރުކާރުން ހުށަހަޅާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.
އިނގިރޭސިވިލާތާއި އެމެރިކާގެ އަސްކަރީ މަރުކަޒެއް އޮންނަ ޗާގޯސް ރަށްތަކުގެ އިސްތިގުލާލު ދޫކޮށްލައި އެހެން ނަމަވެސް އެ ތަން ކުއްޔަށް ހިފުމަށް ހަދާފައިވާ އެއްބަސްވުން ދެމެހެއްޓުމަށް އިނގިރޭސި ސަރުކާރުން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.
ޗާގޯސްގެ އިސްތިގުލާލު ދޫކޮށްލުމާ މެދު މޮރިޝަސްގެ ކުރީގެ ސަރުކާރާއި އިނގިރޭސި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމަށް މޮރިޝަސްގެ އާ ބޮޑުވަޒީރު ދެކޮޅު ހެއްދެވުމާއި އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބައިވެރިންގެ ނުރުހުމާ އެކު އެ އެއްބަސްވުމުގެ މުސްތަގުބަލާ މެދު ވަނީ ބޮޑެތި ޝައްކުތަކެއް އުފެދިފަ އެވެ.
ފައިނޭންޝަލް ޓައިމްސް އާއި ބްލޫމްބާގް ނޫހުން ބުނި ގޮތުގައި، އެއްބަސްވުމުގެ ޑްރާފްޓް ފައިނަލް ކުރުމުގެ ގޮތުން މޮރިޝަސްއަށް ފައިސާ ދިނުމަށް އިނގިރޭސި ސަރުކާރުން މިހާރު އަންނަނީ ހުށަހަޅަމުންނެވެ.
އެ އެއްބަސްވުމުގެ ދަށުން ޑިއޭގޯ ގާސިއާގެ އަސްކަރީ މަރުކަޒު ކުއްޔަށް ނަގަން އިނގިރޭސިވިލާތަށް ކިހާ ވަރެއް ހަރަދު ވާނެ ކަމާ މެދު ވަޒީރުން އެއްވެސް އެއްޗެއް އަދި ނުބުނެ އެވެ.
ނަމަވެސް ހަބަރުތައް ބުނާ ގޮތުން، އިނގިރޭސިވިލާތުން ފުރަތަމަ 99 އަހަރަށް ކުއްޔަށް ހިފުމަށް ހުށަހަޅަނީ އަހަރަކު ގާތްގަނޑަކަށް 90 މިލިއަން ޕައުންޑަށެވެ. އެއީ 99 އަހަރަށް 8.9 ބިލިއަން ޕައުންޑެވެ.
މީގެ އިތުރުން، ސަރުކާރުން ހުށަހަޅަނީ އެތައް އަހަރެއްގެ ފައިސާ ހިމެނޭ ގޮތަށް އިބްތިދާއީ ފައިސާއެއް ދެއްކުމަށް ކަމަށް ވެސް ބުނެފައިވެ އެވެ. އެއީ އެމެރިކާގެ އިންތިހާބީ ރައީސް މި މަހު 20ގައި ހުވާ ކުރެއްވުމުގެ ކުރިން އެއްބަސްވުމުގެ ކަންކަން ނިންމުމަށެވެ.
ޗާގޯސް ރަށްތަކުގެ އެއްބަސްވުމަށް އަހަރަކު 90 މިލިއަން ޕައުންޑް ހަރަދުވާނެ ކަމަށް އިނގިރޭސި ބޮޑުވަޒީރުގެ އޮފީހުން އިންކާރު ނުކުރި ނަމަވެސް އެ މަޝްވަރާތައް ހިނގަމުންދާ ކަމާ މެދު އެ އޮފީހުން ވަކި އެއްޗެއް ނުބުނެ އެވެ.
ކޮމެންޓް (1)
ތެފައާސާ.