1 ޖެނުއަރީ 2005ގައި ނަގާފައިވާ ފޮޓޯއެއް: އިންޑޮނީޝިއާގެ އަޗޭ ޕްރޮވިންސްގެ މިއުލަބޯހް އަވަށް މަތިން ފެންނަ މަންޒަރުން ހަލާކުވެފައިވާ ގެތައް. (ފޮޓޯ/އޭޕީ)

އިންޑޮނީޝިއާ

ހިތާމަ ފާޅުކުރުމާ އެކު ސުނާމީއަށް 20 އަހަރު ފުރުން ފާހަގަކޮށްފި

އިންޑޮނޭޝިޔާގައި މަރުވި މީހުންގެ ތެރެއިން 14،000އަށް ވުރެ ގިނަ މީހުން ވަޅުލާފައިވަނީ އުލީ ލުޔޫ ވިލެޖްގެ ބޮޑު ގަބުރުސްތާނެއްގައި
26 ޑިސެމްބަރު 2024

މިޒަމާނުގެ ތާރީހުގައި ކުރިމަތިވި އެންމެ ނުރައްކާތެރި އެއް ގުދުރަތީ ކާރިސާ، އިންޑިއާ ކަނޑުގެ ރަށްތަކަށް އެރި ސުނާމީއަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އިންޑޮނޭޝިއާގެ އަޗޭ ޕްރޮވިންސްގެ ބޮޑު ގަބުރުސްތާނުތަކަށް މިއަދު ގިނަ ބަޔަކު ޖަމާވެ، ސުނާމީގެ ހަނދާންތައް އާކޮށްފި އެވެ.

އިންޑޮނޭޝިޔާގައި މަރުވި މީހުންގެ ތެރެއިން 14،000އަށް ވުރެ ގިނަ މީހުން ވަޅުލާފައިވަނީ އުލީ ލުޔޫ ވިލެޖްގެ ބޮޑު ގަބުރުސްތާނެއްގަ އެވެ. މިއަދު ގިނަ ބަޔަކު ވަނީ އެ ގަބުރުސްތާނަށް އެއްވެ، ރޮއި ހިތާމަ ފާޅުކޮށްފަ އެވެ. އެއީ އިންޑޮނޭޝިއާގެ އެންމެ އުތުރު ޕްރޮވިންސްގެ ވެރިރަށް ބަނޑާ އަޗޭގައި ގިނަ ބަޔަކު ވަޅުލާފައިވާ ގަބުރުސްތާނެކެވެ. ބިންހެލުމާއި ސުނާމީގެ އަސަރު އެންމެ ބޮޑަށް ކުރި އެއް ސަރަހައްދަކީ އަޗޭ ބެސާރު އަވަށެވެ.

"އަހަރެން އެ މީހުން މަތިން ހަނދާންވޭ. އަދިވެސް އެ މީހުންވީ ކޮންތާކު ކަމެއް ނޭނގޭ. އަހަރެންނަށް ހަމައެކަނި އެނގޭ ކަމަކީ އަހަރަކު އެެއް ފަހަރު އުލީ ލޫ އާއި ސިރޯންގައި ހުންނަ ބޮޑު މަހާނައަށް ޒިޔާރަތްކުރާކަން،" މީގެ 20 އަހަރު ކުރިން އޭނާގެ ދެ ދަރިން ގެއްލި އަދި އެ މީހުންގެ ހަށިގަނޑުތައް އަދި އަދަށްދާންދެން ފެނިފައި ނުވާ މުހައްމަދު އަމީރުއްދީން، 54، ބުންޏެވެ.

"މި ދުނިޔެއަކީ ވަގުތީ ތަނެއް. އެހެންވީމާ އަނެކުންނަށް ބޭނުންތެރި ދިރިއުޅުމަކަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުން މުހިންމު،" ގަބުރުސްތާނަށް ޒިޔާރަތް ކުރި އެހެން މީހަކު ބުންޏެވެ.

މީގެ 20 އަހަރު ކުރިން، 26 ޑިސެމްބަރު 2004ގައި އިންޑޮނޭޝިއާގެ ސުމަޓްރާގެ އައްސޭރިފަށަށް އައި 9.1 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމާ ގުޅިގެން ސުނާމީއެއް އުފެދި، އޭޝިއާގެ އެތައް ގައުމަކުން 230،000އެއްހާ މީހުން ވަނީ މަރުވެފަ އެވެ. އެ ސުނާމީ އިރުމަތީ އެފްރިކާއާ ހަމައަށް ވެސް ފޯރި އެވެ. 

އެ ސުނާމީގައި 1.7 މިލިއަން މީހުންގެ ގެދޮރު ވަނީ ގެއްލިފަ އެވެ. ސުނާމީގައި އެންމެ ބޮޑެތި ގެއްލުންތައްވި ހަތަރު ގައުމުގެ ތެރޭގައި އިންޑޮނޭޝިއާ، ސްރީ ލަންކާ، އިންޑިއާ އަދި ތައިލެންޑް ހިމެނެ އެވެ.

ސުނާމީގައި ރާއްޖެއަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއްވެފަ އެވެ. އެގޮތުން، 82 މީހަކު މަރުވެ، 26 މީހަކު ވަނީ ގެއްލިފަ އެވެ.

ސުނާމީއަށް 20 އަހަރު ފާއިތުވެގެން ދިޔަ ނަމަވެސް، ޕްރޮވިންސްގެ ވެރިރަށް ބަނޑާ އަޗޭއާ ހަމައަށް އިމާރާތްތައް ހަމަ ބިމާ ހަމައަށް ތިރިކޮށްލި ބިޔަ ރާޅުގެ ސަބަބުން ގެއްލުނު ގާތްތިމާގެ މީހުންގެ ހަނދާތައް އާކުރުން ނޫން ގޮތެއް އެ މީހުންނަކަށް ނެތެވެ.

ބަނޑާ އަޗޭގައި ހުންނަ ބައިތުއްރަހުމާން މިސްކިތަށް އެތައް ހާސް ބަޔަކު އެއްވެ ވަނީ ނަމާދުކޮށްފަ އެވެ. ސުނާމީ އެރި ބިންހެލުމުގެ ވަގުތު ފާހަގަކުރުމުގެ ގޮތުން ތިން މިނެޓު ވަންދެން މުޅި ސިޓީގައި ސައިރަންގެ އަޑު އިއްވި އެވެ.

އަޗޭ އަލުން އިމާރާތްކޮށް، ސުނާމީ އައުމުގެ ކުރިން ހުރި ވަރަށް ވުރެ މިހާރު ވަނީ އިމާރާތްތައް ވަރުގަދަކޮށްފަ އެވެ. ސުނާމީ ކާރިސާގެ ނުރައްކާ ކުރިމަތިވެދާނެ ކަމަށް ލަފާކޮށް ގޮނޑުދޮށުގެ ސަރަހައްދުތަކުގައި ކުރިއަށް އިންޒާރު ލިބޭ ސިސްޓަމްތައް ގާއިމުކޮށް ރައްކާތެރިކަން ހޯދޭނެ ގޮތްތައް ވަނީ ހޯދައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް